އަހަރުގެ މިހާތަނަށް ކައުންސިލުތަކަށް ދޭ ބްލޮކް ގްރާންޓުގެ ގޮތުގައި 1.25 ބިލިޔަން ރުފިޔާ ދޫކޮށްފައިވާ ކަމަށް މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެެ.
މިއީ، މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު އިތުރު އަދަދެކެވެ.
މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާއި ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ އެންމެފަހުގެ ވީކްލީ ފިސްކަލް ޑިވެލޮޕްމެންޓް ރިޕޯޓުން ދައްކާ ގޮތުގައި، އަހަރުގެ މިހާތަނަށް ކައުންސިލް ގްރާންޓުގެ ގޮތުގައި 1.25 ބިލިޔަން ރުފިޔާ ވަނީ ދޫކޮށްފައެވެ. މިއީ، މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 16.8 އިންސައްތައިގެ އިތުރުވުމެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ގްރާންޓުގެ ގޮތުގައި ކައުންސިލުތަކަށް ދޫކޮށްފައިވަނީ، 1.07 ބިލިޔަން ރުފިޔާއެވެ.
މިއަހަރަކީ، ރާއްޖޭގެ ތާރީޚުގައިވެސް ކައުންސިލުތަކަށް އެންމެ ބޮޑު ބްލޮކް ގްރާންޓެއް ދިނުމަށް ބަޖެޓުކޮށްފައިވާ އަހަރެވެ. މި އަހަރުގެ ބަޖެޓުގައި ކައުންސިލުތަކުގެ ގްރާންޓުގެ ގޮތުގައި ޖުމްލަ 2.47 ބިލިޔަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ. ފާއިތުވި އަހަރުތަކަށް ބަލާއިރު، 2023 ވަނަ އަހަރު 2.1 ބިލިޔަން ރުފިޔާ ބަޖެޓުކުރި ނަމަވެސް، އޭގެ އިތުރަށް 8 މިލިޔަން ރުފިޔާ ހޭދަކޮށްފައިވެއެވެ. އަދި އޭގެ ކުރީ އަހަރުވެސް ކައުންސިލުތަކަށް 2.2 ބިލިޔަން ރުފިޔާ ދޫކޮށްފައިވާކަން ފާހަގަކުރެވެއެވެ.
ކައުންސިލުތަކަށް ފައިސާ ދޫކުރުމުގައި އެންމެ ބޮޑު އަދަދެއް ލިބެނީ، ސިޓީ ކައުންސިލުތަކަށެވެ. މީގެ ތެރެއިންވެސް އެންމެ ބޮޑު ބަޖެޓެއް ކަނޑައަޅާފައިވަނީ، މާލޭ ސިޓީ ކައުންސިލަށެވެ. 2020 ވަނަ އަހަރުން ފެށިގެން ކައުންސިލުތަކަށް ފައިސާ ދޫކުރަނީ، ދައުލަތުގެ އާމްދަނީއަށް ބިނާކޮށް ކަނޑައަޅާ ފިސްކަލް ފޯމިއުލާއެއްގެ ދަށުން 'ބްލޮކް ގްރާންޓް'ގެ ގޮތުގައެވެ.
ކައުންސިލުތަކަށް ދޭ އެހީގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އެގޮތުން މިހާރު އަތޮޅު ކައުންސިލުތައް އުވާލާފައިވާއިރު، ރަށު ކައުންސިލުތަކާއި ސިޓީ ކައުންސިލުތަކަށް ލިބޭ ގްރާންޓުގެ އިންސައްތަ އިތުރުވާނެ ކަމަށް ސަރުކާރުން މީގެކުރިން ވަނީ ވިދާޅުވެފައެވެ.
ކުރިއަށް އޮތްތަނުގައި ކައުންސިލުތަކަށް ބަޖެޓު ކަނޑައެޅުމުގައި ހަމައެކަނި އާބާދީއަށް ބެލުމުގެ ބަދަލުގައި، ރަށުގެ ބިމުގެ ބޮޑުމިނަށް ބަލައިގެން ފައިސާ ދޫކުރާ ގޮތަށް އުސޫލު ބަދަލު ކުރުމަށްވެސް ސަރުކާރުން ވަނީ ނިންމާފައެވެ. މިއީ ކައުންސިލުތަކުގެ މާލީ ތަނަވަސްކަން އިތުރުކޮށް، ތަރައްޤީގެ މަޝްރޫޢުތައް ހަރުދަނާ ކުރުމަށް އެޅޭ ފިޔަވަޅެއް ކަމަށް ސަރުކާރުން ދެކެއެވެ.