ޚަބަރު

މައްކާގައި ކުރިއަށްދާ އިސްލާމިކް ކޮންފަރެންސް ގައި ޑރ.ޒިޔާދު


ސަޢުދީ ޢަރަބިއްޔާގެ މައްކާގައި މިމަހުގެ 18 އިން ފެށިގެން 20 ގެ ނިޔަލަށް ބާއްވާ "އެންޑޯވްމަންޓްސް އިސްލާމިކް ކޮންފަރެންސް" ހުޅުވުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ އަޙްމަދު ޒިޔާދު ބައިވެރިވެވަޑައިގެންފިއެވެ.

މި ކޮންފަރެންސްގައި ރާއްޖޭގެ އިތުރުން ބައެއް އެހެނިހެން އިސްލާމީ ޤައުމުތަކުގެ އިސްލާމިކް މިނިސްޓަރުންވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.

އިސްލާމިކް މިނިސްޓްރީން ހާމަކުރައްވާފައިވާގޮތުގައި މި ކޮންފަރެންސް އިފްތިތާޙްކޮށްދެއްވީ ސަޢުދީ ޢަރަބިއްޔާގެ މިނިސްޓަރ އޮފް ލޭބަރ އެންޑް ސޯޝަލް ޑިވެލޮޕްމަންޓް އަދި ސަޢުދީ ޢަރަބިއްޔާގެ "ޖެނެރަލް އޮތޯރިޓީ އޮފް އެންޑޯވްމަންޓްސް" ގެ ޗެއާމަން ޑރ ސަޢާދު ބިން މުފައްރިޖް ޙަޤްބާނީއެވެ. ކޮންފަރެންސް އިފްތިތާޙްކުރުމަށްޓަކައި ބޭއްވިޙަފްލާގައި ޑރ.މުފައްރިޖް ވަނީ ސަޢުދީ ޢަރަބިއްޔާގެ "ޖެނެރަލް އޮތޯރިޓީ އޮފް އެންޑޯވްމަންޓްސް" ގެ 2030 ގެ ތަޞައްވުރު ހުށަހަޅުއްވައިދެއްވާފައެވެ.

މި ކޮންފަރެންސަކީ އިސްލާމީ ގިނަ ޤައުމުތަކަކަށް ހުޅުވާލެވިގެން ބޭއްވި މިފަދަ ފުރަތަމަ ކޮންފަރެންސެވެ. އަދި ކުރިއަށްއޮތް ތަނުގައި ކޮންމެ އަހަރަކު މި ކޮންފަރެންސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ކޮންފަރެންސްގެ މައިގަނޑު މަޤްޞަދަކީ، ވަޤްފު މެދުވެރިކޮށް އިސްލާމީ މުޖްތަމަޢުތަކަށް ދެމެހެއްޓެނިވި އިޤްތިޞާދީ ތަރައްޤީއެއް ގެނެސްދިނުމަށް މަސައްކަތްކުރުމެވެ.

img:http://s4.psmnews.mv/images/660x400/14768981721791.jpg|

މިޙަފްލާގެ ހަވާސާގައި މިނިސްޓަރ ޑރ އަޙްމަދު ޒިޔާދު ވަނީ ސަޢުދީ ޢަރަބިއްޔާގެ މިނިސްޓަރ އޮފް ލޭބަރ އެންޑް ސޯޝަލް ޑިވެލޮޕްމަންޓް އަދި "ޖެނެރަލް އޮތޯރިޓީ އޮފް އެންޑޯވްމަންޓްސް" ގެ ޗެއާމަންޑރ ސަޢާދު ބިން މުފައްރިޖް ޙަޤްބާނީއާ ބައްދަލުކުރައްވާ، ދިވެހިރާއްޖޭގައި ވަޤްފް ކުރިއެރުވުމަށް ހުރި ފުރުޞަތުތަކާ ބެހޭގޮތުން މަޝްވަރާކުރައްވާފައިކަމަށް އިސްލާމިކް މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ.

މިނިސްޓަރ ގެ މިދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިމަހުގެ 23 ވާ އާދީއްތަ ދުވަހުކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކުރައްވައެވެ.