ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް، އައްޑޫ ގަން އިންޓަނޭޝަނަލް އެއަރޕޯޓުން ސީދާ ސައުދީ އަރަބިއްޔާއަށް އުމްރާ ދަތުރުތައް ފެށުމަށް ތައްޔާރުވެއްޖެއެވެ.
ރާއްޖެއިން އުމްރާ އަދި ހައްޖަށް ދާ ފަރާތްތަކަށް ލުއިފަސޭހަ އިންތިޒާމުތަކެއް ހަމަޖެއްސުމަށް ސަރުކާރުން ދަނީ، ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މިހާތަނަށް އައު އެތަށް ޚިދުމަތްތަކެއް ވަނީ ތައާރަފްކޮށްފައެވެ.
ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވީ، ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓުން ސީދާ ސައުދީ އަރަބިއްޔާއަށް ކުރާ އުމްރާ ދަތުރުތައް މާދަމާ ފަށާނެ ކަމަަށެވެ.
މޯލްޑިވިއަންގެ އޭ330 މަތިންދާބޯޓުގައި ކުރާ މި ތާރީޚީ ދަތުރަކީ، އައްޑޫ ސިޓީއާއި ދެކުނުގެ ސަރަހައްދުތަކުގެ ރައްޔިތުންނަށް ލިބޭނެ ވަރަށް ބޮޑު ފަސޭހައެއް ކަމަށް ވަޒީރު ވިދާޅުވިއެވެ. މި މުހިންމު މަސައްކަތް ޙަޤީޤަތަކަށް ހައްދަވައިދެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވި ދުރުވިސްނުންފުޅާއި ދެއްވި ލަފާފުޅަށް ވަޒީރު ވަނީ ރައީސްއަށް ޝުކުރު އަދާކުރައްވާފައެވެ.
For the first time in our history, an Umrah flight will depart directly from Gan International Airport tomorrow on @MaldivianAero ’s A330. This historic milestone brings greater convenience to the people of Addu and the southern region.
— Mohamed Ameen (@ameen3d) July 11, 2026
Sincere thanks to H.E. President Dr.…
ރާއްޖޭގެ ޤައުމީ އެއަރލައިން، މޯލްޑިވިއަންއިން ފުރަތަމަ ފަހަރަށް ޢުމްރާ ދަތުރުތައް ފަށާފައިވަނީ، މިދިޔަ އަހަރުގެ ޖުލައި މަހުގެ 22 ގައެވެ. ފުރަތަމަ ދަތުރުގައިވެސް 750 އަށްވުރެ ގިނަ އުމްރާވެރިން ދަތުރު ކުރިއެވެ. މޯލްޑިވިއަންއިން ޢުމްރާ ދަތުރުތަކުގައި ބޭނުންކުރަނީ، އެއަރބަސް ވައިޑް-ބޮޑީ މަތިންދާބޯޓެވެ. މޯލްޑިވިއަނުން އުމްރާ ދަތުރުތައް ފަށާފައިވާއިރު، މިދިޔަ އަހަރު ރާއްޖެއިން ޙައްޖަށް ދިޔަ ހައްޖާޖީން ސައުދީއަށް ގެންދިއުމަށްވެސް އެ އެއަރލައިނުން ވަނީ ދަތުރުތައް ބާއްވާފައެވެ.
ފަހަކަށް އައިސް ދިވެހިރާއްޖެއިން ޢުމްރާގެ މަތިވެރި އަޅުކަން އަދާކުރުމަށްދާ މީހުންގެ އަދަދު ވަނީ، ބޮޑުތަނުން އިތުރުވެފައެވެ. ޚާއްޞަކޮށް ޒުވާނުންނާއި، ތުއްތު ކުދިންނާއެކު މުޅި އާއިލާ އެއްކޮށް މި އަޅުކަމުގައި ބައިވެރިވާ މިންވަރު މިހާރު ވަނީ އިތުރުވެފައެވެ.
އައްޑޫ ސިޓީ ފަދަ އާބާދީ ބޮޑު ސަރަހައްދަކުން ސީދާ ޢުމްރާއަށް ދެވޭނެ އިންތިޒާމު ހަމަޖެހުމަކީ، މުޅި ދެކުނުގެ ރައްޔިތުންނަށް ލިބޭނެ ވަރަށް ބޮޑު ލުއިފަސޭހައެކެވެ. މީގެ ސަބަބުން މާލެއަށް ކުރަންޖެހޭ ދިގު ދަތުރުތައް ނިމުމަކަށް އައިސް، ވަގުތާއި ޚަރަދަށް ބެލިނަމަވެސް އާއިލާތަކަށް އިޤްތިސާދީ ގޮތުން ބޮޑު ލުޔެއް ލިބޭނެއެވެ.