ސަރުކާރުގެ ފްލެޓާއި، ގޯތި ހަމަޖައްސައިދޭނެ ކަމަށް ބުނެ މަކަރާއި ހީލަތުން ގިނަ ބައެއްގެ އަތުން ފައިސާ އަތުލި ކަމުގެ ތުހުމަތުގައި މަސްވެރިކަމާއި، ދަނޑުވެރިކަމާއި، ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ޑެޕިޔުޓީ މިނިސްޓަރު މުޙައްމަދު ޔަސީން މަޤާމުން ވަކިކޮށްފިއެވެ.
މިކަން ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސެއިން ޝަރީފް ވަނީ، ޕީއެސްއެމް ނިއުސްއަށް ކަށަވަރުކޮށްދީފައެވެ.
މި މައްސަލަ ސޯޝަލް މީޑިއާގައި ފެންމަތިވުމާ ގުޅިގެން، މަސްވެރިކަމާއި ބެހޭ ވުޒާރާއިން އެ މައްސަލަ ބެލުމަށްފަހު ޔަސީން މަޤާމުން ވަކިކޮށްފައިވަނީ، މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިންނެވެ. ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސެއިން ޝަރީފް ވިދާޅުވީ، މައްސަލަ ސަމާލުކަމަށް އައުމާއެކު އޭނާ ފުރަތަމަ ސަސްޕެންޑު ކުރި ކަމަށާއި، ވުޒާރާގެ އެތެރޭގެ ތަޙުޤީޤުން އެ ތުހުމަތުތަކުގައި ޙަޤީޤަތްތަކެއް ހުރިކަން ހާމަވުމުން މަޤާމުން ވަކިކުރީ ކަމަށެވެ.
ތަރުޖަމާނު ވިދާޅުވީ، ސަރުކާރުން ގެދޮރުވެރިކަމާއި ފްލެޓުގެ ހުރިހާ ކަމެއްވެސް ކުރިއަށް ގެންދާނީ ވަރަށް ދެފުށް ފެންނަ ގޮތަކަށް ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ކޮރަޕްޝަނަށް "ޒީރޯ ޓޮލެރެންސް" ގެންގުޅުއްވާކަން ފާހަގަކުރައްވައި، ކޮންމެ މަޤާމެއްގައި ހުރި މީހަކު ކަމުގައިވީ ނަމަވެސް ކޮރަޕްޝަންގެ މައްސަލައެއް ތުހުމަތު ކުރެވިއްޖެނަމަ އެކަން ބަލައި ވަގުތުން ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވިއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން މިއަދު ވިދާޅުވީ، ފްލެޓާއި ގޯތި ހަމަޖައްސައިދޭނެ ކަމަށް ބުނެ މަކަރާއި ހީލަތުން ބައެއްގެ އަތުން ފައިސާ އަތުލާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ފުލުހުންގެ ސަމާލުކަމަށް އައުމުން އެކަން ތަޙުޤީޤު ކުރަމުންދާ ކަމަށެވެ. ނަމަވެސް މި މައްސަލައިގެ އިތުރު ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.