ޚަބަރު

ތިޖޫރި ފަޅާލައި 4 މިލިޔަން ރުފިޔާ ވަގަށްނެގި މީހުންނަށް ދައުވާކޮށްފި


  • 5 މީހަކަށް ދަޢުވާ ކުރުމަށް ޕީޖީ އޮފީހުން ވަނީ ހުށަހަޅާފައި

  • ވަގަށްނެގި ފައިސާ އަނބުރާ ހޯދައި ބަދަލުލިބޭ ފަރާތަށް ނަގައިދިނުމަށް ވަނީ އެދިފައި

މ. ނަލަހިޔާ ރެސިޑެންސްގެ އެޕާޓްމަންޓެއްގައި ހުރި ދެ ތިޖޫރީއެއް ފަޅާލައި ގިނަ އަދަދެއްގެ ފައިސާ ވަގަށްނެގި މައްސަލާގައި 5 މީހެއްގެ މައްޗަށް ދަޢުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ.

މި މައްސަލައަކީ މިދިޔަ މާރިޗު މަހުގެ 15 ވަަނަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައި ހިނގާފައިވާ ހާދިސާއެކެވެ.

މި މައްސަލާގައި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގެ ދަޢުވާ އުފުލާފައިވަނީ މ. އޭސިޔާ، އަޙްމަދު ފާރިސް އާއި، ހދ. ނޮޅިވަރަންފަރު ޖަޒީލާމަންޒިލް ޖަޒީލު މުޙައްމަދު އާއި، ސ. މީދޫ މޫންލައިޓްވިލާ މުޙައްމަދު އަފްރާޙް އާއި، ރ. މަޑުއްވަރި ދާރުލް އައްވަލް އިސްމާޢީލް ޢާޞިފްގެ އިތުރުން ޅ. ނައިފަރު ކަސްތޫރިމާގެ މުޙައްމަދު ނޫރު އަޙްމަދުގެ މައްޗަށެވެ.

ޕީޖީ އޮފީހުން ނެރުނު ބަޔާނެއްގައި ވިދާޅުވީ، މި 5 މީހުން ބައިވެރިވެގެން ނަލަހިޔާ ރެސިޑެންސްގެ އެޕާޓްމަންޓެއްގައި ހުރި ތިޖޫރީތަކަށް ގެއްލުންދީ، އޭގައި ހުރި 3,992,000 (ތިންމިލިޔަން ނުވަލައްކަ ނުވަދިހަ ދެހާސް) ރުފިޔާ ވަގަށް ނަގާފައިވާ ކަމަށެވެ. މި ކުށުގެ އަސާސީ އަދަބަކީ 3 އަހަރާއި 2 މަހާއި 12 ދުވަހުގެ ޖަލު ހުކުމެކެވެ.

ވައްކަމުގެ ދަޢުވާގެ އިތުރުން، އަޙްމަދު ފާރިސް، ޖަޒީލު މުޙައްމަދު އަދި މުޙައްމަދު ނޫރު އަޙްމަދުގެ މައްޗަށް އެނގިހުރެ ހުއްދަނޫން ތަނަކަށް ވަނުމުގެ ދަޢުވާ އާއި މުދަލަށް ގެއްލުން ދިނުމުގެ ދަޢުވާވެސް ވަނީ އުފުލާފައެވެ. މި ދެ ދަޢުވާ އުފުލާފައިވަނީ އެޕާޓްމަންޓްގެ ވެރިފަރާތުގެ ހުއްދަނެތި އެތަނަށް ވަދެ، ކޮޓަރިތަކުގެ ދޮރުތަކަށާއި ތިޖޫރީތަކަށް ގެއްލުންދީފައިވާތީއެވެ. މި ކޮންމެ ކުށަކަށް އަސާސީ އަދަބެއްގެ ގޮތުގައި 4 މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.

މި މައްސަލާގައި ދަޢުވާލިބޭ މީހުންގެ އަތުން ވަގަށްނެގި ފައިސާ އަނބުރާ ހޯދައި، ބަދަލުލިބޭ ފަރާތަށް ނަގައިދިނުމަށްވެސް ކޯޓުގައި އެދިފައިވާނެ ކަމަށްވެސް ޕީޖީ އޮފީހުގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.