ޚަބަރު

ގްލޯބަލް ފަންޑް ޓު ފައިޓް އެއިޑްސް، ޓީބީ އަދި މެލޭރިއާގެ ބޯޑަށް ރާއްޖެއަށް


  • ރާއްޖެ އަދާކުރަނީ ދެކުނު އިރުމަތީ އޭޝިއާ ދައިރާގެ ބޯޑު މެންބަރުކަން

  • މަޤާމު އަދާކުރުމުގައި ޞިއްޙީ ހަމަހަމަކަން ޤާއިމްކުރަން އިސްކަންދޭނެ

ގްލޯބަލް ފަންޑް ޓު ފައިޓް އެއިޑްސް، ޓިއުބަކިއުލޯސިސް އަދި މެލޭރިއާގެ ބޯޑު މެންބަރެއްގެ ގޮތުގައި ތަމްސީލް ކުރުމުގެ ފުރުޞަތު ދިވެހިރާއްޖެއަށް ލިބިފައިވާ ކަމަށް ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. އެ ވުޒާރާއިން ވިދާޅުވީ މިކަމުގެ ސަބަބުން ދިވެހިރާއްޖެއަށް ބައިނަލްއަޤްވާމީ ޞިއްޙަތުގެ ސިޔާސަތު ކަނޑައެޅުމަށް މިހާރަށް ވުރެ ފުޅާ ދައުރެއް އަދާކުރެވޭނެ ކަމަށެވެ.

ސިއްޙަތާ ބެހޭ ވުޒާރާއިން މީސްމީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޖެނީވާގައި ކުރިއަށްދާ 55 ވަނަ ގްލޯބަލް ފަންޑް ޓު ފައިޓް އެއިޑްސް، ޓިއުބަކިއުލޯސިސް އަދި މެލޭރިއާގެ ބޯޑު ބައްދަލުވުމުގައި ދިވެހިރާއްޖެ، ދެކުނު އިރުމަތީ އޭޝިއާ ތަމްސީލް ކުރަމުންދާ ކަމަށެވެ. މިއީ ލިބިގެން ދިޔަ ފަޚުރެއްކަމަށް ޞިއްޙީ ވުޒާރާއިން ފާހަގަކުރައްވައެވެ. އެ ވުޒާރާއިން ވިދާޅުވީ ރާއްޖެއިން މިމަޤާމު އަދާ ކުރަނީ، ސަރަޙައްދީ ފެންވަރުގައި ޞިއްޙީ ހަމަހަމަކަން ޤާއިމްކުރުމަށާއި، ދެމެހެއްޓެނިވި ގޮތެއްގައި ޞިއްޙީ ނިޒާމު ކުރިއެރުވުމަށާއި، އެޗްއައިވީ، ޓީބީ އަދި މެލޭރިއާ އާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތައް އިތުރަށް ވަރުގަދަކުރުމުގެ ވަޢުދާއެކު ކަމަށެވެ.

ދެކުނު އިރުމަތީ އޭޝިއާ ދައިރާ ދިވެހިރާއްޖެއިން ތަމްސީލް ކުރާއިރު ރާއްޖެއަކީ މައިމީހާގެ ފުށުން ދަރިފުޅަށް އެޗްއައިވީ، ސިފިލިސް، އަދި ހެޕަޓައިޓިސް ބީ ވާރުތަވުން މުޅީން ހުއްޓުވައި އެކަމުގެ ކާމިޔާބީ ހާސިލްކުރި ދުނިޔޭގެ ފުރަތަމަ ޤައުމުކަން ސިއްޚީ ވުޒާރާއިން ފާހަގަކުރެއެވެ. ރާއްޖޭގެ މި ކާމިޔާބީ ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ރަސްމީކޮށް އިއުލާންކޮށްފައިވަނީ މިދިޔަ އަހަރު އޮކްޓޫބަރު މަހުއެވެ.

ރާއްޖެއިން ދަނީ ޞިއްޙީ ދައިރާގައި ބައިނަލްއަޤްވާމީ ގޮތުން ގިނަ ކާމިޔާބީތަކެއް ހާސިލްކުރަމުންނެވެ.

ޖެނީވާގައި ބޭއްވި 55 ވަނަ ބޯޑު ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ ޖުލައި މަހުގެ 9 އިން 10 އަށެވެ. އަދި އަންނަ އޮކްޓޫބަރު މަހު 56 ވަނަ ބައްދަލުވުން ބާއްވާނެއެވެ.