ނޯވޭގެ މަޝްހޫރު ފުޓްބޯޅަ ތަރި އާލިން ހާލަންޑާއި ވައްތަރު ރަޝިޔާގެ އަންހެން މޮޑެލްއެއް ސޯޝަލްމީޑިއާގައި މަޝްހޫރުވެއްޖެއެވެ.
ރަޝިޔާގެ މޮޑެލްއެއް ކަމަށްވާ އަނަސްތޭސިއާ ކޮސްޓްރޮމިޓީނާ އިންސްޓަގްރާމްގައި މަޝްހޫރުވެގެން ދިޔައީ ހާލަންޑްގެ ހަރަކާތްތައް ކޮޕީކޮށް އޭނާ ކުޅުނު ވީޑިއޯތަކަކާ ގުޅިގެންނެވެ.
މީގެ ތެރެއިން އެންމެ ބޮޑު މަގުބޫލުކަމެއް ހޯދި އެއް ވީޑިއޯއަށް މިހާތަނަށް 110 މިލިއަނަށްވުރެ ގިނަ ވިއުސް އަދި 5 މިލިއަނަށްވުރެ ގިނަ ލައިކްސް ވަނީ ލިބިފައެވެ.
މޮސްކޯގެ "މޯޝަން" މޮޑެލް އެޖެންސީގައި މަސައްކަތްކުރާ އުމުރުން 24 އަހަރުގެ ކޮސްޓްރޮމިޓީނާ، ބުނީ، އޭނާއަކީ ދުވަހަކުވެސް ފުޓްބޯޅައަށް ޝައުގުވެރިވި މީހެއް ނޫން ކަމަށެވެ. ނޯވޭ އަދި މެންޗެސްޓާ ސިޓީގެ ފޯވާޑް ހާލަންޑާ އޭނާ ވައްތަރުކަން ފުރަތަމަ ފާހަގަކުރީ އޭނާގެ ރަހުމަތްތެރިއެއް ކަމަށްވެސް އޭނާ ބުންޏެވެ.
ފުރަތަމަކޮޅު މިފަދަ އަޅާކިޔުންތަކާމެދު ކޮސްޓްރޮމިޓީނާ ހުރީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައެވެ. އޭނާ ބުނި ގޮތުގައި ފިރިހެން ފުޓްބޯޅަ ކުޅުންތެރިއަކާ އޭނާ އަޅާކިޔަންޖެހޭ ސަބަބެއް އެއިރު ނުވިސްނުނެވެ. ނަމަވެސް، ފަހުން އޭނާ ވަނީ މިކަން ބަލައިގަނެ، މަޖާ ކަމެއްގެ ގޮތުގައި ދެކެން ފަށާފައެވެ.
އަދި މިހާރު މިއީ އޭނާގެ މޮޑެލިން ކެރިއަރު ކުރިއެރުވުމަށް ލިބުނު ފުރުސަތެއްގެ ގޮތުގައި އޭނާ ބަލައިގަނެއެވެ. ސަބަބަކީ ގިނަ ބްރޭންޑްތަކަކުން މިހާރު އޭނާއާއެކު މަސައްކަތް ކުރުމަށް ޝައުގުވެރިކަން ފާޅުކުރަމުންދާތީއެވެ.
ކޮސްޓްރޮމިޓީނާ އުންމީދު ކުރަނީ އޭނާގެ ވީޑިއޯތައް ހާލަންޑަށް ކަމުދާނެ ކަމަށެވެ. ނަމަވެސް އޭނާގެ އެންމެ ބޮޑު އެދުމަކީ ހާލަންޑާއެކު ސެލްފީއެއް ނެގުމެވެ. އިންޓަނެޓްގައި ލިބުނު މަޝްހޫރުކަމާއި މޮޑެލިންގައި ލިބެމުންދާ ކާމިޔާބީގެ އިތުރުން، ކޮސްޓްރޮމިޓީނާ މިހާރު ވަނީ އާ ކަމަކަށް ޝައުގުވެރިކަން އުފެދިފައެވެ.
އެއީ ފުޓްބޯޅަ މެޗުތައް ބެލުމެވެ. އަދި ވޯލްޑް ކަޕްގައި އޭނާ ސަޕޯޓްކުރަނީ ނޯވޭ އަށެވެ.
އަނަސްތޭސިއާގެ އިތުރުންވެސް ގިނަ އަންހެން ކުދިންތަކެއް ވަނީ ހާލަންޑާއި ވައްތަރުވުމާއި ހާލަންޑްގެ އެކްޓުތައް ކޮށްގެން މަޝްހޫރުވެފައެވެ.
އެންމެ ފަހުން 1998 ވަނަ އަހަރު ފްރާންސްގައި ބޭއްވި ވޯލްޑް ކަޕްގެ ނޮކައުޓް ބުރަށް ދަތުރުކުރި ނޯވޭ، މިފަހަރުގެ މުބާރާތުގެ ކުއާޓަރ ފައިނަލްގައި ބައްދަލުކުރާނީ އިންގްލެންޑާއެވެ.