ކުޅިވަރު

ބެލްޖިއަމް ބަލިކުރެވޭނީ ޓީމެއްގެ ގޮތުގައި ކުޅެގެން: ސްޕޭން ކޯޗު


ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މިރޭ ބެލްޖިއަމްގެ މައްޗަށް ސްޕޭނަށް ކާމިޔާބު ހޯދޭނީ ޓީމެއްގެ ގޮތުގައި ކުޅެގެން ކަމަށް ކޯޗު ލުއިސް ޑެލަފުއެންޓޭ ބުނެފި އެވެ.

ކުއާޓާ ފައިނަލުގައި މި ދެ ގައުމު ބައްދަލު ކުރާ މެޗުގެ ކުރިން ވާހަކަ ދައްކަމުން ކޯޗު ބުނީ ބެލްޖިއަމަކީ ސްޕޭނަށް މިހާތަނަށް ކުރިމަތިވާނެ އެންމެ ވަރުގަދަ ޓީމު ކަމަށެވެ.

"އެ މީހުންނަކީ ވަރަށް ވަރުގަދަ ޓީމެއް. މޮޅު ކުޅުންތެރިން ތިބި ޓީމެއް. އެ މީހުންގެ އެޓޭކް ވަރަށް ވަރުގަދަ. އެކަމަކު އަހަރެން ގަބޫލު ކުރަނީ އަހަރުމެން ޓީމެއްގެ ގޮތުގައި ކުޅެފިނަމަ މި މެޗު ކާމިޔާބު ކުރެވޭނެ ކަމަށް. އަހަރުމެންގެ އެ ގާބިލްކަން އެބަހުރި،" ކޯޗު ބުންޏެވެ.

މި މެޗުން މޮޅުވާ ޓީމެއް ސެމީ ފައިނަލުގައި ވާދަ ކުރަން ޖެހޭނީ އެންމެ ފަހުގެ ރަނަރަން ފްރާންސާ އެވެ. ނަމަވެސް ކޯޗު ބުނީ ފްރާންސް މެޗަށް ވިސްނާނީ ސެމީ ފައިނަލް ޔަގީންކޮށްފައި ކަމަށެވެ.

"އަހަރެން އެ މެޗު ބެލިން. ފްރާންސަކީ ވަރަށް ވަރުގަދަ ޓީމެއް. ހުރިހާ ގޮތަކުން ވެސް. އެކަމަކު އަހަރުމެން އެ މެޗަށް މިވަގުތު ނުވިސްނަން. މިވަގުތު ފޯކަސް އަކީ ބެލްޖިއަމް،" އެންމެ ފަހުގެ ޔޫރޯ ސްޕޭނަށް ކާމިޔާބު ކޮށްދިން ކޯޗު ބުންޏެވެ.

އޭނާ އަދި ބުނީ ސްޕޭނުގެ ހަމަލާތަކުގައި ލަމީން ޔަމާލްގެ ރޯލު ބޮޑުވާން ޖެހޭ ކަމަށާއި ދިފާއަށްވުރެ ބޮޑަށް ޔަމާލަށް އެޓޭކިން ރޯލެއް ހާއްސަ ކުރެވޭނެ ގޮތަކީ ކޮބާތޯ ބަލައި އެކަން ކޮށްދޭނެ ކަމަށެވެ.