ރާއްޖެއަކީ އާބާދީގެ ނިސްބަތުން ފަލަބަލި ގިނަ ޤައުމެކެވެ. އާބާދީގެ ނިސްބަތުން ހަކުރުބަލިވެސް ގިނަ ޤައުމެކެވެ. ހެލިފެލިވެ އުޅުން މަދުވުމުގެ ސަބަބުން ހިތުގެ ގިނަ ބަލިތަކަކަށް އެކި އުމުރުގައި ހުށައެޅެމުންދާ މީހުންގެ ނިސްބަތް ގިނައެވެ. އެހެންކަމުން ރާއްޖެއިން ބޭރަށް އެންމެ ގިނައިން ފަރުވާއަށް ފޮނުވަންޖެހޭ އެއް ބައްޔަކީ ހިތުގެ ބަލިތަކެވެ. ހާޓްއެޓޭކް ފަދަ ކުއްލި ހާލަތްތަކުގައި ދެވޭ މާބޮޑު ފަރުވާއެއް ނެތުމުގެ ސަބަބުން ފުރާނައަށް ނުރައްކާވަމުންދިޔަ މީހުންވެސް ރާއްޖޭގައި މަދެއް ނޫނެވެ. އެހެންނަމަވެސް މިއަދު ހާލަތު ބަދަލުވެއްޖެއެވެ.
ރާއްޖޭގައި ހިތުގެ ފަރުވާ ފެށުމަށް ދިމާވި ހުރިހާ ގޮންޖެހުމަކާއެކުވެސް ޚިދުމަތް ފަށާ، ރައްޔިތުންނަށް އާސަންދައިގެ ދަށުން ހިތުގެ ފަރުވާ ދެމުންދާތާ މިހާރު 10 އަހަރު ވެއްޖެއެވެ. "ނޭޝަނަލް ކާޑިއަކް ސެންޓަރ" 2016 ވަނަ އަހަރު ޤާއިމުކުރިފަހުން، ވޭތުވެދިޔަ 10 އަހަރުގެ ތެރޭގައި ދުނިޔޭގެ ފެންވަރުގެ ފަރުވާ އެސެންޓަރުންދަނީ މިހާރު ފޯރުކޮށްދެމުންނެވެ.
ހިތުގެ ލޭހޮޅިތައް ހަރުވެފައި ހުރުމުގެ ސަބަބުން ދިމާވާ އެކި މައްސަލަތަކަށް ފަރުވާދިނުމާއި، ހިތަށް ކެމެރާ ލައްވައިގެން ނާރުތައް ސްކޭންކުރުމާއި، ހިތަށް ސްޓަންޓް ލެއްވުމާއި، ހިތުގައި ހުންނަ ލޯވަޅުތައް ބެއްދުމާއި، ހިތުގެ ވިންދު ދަށްވާ ބަލި މީހުންގެ ހިތަށް ޕޭސްމޭކަރ ލެއްވުމާއި، ހިތުގައި ސަރުބީ ޖަހާފައިވާ މިންވަރާއި އެނޫންވެސް ލޭހޮޅިތަކުގައި ހުންނަ މައްސަލަތައް ދެނެގަތުމަށް ހަދާ އެކިބާވަތުގެ އިމޭޖިންގ ޚިދުމަތާއި ހިތުގެ ބެދިފައި ހުންނަ ލޭހޮޅިތައް ހުޅުވުމުގެ ފަރުވާއާއެކު ހިތުގެ ފަރުވާއާއި ގުޅޭ މުހިއްމު ޚިދުމަތްތަކެއް މިހާރުވަނީ ދޭންފަށާފައެވެ.
"ވޭތުވެދިޔަ އަހަރުތަކުގައި އައިވަސް އަދި އޯސީޓީ އެހެންނަމަވެސް މިހާރު ސަރުކާރުން ސީދާ ރައީސުލްޖުމްހޫރިއްޔާގެ އެއްބާރުލެއްވުމާއެކު އިރާދަކުރެއްވިޔާ އެންމެ ލޭޓެސްޓް އިންޓްރާވެސްކިއުލަރ އަލްޓްރާސައުންޑާއި، އޯސީޓީގެވެސް އެންމެ ލޭޓެސްޓް ވަރޝަން މިއަހަރު އަޅުގަނޑުމެންނަށް ލިބޭނެ." ޑރ.ޝަނީޒް ވިދާޅުވިއެވެ.
ކާޑިއެކް ސެންޓަރުގެ ދަށުން ސީދާ ޕޭސްމޭކަރ ލައްވާފައި ހުންނަ ފަރާތްތަކަށް ޚާއްސަ ސަމާލުކަމެއް ދިނުމަށްޓަކައިވަނީ ވަކި ކްލިނިކެއް ޤާއިމުކޮށްފައެވެ. އެއީ ޕޭސްމޭކަރ ލައްވާފައި ހުންނަ ފަރާތްތަކުގެ ޕޭސްމޭކަރގެ ބެޓަރި މޮނީޓަރކުރުމާއި، ޕްރޮގްރާމް ރަނގަޅުތޯ ބެލުން ފަދަ މުހިއްމު ކަންކަން އެކްލިނިކްގައި ކުރެއެވެ. އަހަރެއްގެ މައްޗަށް 500 އާއި 600 އާއި ދެމެދުގެ ޢަދަދަކަށް ބަލި މީހުންނަށް އެކްލިނިކްގައި އަންނަނީ ފަރުވާދެމުންނެވެ.
ކާޑިއެކް ސެންޓަރު އިތުރަށް ފުޅާކޮށް ޚިދުމަތް ދިނުމަށް މިހާރު ބޭނުންވަނީ ޖާގައެވެ. އެހެންކަމުން އެސެންޓަރަށް ބޭނުންވާ ޖާގަ އިތުރުކުރުމަށް މިހާރުދަނީ މަސައްކަތްކުރަމުންނެވެ. ނޭޝަނަލް ކާޑިއެކް ސެންޓަރުގެ ބެލުމުގެ ދަށުން ސަރަޙައްދީ ހޮސްޕިޓަލްތަކުގައިވެސް ހިތުގެ ފަރުވާ ފެށުމުގެ މަސައްކަތްދަނީ ކުރަމުންނެވެ. މިގޮތުން މާލެއިން ބޭރުގައި ފުރަތަމަ ފަހަރަށް އައްޑޫގައި ހިތުގެ ބޮޑެތި ފަރުވާތަކެއް ދޭންފަށާފައިވާއިރު އައްޑޫގައި ޚިދުމަތް އިތުރަށް ފުޅާކުރުމުގެ މަސައްކަތްވެސްދަނީ ކުރަމުންނެވެ.
އެތައް ގޮންޖެހުމަކާއެކު ފެށި މިޚިދުމަތާއެކު މިހާރު ނޭޝަނަލް ކާޑިއެކް ސެންޓަރުވެފައިވަނީ ރާއްޖޭގެ ޞިއްޙީ ޚިދުމަތުގައި އެންމެ ކުރިއަރާފައިވާ ސެންޓަރަށްވެފައެވެ. އަދި ހިތުގެ ފަރުވާއާއި ގުޅިގެން ރާއްޖެއިން ބޭރަށް ފޮނުވަންޖެހޭ މީހުންގެ ނިސްބަތްވަނީ ބޮޑުތަނުން ދަށްވެފައެވެ.