ޚަބަރު

ވުޒާރާތަކާއި އެސްއޯއީތަކުގެ މީޑިއާ ޓީމުތަކަށް ތަމްރީނު ޕްރޮގްރާމްއެއް


  • ފުރަތަމަ ބުރުގައި އެކި ވުޒާރާތަކުން 7 މީހުން ބައިވެރިވި

  • ޕްރޮގްރާމް އިތުރަށް ފުޅާކޮށް ކުރިއަށް ގެންދާނެ

ސަރުކާރުގެ ވުޒާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މީޑިއާ ޓީމުތަކަށް އަމާޒުކޮށްގެން ކުރިއަށްގެންދާ "މާސްޓަރކްލާސް އޮން ޑިޖިޓަލް ކޮންޓެންޓް ކްރިއޭޝަން" ޕްރޮގްރާމްގެ ފުރަތަމަ ބުރު ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ޕަބްލިކް ސާރވިސް މީޑިއާގެ، މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓް، އެމްއެމްއައި ގުޅިގެން ކުރިއަށްގެންދާ މި ތަމްރީނު ޕްރޮގްރާމަކީ، ދައުލަތުގެ މުއައްސަސާތަކުގެ ސްޓްރެޓީޖިކް ކޮމިއުނިކޭޝަން ހަރުދަނާކުރުމަށް ހިންގާ ޚާއްސަ ހަރަކާތެކެވެ. މައިގަނޑު މަގުޞަދަކީ އެ މުއައްސަސާތަކުގެ މީޑިއާ ޔުނިޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ފަންނީ ގާބިލުކަން އިތުރުކުރުމެވެ.

މި ޕްރޮގްރާމާ ގުޅޭގޮތުން ޕީއެސްއެމްގެ މެނޭޖިންގ ޑައިރެކްޓަރ އަޙްމަދު ޝަކީބް ވިދާޅުވީ، މި ތަމްރީނުތަކުގެ ސަބަބުން ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތްތަކުގެ މައުލޫމާތު، ފުރިހަމަ ކަމާއެކު އަވަހަށް ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމަށް ބޭނުންވާ ފަންނީ ހުނަރުތައް މުވައްޒަފުންނަށް ދެވޭނެކަމަށެވެ. އަދި މިކަމުގެ ސަބަބުން ވުޒާރާތަކާއި ކުންފުނިތަކުގެ މީޑިއާ މަސައްކަތްތަކުގެ ފެންވަރު މަތިވެ، މައުލޫމާތު ފޯރުކޮށްދިނުމުގެ ނިޒާމު އިތުރަށް ހަލުވިވެގެންދާނެކަންވެސް ފާހަގަކުރެއްވިއެވެ.

"ވުޒާރާތަކުންނާއި ކުންފުނިތަކުން ކުރާ މަސައްކަތުގެ ވަރަށް ބޮޑުބައި ރައްޔިތުންނާއި ހަމައަށް ނައިސް ހުރޭ. ނައިސް ހުންނީ އެ މައުލޫމާތުތައް ސޯޝިއަލް މީޑިއާ ތެރެއިން ފޯރުކޮށްދިނުމުގެ މަސައްކަތް އެހާ ރަނގަޅަށް ނުކުރެވެނީ ކަންނޭގެ. ރައްޔިތުންނާއި ހަމައަށް ނާންނަކަމަށްވަޏާމު ކުރާކަމެއް ނޭގެނޭތާ ، ކުރާކަން ނޭގެންޏާއި ހީވާނީ ނުކުރަނީހެން. އެހެވީމަ މިއިން ނުކުންނާނެ އެންމެ ބޮޑު ނަތީޖާއަކީ އެކުރެވޭ މަސައްކަތްތައް ރައްޔިތުންނާއި ހަމައަށް ލިބުން" އެމްޑީ ޝަކީބް ވިދާޅުވިއެވެ.

މި މަސައްކަތާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އެސިސްޓަންޓް އަންޑަރސެކްރެޓަރީ މަރްޔަމް ރުޝްދާ ރަޝީދު ވިދާޅުވީ، ސަރުކާރުގެ މަޢުލޫމާތު ހާމަކުރުމުގެ އުޞޫލުތަކަށް ބަލާއިރު، ވުޒާރާތަކާއި ސަރުކާރު ޙިއްސާވާ ކުންފުނިތަކުން ކުރިއަށްގެންދާ މަޝްރޫޢުތަކުގެ މަޢުލޫމާތު ރައްޔިތުންނަށް އެދެވޭ ގޮތެއްގައި ފޯރުކޮށްނުދެވޭކަން ފާހަގަކުރެވިފައިވާ ކަމަށެވެ. ނަމަވެސް، މި ޕްރޮގްރާމްގެ ސަބަބުން ސަރުކާރުގެ މަޢުލޫމާތު ފޯރުކޮށްދިނުމުގެ ނިޒާމު ހަރުދަނާވެ، އެއްހަމަ ކުރެވޭނެކަމަށްވެސް ރުޝްދާ ވިދާޅުވިއެވެ.

"މި ޕްރޮގްރާމްގެ ސަބަބުން ސަރުކާރުން މައުލޫމާތު ފޯރުކޮށްދިނުން އެއްހަމަކުރެވި ރައްޔިތުންނާއި ހަމައަށް ހަމަކަން ބޮޑު ގޮތެއްގައި މައުލޫމާތު ފޯރުކޮށްދެވިގެންދާނެ. އަޅުގަނޑުމެން މި ބަލަނީ މި ޕްރޮގްރާމް ނިމޭއިރު އޭގެ ހެޔޮ ބަދަލު ފެންނާނެކަަމަށް" ރައިސުލްޖުމްހޫރިއްޔާ އޮފީހުގެ އެސިސްޓަންޓު އަންޑަރސެކެޓްރީ މަރްޔަމް ރުޝްދާ ރަޝީދު ވިދާޅުވިއެވެ.

މި ތަމްރީނު ޕްރޮގްރާމްގެ ސަބަބުން، މަޢުލޫމާތު ފޯރުކޮށްދިނުމުގައި މިހާރު ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް ބޭނުންވާ މުހިންމު މަޢުލޫމާތުތަކެއް ލިބިގެންދިޔަކަން، ބައިވެރިވި ވުޒާރާތަކުގެ ބޭފުޅުން ވަނީ ފާހަގަކޮށްފައެވެ.

"މާސްޓަރކްލާސް އޮން ޑިޖިޓަލް ކޮންޓެންޓް ކްރިއޭޝަން" ތަމްރީނު ޕްރޮގްރާމްގެ ފުރަތަމަ ބުރުގައި އެކި ވުޒާރާތަކުން ހަތް ބައިވެރިން ބައިވެރިވެ، ތަމްރީނު ފުރިހަމަކޮށްފައިވެއެވެ. ކުރިއަށް އޮތްތަނުގައި މި ޕްރޮގްރާމް އިތުރަށް ފުޅާކޮށް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.