ކުޅިވަރު

މިސްރު – އާޖެންޓީނާ މެޗުގެ ރެފްރީގެ ނިންމުތައް ބަރާބަރު: ކޮލީނާ


ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި އިއްޔެ ރޭ އާޖެންޓީނާ އަތުން މިސްރު ބަލިވި މެޗުގައި ރެފްރީ ނިންމާފައިވަނީ ބަރާބަރު ނިންމުންތަކެއް ކަމަށާއި އެ ނިންމުންތަކުގައި ޝައްކު އުފެދޭ އެއްވެސް ކަމެއް ނެތް ކަމަށް ފީފާގެ އިން ބުނެފި އެވެ.

ފީފާގެ ހެޑް އޮފް ރެފްރީޒް އަދި ދުނިޔެ ދެކެފައިވާ އެންމެ މޮޅު ރެފްރީ އިޓަލީގެ ޕިއަރް ލުއިޖީ ކޮލީނާ މި މެޗުގެ ނިންމުންތަކާމެދު ފީފާގެ ވެބްސައިޓުގައި ބުނެފައިވަނީ މެޗުގެ ރެފްރީ ފްރާންސްގެ ފްރޭންކޮއިސް ލެޓެޒިއާ ނިންމާފައިވާ އެއްވެސް ނިންމުމެއްގައި ޝައްކު ކުރާނެ ޖާގަ އެއް ނެތް ކަމަށެވެ.

މި މެޗުގައި އެންމެ ބޮޑު މައްސަލައަކަށްވީ މިސުރުގެ ޒިކޯ ޖެހި ގޯލު ގަބޫލު ނުކުރުމެވެ. ވީއޭއާރުގެ އެހީގައި ރެފްރީ ނިންމީ މި ބޯޅަ ހިފައިގެން އާޖެންޓީނާގެ ހާފުތެރެއަށް ވަދެގެން ގޮސް ގޯލު ޖެހީ އާޖެންޓީނާގެ ޕެނަލްޓީ އޭރިޔާގެ ބޭރުން ފައުލްކޮށްފައި ކަމަށެވެ. މިކަން ބެލީ ގޯލަށް ފަހު އާޖެންޓީނާގެ ކުޅުންތެރިން މައްސަލަ ވެސް ޖެއްސި ފަހުންނެވެ.

"ރެފްރީ އަށް އެ މަންޒަރު ނުފެނުނީމާ ވީއާރުން އެކަން ބަލަން ޖެހޭނެ. އެކަމުގައި އެއްވެސް މައްސަލަ އެއް ނެތް. އަހަރުމެން ގަބޫލު ކުރަނީ އެއީ ފައުލެއް ކަމަށް. އެކަމާ މައްސަލަ ޖައްސާނެ އެއްވެސް ފުރުސަތެއް ނެތް،" ކޮލީނާ ބުންޏެވެ.

ދެ ވަނަ އަށް މި މެޗުގައި މައްސަލަ ޖެހުނީ 89 ވަނަ މިނިޓްގައި އާޖެންޓީނާ ޖެހި ގޯލުގެ ކުރިން މިސުރުގެ މުހައްމަދު ސަލާހަށް އާޖެންޓީނާގެ ޕެނަލްޓީ އޭރިޔާ ތެރެއިން ފައުލް ކުރި ކަމަށް މިސްރުން ބުނާ މައްސަލަ އެވެ. އެ ގައުމުގެ ކުޅުންތެރިންނާއި ކޯޗު ވެސް ގަބޫލު ކުރަނީ އެއީ ޕެނަލްޓީ އެއް ކަމަށެވެ. މިސްރުން މިކަމުގައި ވީއޭއާރު ބަލަން އެދުނަސް ރެފްރީ އިޖާބައެއް ނުދިނެވެ.

"އެއީ ފައުލެއް ނޫން. ޑިފެންޑަރު ފުރަތަމަ ޖެއްސީ ބޯޅައިގައި. ދެން އާއްމުކޮށް ފުޓްބޯޅައިގައި ކަންހިނގާ ގޮތަށް އޭނާ އެނބުރިގަންނަން އުޅުނުއިރު އިންޓެންޝަނަކާ ނުލައި ކުޅުންތެރިޔާގެ ފައިގައި ޖެހުމަކީ ފައުލެއް ނޫން،" ކޮލީނާ ބުންޏެވެ.

އޭނާ ނުސީދާކޮށް ބުނީ މި ހާދިސާގައި ސަލާހް ޑައިވް ކުރީ ކަމަށް ބަލައި އަދަބު ވެސް ދެވިދާނެ ކަމަށެވެ.
"ރެފްރީންނަށް އަބަދުވެސް ފާޑުކިއުން އާދޭ. އެކަމަކު އެއްވެސް ސަބަބެއް ނެތި އަދި ހެއްކެއް ނެތި މިހެން ދައްކާހާ ވާހަކަތައް އަހަރުމެން ގަބޫލެއް ނުކުރަން. އަދި ވޯލްޑް ކަޕުގައި ރެފްރީން ދައްކާ ޕާފޯމަންސް ރަނގަޅުކަން އެންމެނަށް ވެސް ފެންނާނެ. ގަބޫލު ކުރެވޭ އުޒުރެއް ނެތި ހުށަހަޅާ ކަންކަމަށް އަހަރުމެން ތަރުހީބު ނުދެން،" 2002 ވަނަ އަހަރުގެ ވޯލްޑް ކަޕް ފައިނަލް މެޗުގައި ރެފްރީކަން ކުރި ކޮލީނާ ބުންޏެވެ.

ނަމަވެސް މިމެޗަކީ ގަސްތުގައި އާޖެންޓީނާ މޮޅުކޮށްދިން މެޗެއް ކަމަށް ބުނެ މިސްރުން މިހާރު ވަނީ މައްސަލަ ފީފާ އަށް ހުށަހަޅާފަ އެވެ. އެގައުމުން އެދުނީ މި މެޗުގައި ރެފްރީކަން ކުރި އެންމެން ވޯލްޑް ކަޕުން ބޭރު ކޮށްލުމަށެވެ.