ޚަބަރު

ޕީއެންސީ ދާއިރާތަކުގެ އިންތިޚާބު: އިދާރީ ތައްޔާރީތައް ނިމިއްޖެ


  • 134 ރަށެއްގައި ކުރިއަށްދާ އިންތިޚާބުގައި 2500 ކެނޑިޑޭޓުން ވާދަކުރޭ

  • ސެޕްޓެމްބަރު މަހުގެ 15އިން 18އަށް ޕީއެންސީގެ މަތީ މަޖިލީސް ބާއްވާނެ

އަންނަ ހޮނިހިރު ދުވަހު ބާއްވާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް، ޕީއެންސީގެ ދާއިރާތަކުގެ އިންތިޚާބުގެ އިދާރީ ތައްޔާރީތައް މިހާރު އެއްކޮށް ނިމިފައިވާ ކަމަށް އެ ޕާޓީއިން ބުނެފިއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން، ޕީއެންސީގެ ޗެއަރޕަރސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވީ އިންތިޚާބުގެ އޮފިޝަލުން ތަމްރީނުކުރުމުގެ މަސައްކަތާއި، ވޯޓު ކަރުދާހާއި، ވޯޓުފޮށިތަކާއި ގުޅުން ހުރިކަންކަން ފުރިހަމަކޮށް ނިމިފައިވާކަމަށެވެ.

މި އިންތިޚާބަކީ ޕާޓީގެ ހިންގުމަށް މުހިންމު އިންތިޚާބެއްކަން ފާހަގަކުރައްވާ، އެ މަނިކުފާނުވަނީ މި އިންތިޚާބުގައި ވީހާވެސް ގިނަބަޔަކު ވޯޓުލުމަށް ބާރުއަޅުއްވާފައެވެ. މިއީ 2028ގެ ރިޔާސީ އިންތިޚާބަށް ޕީއެންސީ ތައްޔާރުވުމަށް، ޓީމުތައް އެކުލަވާލުމަށް ހުޅުވޭ މަގެއްކަމަށް ވުމާއެކު މި އިންތިޚާބު ވަރަށް ފޯރިއާއިއެކު ކުރިއަށްގެންދެވުމަށް އެ މަނިކުފާނު ވަނީ އިލްތިމާސްކުރައްވާފައެވެ.

"ޕީއެންސީގެ މެމްބަރުންނަށް އަޅުގަނޑު ދޭނެ މެސެޖަކީ ވަރަށް ފޯރިގަދަ އިންތިޚާބެއް ގޮތުގައި މި އިންތިޚާބު ގެންގޮސްދެއްވާށޭ. މިއީ ރިޔާސީ ކެމްޕޭންގައި ހަރަކާތްތެރިވާނެ ޓީމެއް ރާވާލެވޭނެ އިންތިޚާބަކަށް ވެސް ވެގެންދާނެ." ޕީއެންސީގެ ޗެއަރޕަރސަން އަބްދުއްރަހީމް ވިދާޅުވިއެވެ.

މި އިންތިޚާބުގެ ތައްޔާރީތަކާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ޕާޓީގެ ތަރުޖަމާނު އަލްއުސްތާޛު މުޙައްމަދު ފިރުޒުލް ޢަބްދުﷲ ޚަލީލް ވިދާޅުވީ ވޯޓުފޮށިތައް ރަށްރަށަށް ފޯރުކޮށްދިނުމުގެ މަސައްކަތް ހުކުރު ދުވަހުގެ ނިޔަލަށް ނިމޭނެކަމަށެވެ. އަދި އިންތިޚާބާ ގުޅުން ހުރި މައުލޫމާތުތައް ޕީއެންސީގެ ވެބްސައިޓް މެދުވެރިކޮށް ލިބޭނެކަމަށެވެ.

"އިޖުރާއީ އުސޫލު ޕާޓީގެ ވެބްސައިޓުން ފެންނާނެ ގޮތަށް އަޅުގަނޑުމެން ޝާއިއުކުރާނަން. ވޯޓުލާ ގަޑިތަކާއި އެކުގައި." ޕީއެންސީގެ ތަރުޖަމާން ފިރުޒުލް ވިދާޅުވިއެވެ.

131 ރަށެއްގައި ކުރިއަށްދާ މި އިންތިޚާބުގައި 2500އެއްހާ ކެނޑިޑޭޓުން ވާދަކުރެއެވެ. ވޯޓުލުން ކުރިއަށްދާނީ ހެނދުނު 09:00 އިން ހަވީރު 04:00އަށެވެ. 04:00 ޖަހާއިރު ވޯޓުކިއު ބަންދުކުރާނެއެވެ.

ޕީއެންސީގެ ހިންގާ ޤަވާއިދު އޮތްގޮތުން ޕީއެންސީގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވެފައި ތިއްބެވި މެމްބަރުންނަކީ އެ ދާއިރާތަކުގެ ރައީސުންކަމަށް ވަނީ ކަނޑައަޅާފައެވެ. އެހެންކަމުން، އެ ޕާޓީގެ ދާއިރާތަކުގެ ރައީސުން އިންތިޚާބުކުރާނީ އެ ޕާޓީގެ މެމްބަރުން ރައްޔިތުންގެ މަޖިލީހުގައި ނެތް ދާއިރާތަކުގައި އެކަންޏެވެ.

ޕީއެންސީގެ ދާއިރާތަކަށް މި މަހުގެ 11 ވަނަ ދުވަހު މީހުން އައްޔަންކުރާއިރު، އަންނަ ސެޕްޓެމްބަރު މަހުގެ 15 އިން 18އަށް ޕީއެންސީގެ މަތީ މަޖިލީސް ބާއްވަން ވަނީ ހަމަޖެހިފައެވެ.