ޚަބަރު

ޕީސީބީގެ މެމްބަރުކަމަށް ޒައިނާ އައްޔަންކުރަން ރުހުންދީފި


  • މީގެ ކުރިން އޭނާ ޕީސީބީގެ ސީނިއަރ އޮފިސަރެއްގެ މަޤާމު އަދާކުރެއްވި

  • ގަވަރނަންސްގެ ދާއިރާގައި 10 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކުރެއްވި

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ މެންބަރުކަމަށް ގއ.ދާންދޫ، ޒައިނާ ޢަބްދުﷲ، ޢައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ.

އެ މަޤާމަށް ޒައިނާ އައްޔަންކުރަން ރުހުންދޭން ފެންނަ ކަމަށް 47 މެމްބަރުން އަދި ރުހުންދޭން ނުފެންނަ ކަމަށް 10 މެމްބަރުން ވޯޓު ދެއްވިއެވެ. ވަކި ގޮތަކަށް ވޯޓު ދޭން ބޭނުންނުވާ މެމްބަރަކު ނެތެވެ. ޕީސީބީއަށް ބޭފުޅަކު އައްޔަންކުރަން ބޭނުންވަނީ، 29 މެމްބަރުންގެ ވޯޓު ކަމަށްވުމާއިއެކު އޭނާ އެ މަޤާމަށް އައްޔަންކުރަން ރުހުން ދިނުމަށް ވަނީ ފާސްވެފައެވެ.

ބޭންކިންގ އަދި ފައިނޭންސްގެ ދާއިރާގައި މަސައްކަތް ކުރައްވާ ޒައިނާ ޢަބްދުﷲއަކީ ކޯޕަރޭޓް ފައިނޭންސް، އިސްލާމިކް ބޭންކިންގ އަދި ދައުލަތުގެ ކުންފުނިތަކުގެ ގަވަރނަންސްގެ ދާއިރާގައި 10 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ.

މީގެ ކުރިން ޕީސީބީގެ ސީނިއަރ އޮފިސަރެއްގެ މަޤާމުވެސް އޭނާ އަދާކުރެއްވިއެވެ. ޕީސީބީއަށް އައްޔަން ކުރެއްވިއިރު އޭނާ ހުންނެވީ، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމް.އައި.ބީ)ގެ ހެޑް އޮފް ކޯޕަރޭޓް ޕްރޮސެސިންގގެ މަޤާމުގައެވެ.

ޒައިނާ ބެޗްލަރސް އޮފް ކޮމާސް ހާސިލު ކުރައްވާފައިވަނީ، އިންޑިއާގެ ޔުނިވަރސިޓީ އޮފް ޕޫނޭއިންނެވެ. އަދި މެލޭޝިއާގެ އިންޓަރނޭޝަނަލް ސެންޓަރ ފޯ އެޑިއުކޭޝަން އިން އިސްލާމިކް ފައިނޭންސްއިން މާސްޓަރސް އޮފް އިސްލާމިކް ފައިނޭންސް ޕްރެކްޓިސް ފުރިހަމަ ކުރައްވާފައިވެއެވެ.