ޚަބަރު

ރޮވުނީ ޕެނަލްޓީ ނާކާމިޔާބުވުމުން ކުރެވުނު އިހުސާސްތަކުން: މެސީ


  • ޕެނަލްޓީ ނާކާމިޔާބުވި ނަމަވެސް އާޖެންޓީނާ މޮޅުވުމުގައި މެސީގެ ހިއްސާ ބޮޑު

  • މެޗުގައި އާޖެންޓީނާއަށް ނަތީޖާ ހަމަހަމަކޮށްދިނީ މެސީ

ފީފާ ވޯލްޑް ކަޕް 2026ގެ ރައުންޑް އޮފް 16ގައި މިޞްރާ ދެކޮޅަށް ކުޅެ އުނދަގޫ މޮޅެއް ހޯދި މެޗަށްފަހު ރޮވުނީ، އެ މެޗުގައި ލިބުނު ޕެނަލްޓީ ނާކާމިޔާބުވުމުން ކުރެވުނު އިހުސާސްތަކުންކަމަށް، އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ ބުނެފިއެވެ.

މެޗު ނިމުނު ވަގުތު ގިނަބައެއްގެ ސަމާލުކަމަށް އައީ، މި މެޗުން އާޖެންޓީނާ ބަލިވުމުން ސަލާމަތްކޮށްދިނުމުގައި ވެސް މުހިންމު ދައުރެއް އަދާކުރި ލިއޮނެލް މެސީ ރޯން ފެށި މަންޒަރެވެ. އޭނާ ރޯން ފެށުމާއިއެކު، އެ ޓީމުގެ އެހެން ކުޅުންތެރިންނާއި އޮފިޝަލުން، އޭނާ ހުއްޓުވުމަށްޓަކައި އޭނާއާ ވާހަކަދައްކައި އޯގާތެރިކަމާއެކު އަޅާލާ މަންޒަރު ފެނެއެވެ.

މެޗަށްފަހު މީޑިއާއާއި ވާހަކަދައްކަމުން މެސީ ބުނީ، މިޞްރު އަތުން ލިބުނު މޮޅަކީ ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ. އަދި ޕެނަލްޓީ ނާކާމިޔާބުވުމުން ވަރަށް ދެރަވެ، އުނދަގޫވި ކަމަށް އޭނާ ބުންޏެވެ. އެ ޕެނަލްޓީ ފޮނުވާލެވުނީ އެންމެ ހިތްހަމަޖެހޭ ގޮތަށް ނޫންކަން ހާމަކޮށް މެސީ ބުނީ، އެ ޕެނަލްޓީ ނާކާމިޔާބުވުމުން، މުހިންމު ދަނޑިވަޅެއްގައި ޓީމުގެ ކުޅުންތެރިން އޭނާ ފަރާތުން އުއްމީދުކުރި ކަންތަކާ އެއްގޮތަށް އަމަލުނުކުރެވި، އެމީހުން މާޔޫސްކޮށްލެވުނުކަމުގެ އިހުސާސް ކުރެވުނުކަމަށް މެސީ ބުންޏެވެ.

އެހެންނަމަވެސް ފަހުވަގުތު ހުރިހާ ކަމެއްވެސް އެންމެ ރަނގަޅަށް ދިޔަކަމަށާއި، އެއާއެކު ބޮޑު ހިތްހަމަޖެހުމެއް، ލުޔެއް ލިބިގެންދިޔަކަމަށް މެސީ ބުންޏެވެ. އަދި މެޗުގެ ނަތީޖާ ހަމަހަމަކުރެވުނީ އޭނާގެ ގޯލަކުންކަމަށް ވުމުން ވެސް ނުހަނު އުފާވިކަމަށް މެސީ ބުނެފައިވެއެވެ.

މެޗުން އާޖެންޓީނާ މޮޅުވީ މިޞްރުން ދެ ލަނޑުގެ ލީޑެއްގައި އޮއްވައި، ފުރިހަމަވަގުތުގެ ފަހު 11 މިނެޓުގެ ތެރޭގައި ކާމިޔާބުކުރި ދެ ލަނޑާއި، އިތުރުވަގުތުގެ ތެރޭގައި ކާމިޔާބުކުރި ލަނޑާއެކުއެވެ.

މި މެޗުގައި މެސީގެ ޕެނަލްޓީ ނާކާމިޔާބުވިއިރު، މިއީ މިފަހަރުގެ ވޯލްޑް ކަޕުގައި މެސީއަށް ނާކާމިޔާބުވި ދެވަނަ ޕެނަލްޓީއެވެ. މިހާތަނަށް ހަ ވޯލްޑް ކަޕުގައި ކުޅެފައިވާ މެސީއަށް މިހުރިހާ މުބާރާތެއްގައި 8 ޕެނަލްޓީއެއް ފޮނުވާލުމުގެ ފުރުސަތު ލިބުނުއިރު އޭގެތެރެއިން ހަތަރު ޕެނަލްޓީ ވަނީ ނާކާމިޔާބުވެފައެވެ. މެސީ އަކީ ވޯލްޑް ކަޕުގައި އެންމެ ގިނަ ޕެނަލްޓީ ނާކާމިޔާބުވި ކުޅުންތެރިޔާވެސް މެއެވެ.