ޚަބަރު

އިތާ ވޮލީމުބާރާތުގެ ޗެމްޕިއަންކަން ކޯރާ ކޯރާ މޯލްޑިވްސްއަށް


  • މިއީ ކޯރާ ކޯރާ މުބާރާތް ކާމިޔާބުކުރި ފުރަތަމަ ފަހަރު

އިތާ އިންޓަރ ރިސޯރޓް ވޮލީބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ކޯރާ ކޯރާ މޯލްޑިވްސް ހޯދައިފިއެވެ. ކޯރާ ކޯރާ މޯލްޑިވްސް ޗެމްޕިއަންކަން ހޯދީ ފައިނަލްގައި ކުޑަފުށި ސީދާ ތިން ސެޓުން ބަލިކޮށްގެންނެވެ.

ރ.މީދޫ ވޮލީބޯޅަ ކޯޓްގައި ކުޅުނު ފައިނަލު މެޗުގެ ސެޓްތައް ކޯރާ ކޯރާ މޯލްޑިވްސް އިން ގެންދިޔައީ 25-20, 25-19 އަދި 25-22 ނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ އަކިންދު ސަތްސަރަ ނިމެޝާނާ އެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އިތުރުން އެންމެ މޮޅު އޮޕޮސިޓް އެޓޭކަރަކީވެސް އަކިންދު އެވެ.

މުބާރާތުގެ އެންމެ މޮޅު އައުޓްސައިޑް އެޓޭކަރަކީ ކޯރާ ކޯރާ މޯލްޑިވްސްގެ ސަންކަ ދިލްޝާން އެވެ. ސެކަންޑް ބެސްޓް އައުޓްސައިޑް އެޓޭކަރަކީ ކުޑަފުށީގެ އަހުމަދު އަޒީމް އެވެ. ބެސްޓް މިޑްލް ބްލޮކަރަކީ ކޯރާ ކޯރާގެ ލަސަންތަ ޕްރަނީތް އެވެ. ސެކަންޑް ބެސްޓް މިޑްލް ބްލޮކަރަކީ ކުޑަފުށީގެ އިބްރާހީމް ފަޒީލް އެވެ. އެންމެ މޮޅު ސެޓަރަކީ ކޯރާ ކޯރާ މޯލްޑިވްސްގެ ޖަނިތް އަރޯޝާ އެވެ. މުބާރާތުގެ އެންމެ މޮޅު ކޯޗަކީ ކޯރާ ކޯރާ މޯލްޑިވްސްގެ ލަންކާ ކޯޗު ސަމަންސިރި ސެނެވިރަތުނަ އެވެ.

މީދޫ އެކުވެރި ކްލަބުން ރިސޯރޓްތަކަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ 4 ވަނަ މުބާރާތުގައި ވާދަކުރީ 8 ރިސޯރޓުންނެވެ.