ބޮޑެތި ބަލިތަކަށް އެކަޝީގެންވާ ފަރުވާގެ ޚިދުމަތް ރާއްޖޭގައި ގާއިމުކުރެވުމާއެކު، ބޭރަށް ފޮނުވާ މީހުންގެ އަދަދު މަދުކުރެވުނު ނަމަވެސް، އެ ބަދަލު ޚަރަދުން ފާހަގަނުވަނީ ކެންސަރުފަދަ ބޮޑެތި ބަލިތަކަށް އަދިވެސް ރާއްޖެއިން ބޭރަށް ބޮޑު ހޭދައެއް ކުރަންޖެހުމުގެ ސަބަބުންކަމަށް ސިއްޙަތާއި އާއިލާއާއި އިޖުތިމާއީ އެހީއާއި ބެހޭ ވަޒީރު ޤީލާ އަލީ ވިދާޅުވެއްޖެއެވެ.
ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާޙިމް، ރައްޔިތުންގެ މަޖީލުހުގައި ވަޒީރަށް ސުވާލު ދެންނެވީ، ރާއްޖެއިން ބޭރަށް ބޮޑު ހޭދައެއް ކުރުމާއި އެކަމަށް ޙައްލު ހޯދުމަށް ސަރުކާރުން ގެންދުޅުއްވާ ދުރު ރާސާތާ ޕްލޭނާގުޅޭގޮތުންނެވެ.
ވަޒީރު ގީލާ ވިދާޅުވީ ސަރުކާރުން ސިއްޙީ ޚިދުމަތަށް ކުރާ ހޭދައަކީ ފައިސާއިން އަގުމަގު ކުރާ އެއްޗަކަށްވުރެ ބޮޑަށް، ދުޅަހެޔޮ އާބާދީއަކަށް ކުރާ އިންވެސްޓްމަންޓެއްކަމަށެވެ.
ވަޒީރު ގީލާ ވިދާޅުވީ، ބޮޑެތި ބަލިތަކުގެ ފަރުވާ ރާއްޖެއިން ލިބޭނެ ގޮތް ހެދުމަށް މިދިޔަ އަހަރުތަކުގައި ގިނަ ޚިދުމަތްތައްތަކެއް ރާއްޖެއަށް ފުޅާކޮށްފައިވާކަމަށެވެ. އެގޮތުން މި ވޭތުވެދިޔަ 3 އަހަރު، އާސަންދައިން ފަރުވާއަށް ރާއްޖެއިން ބޭރަށް ދިޔަ މީހުން މަދުކުރެވިފަވާކަމަށެވެ. އެގޮތުން 2023އިން 2025ގެ ނިޔަލަށް ބަލާއިރު، 338 މީހުންގެ މަދުވުމެއް ގެނެވިފައިވާކަމަށެވެ.
ނަމަވެސް މި ބަދަލު ބޮޑުތަނުން ނުފެންނަނީ ކެންސަރު ބަލީގެ ފަރުވާއަށް ފޮނުވާ މީހުންގެ އަދަދު އިތުރުވަމުންދާތީކަމަށެވެ.
"2023-2025އަށް، 483 މީހުން ކެންސަރަށް ރާއްޖެއިން ބޭރަށް ފަރުވާއަށް ފޮނުވި. ކެންސަރު ނޫން ބަލިތަކަށް 821 މީހުން މި މުއްދަތުގައި ވަނީ މަދުކުރެވިފައި. މިއީ ރާއްޖޭގައި އެ ފަރުވާތައް ލިބެން ފެށުމުން ފެންނަ ބަދަލު. ދެވެން ނެތް ފަރުވާ، ބޮތި ސްޕެޝަލިސްޓް ފަރުވާއާއި ކެންސަރ، ނަރުފަދަ އޮޕަރޭޝަންއަށް ފޮނުވަނީ. 3 އަހަރުތެރޭ އެންމެ ގިނައީ ކެންސަރުގެ ފަރުވާ." ވަޒީރު ވިދާޅުވުވިއެވެ.
ކެންސަރާ ގުޅޭ ޓެސްޓްތައް ހެދުމަށް 2023ވަނަ އަހަރު 1638 މީހުން، 2024ވަނަ އަހަރު 1996 މީހުން އަދި 2025ވަނަ އަހަރު 2000+ މީހުން، ޓެސްޓުތައް ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވިކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެތެރޭގައި ތަކުރާރުކޮށް ޚިދުމަތް ހޯދި މީހުން ހިމެނެއެވެ.
ވަޒީރު ވިދާޅުވީ މިހާރު ސަރުކާރުން އެންމެ ބޮޑު ޢަމާޒަކީ ރާއްޖޭގައި މި ޚިދުމަތްތައް ޤާއިމުކުރުންކަމަށާއި، އެކަމުގައި ކުރިއެރުންތައް ހޯދާފަވާކަމަށެވެ.
އެގޮތުން މާލެއާއި އަތޮޅުތަކުގައި އުރަމަތީގެ ކެންސަރު ދެނެގަތުމަށް ހަދާ މެމޯގްރާމްގެ ޚިދުމަތް ޤާއިމުކުރުމާއެކު، މިހާތަނަށްވެސް 750 މީހުން ރާއްޖޭގައި ތިބެގެން ޓެސްޓްކޮށްފަވާކަމަށެވެ. އިތުރު 3 އަތޮޅުގައި ޚިދުމަތް ޤާއިމުކުރުމަށް ދަނީ މަސައްކަތްކުރަމުންނެވެ.
ރަހިމުގެ ދޮރަށް ޖެހޭ ކެންސަރުގެ ޓެސްޓް ހެދުމުގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމަށް ދަނީ މަސައްކަތްކުރަމުންނެވެ.
ވަޒީރު ވިދާޅުވީ ކެންސަރުގެ ފަރުވާގެ ޚިދުމަތް، ކީމޯ ތެރަޕީވެސް މިދިޔަ އަހަރު ރާއްޖެއިން ބޭރުން ނެގީ 39 މީހުންކަމަށެވެ. 655 މީހުން ޚިދުމަތް ހޯދަމުންދިޔައީ ރާއްޖެއިންކަމަށެވެ.
"ރާއްޖޭގައި ސްކްރީނިންއާއި ޑޮކްޓަރަށް ދެއްކުމުގެ ޚިދުމަތް ފުޅާކުރުމާއި މިހާރު ކުރިން ބަލި ދެނެގަނެވޭ. އަދި އަވަހަށް ބަލީގެ ކުރީކޮޅު ފަރުވާ ދިނުމުގެ ފުރުޞަތު ލިބިއްޖެ. އުފަލަކީ ބަލީގެ ކުރީކޮޅު ދެނެގަނެވި އަވަހަށް ފަރުވާ ދެވި ފުރާނަ ސަލާމަތްވެ ދުޅަހެތި ސިއްޙަތަކަށް ދިއުމަށް މަގުފަހިވުން." ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ކެންސަރު ހޮސްޕިޓަލާއެކު، ޕެޓް ސްކޭނާއި ރޭޑިއޭޝަން ފަރުވާ ފެށުމުން، މި ޚިދުމަތްތަކަށް ރާއްޖެއިން ބޭރަށް ފޮނުވަންޖެހޭ ޖެހުމަށް ބޮޑު ޙައްލެއް ލިބި، އެކަމުގެ ލުއިފަސޭހަކަން ދިވެހި ރައްޔިތުންނަށް ލިބޭނެކަމަށެވެ.