ޚަބަރު

ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ޚާރިޖީ ވުޒާރާއާ ހަމައަށް ތާރުއަޅައިފި


  • ބާކީ އޮތް ބައިގައި ތާރު އެޅުމުގެ މަސައްކަތް އަންނަ ހަފުތާގައި ފަށާނެ

  • މަގު ހުޅުވާލާނީ އެއްކޮށް ތާރުއަޅާ ނިމުމުން

ބޮޑުތަކުރުފާނުމަގު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ޚާރިޖީ ވުޒާރާއާ ހަމައަށް ތާރުއަޅާ ނިންމާލައިފިއެވެ.

ބޮޑުތަކުރުފާނުމަގު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ސެގްމެންޓު 4 އަދި 5ގައި ތާރު އަޅަން ފެށީ ރޭގައެވެ.

ބޮޑުތަކުރުފާނުމަގު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ތެރެއިން މިހާރު މަސައްކަތް ކުރަމުން ދަނީ، ފުރަތަމަ ފިޔަވަހީގައި ހިމެނޭ 5 ސެގްމެންޓެއްގެ މަސައްކަތެވެ. އެއީ، ރަސްމީ ފާލަމުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށް އޮންނަ ސަރަޙައްދެވެ. މި މަސައްކަތުގެ ދަށުން ހެންވޭރު ފެރީޓާމިނަލްއިން ފެށިގެން ޚާރިޖީ ވުޒާރާއާ ހަމައަށް މިއަދު ހެނދުނާ ހަމައަށް ވަނި ތާރުއަޅާ ނިންމާލާފައެވެ.

އެމްޓީސީސީން ވިދާޅުވީ، ޚާރިޖީ ވުޒާރާއިން ފެށިގެން ރަސްމީ ފާލަމާ ހަމައަށް އޮންނަ ސަރަޙައްދުގައި ތާރު އެޅުމުގެ މަސައްކަތް އަންނަ ހަފުތާ ތެރޭގައި ފަށާނެ ކަމަށެވެ. އެމްޓީސީސީން ވިދާޅުވީ މަގު ހުޅުވާލުމަށް ނިންމާފައިވަނީ އެއްކޮށް ތާރު އަޅާ ނިންމުމަށްފަހުގައިކަމަށެވެ.

މަގު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ތެރެއިން އެ ސަރަޙައްދުގެ އެއްގަމު ތޮށި ތަރައްޤީ ކޮށްފައިވަނީ، މަގު އިތުރަށް ފުޅާކޮށްގެންނެވެ. މި މަގު ތަރައްޤީ ކުރަނީ، ޒަމާނީ ފެން ހިންދާ ނިޒާމަކާއެކުއެވެ.

ބޮޑުތަކުރުފާނު މަގު ތަރައްޤީ ކުރުމުގެ މަޝްރޫޢަކީ، މާލޭގެ ޓްރެފިކް މައްސަލައަށް ދާއިމީ ޙައްލެއް ހޯދައިދިނުމަށް ކުރިއަށްގެންދާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ މަސައްކަތްތައް ޖޫންމަހަށް ނިންމުމަށް މަސައްކަތް ކުރިނަމަވެސް އެކި ސަބަބުތަކާ ހުރެ މުޅި މަޝްރޫޢުގެ މަސައްކަތް ނިމޭނެ ކަމަށް މިހާރު އެމްޓީސީސީން އަންދާޒާކޮށްފައިވަނީ މިމަހުގެ 26އަށެވެ.

މަގު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، މީގެކުރިންވަނީ ޢިއްޒުއްދީން މަގުން ފެށިގެން ހެންވޭރު ޓަރމިނަލްއާއި ހަމައަށް ތާރުއަޅައިގެން ތަރައްޤީކޮށްފައެވެ. މިހާރު ކުރިއަށްގެންދާ މަސައްކަތްތަކާއެކު ހެންވޭރު ޓަމިނަލުން ފެށިގެން މާލޭ ނޯތު ހާބަރާއި ހަމައަށް ތަރައްޤީކޮށް ނިންމުމަށް ހަމަޖެހިފައިވެއެވެ.