ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ފަހު 16 ޓީމުގެ ބުރުގައި އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ އާއި މިޞްރު ބައްދަލުކުރި މެޗުގައި މިޞްރުން 2 ލަނޑުގެ ލީޑެއް ނެގުމުންވެސް މިމެޗުން ބަލިވެދާނެކަމަށް ގަބޫލެއް ނުކުރަން ކަމަށް އާޖެންޓީނާގެ ކޯޗު ލިއޮނެލް ސްކަލޯނީ ބުނެފިއެވެ.
އޭނާ މިހެން ބުނެފައިވަނީ މިޞްރާއި ބައްދަލުކޮށް ފަހަތުން އަރާ 3 ލަނޑު 2 ލަނޑުން އާޖެންޓީނާ މޮޅުވެ މުބާރާތުގެ ކްއާޓަރ ފައިނަލުން ޖާގަހޯދި މެޗަށްފަހު ނޫސްވެރިންނާއި ވާހަކަ ދައްކަމުންނެވެ.
ސްކަލޯނީ ބުނީ މިމެޗުން މޮޅުވުމުން އޭނާ ފެން ކަޅި ވެގެން ދިޔަ ކަމަށެވެ. އަދި މިމެޗުން މޮޅުވުމުން ކުރެވުނު އިހްސާސް ވަރަށް ތަފާތު ކަމަށް ސްކަލޯނީ ބުންޏެވެ. އޭނާ ބުނީ ގިނަ އަހަރު ތަކެއް ވަންދެން ފުޓްބޯޅަ ކުޅުމަށްފަހު އެކުޅުންތެރިން ކޯޗުންނަށް ވުމުގެ އެންމެ ބޮޑު ބޭނުމަކީ މިފަދަ ނަތީޖާތަކާއި ކާމިޔާބު އިހްސާސް ކުރުން ކަމަށެވެ. ސްކަލޯނީ ބުނީ ކާބޯ ވާޑޭ މެޗު މިއަށްވުރެ މާ އުނދަގޫ ކަމަށާއި އެމެޗުގައި އޭނާއަށް ހާސްކަން އިހްސާސް ކުރެވުނު ކަމަށެވެ.
ނަމަވެސް މިޞްރުން 2 ލަނޑުގެ ލީޑެއް މިމެޗުގައި ނެގުމުންވެސް ބަލިވާނެކަމަށް ގަބޫލް ނުކުރެވުނު ކަމަށާއި މެޗުން މޮޅުވުމުގެ ފުރުސަތު މެޗުގެ ކޮންމެވެސް ހިސާބަކުން ލިބޭނެ ކަމުގެ އިހްސާސް ކުރެވުނު ކަމަށެވެ. ސްކަލޯނީ ބުނީ ކާބޯ ވާޑޭ މެޗު ދިޔައީ އޭނާގެ ކުޅުންތެރިންނަށް ރަނގަޅަށް ނުކުޅެވި ކަމަށާއި ނަމަވެސް މިއަދުގެ މެޗުގައި އާޖެންޓީނާއިން ރަނގަޅު ކުޅުމެއް ދެއްކި ކަމަށެވެ.
ސްކަލޯނީ ވަނީ ކެޕްޓަން ލިއޮނެލް މެސީ އަތުން ޕެނަލްޓީއެއް ނާކާމިޔާބުވުމާއެކުވެސް މެޗުގައި އެއް ލަނޑު ޖަހާ އިތުރު ލަނޑެއް ޖެހުމަށް އެހީތެރިވެދީ މިމެޗުން އާޖެންޓީނާ މޮޅުކޮށްދިނުމަށް އޭނާ ކުޅުނު ދައުރައްޓަކައި އޭނާއަށް ތައުރީފް ކޮށްފައެވެ. ހަމައެއާއެކު މިމެޗުގައި އާޖެންޓީނާގެ އެހެން ކުޅުންތެރިންވެސް އެންމެ ފަހު ވަގުތާއި ޖެހެންދެން ހިތްވަރު އެލުވާނުލާ ކުރި މަސައްކަތް ކޯޗު ސްކަލޯނީ ފާހަގަ ކުރިއެވެ.
ސްކަލޯނީ ބުނީ މިއީ ވަރަށް މުހިންމު ކާމިޔާބީއެއް ކަމަށެވެ. މިމެޗުގައި މެސީ އަތުން ޕެނަލްޓީއެއް ނާކާމިޔާބުވެ މިޞްރުން 2 ލަނޑު ޖަހައިގެން މޮޅުވި ވާހަކަ ބުމުގެ ފުރުސަތު އޮތް ކަމަށާއި ނަމަވެސް މެސީ އާއި އެޓީމުގެ އެހެން ކުޅުންތެރިން އެކަން ގަބޫލް ކުރަން ބޭނުން ނުވީކަމަށެވެ.
މިނަތީޖާއިން މިދައްކުވައިދެނީ މިޓީމުގެ އެއްބައިވަންތަކާއި ޓީމުގެ ތެރޭގައި އޮތް ރޫހު ވަރުގަދަކަން ކަމަށްވެސް ސްކަލޯނީ ފާހަގަ ކުރިއެވެ. އަދި މިނަތީޖާއަށްފަހު ޓީމުގެ ތެރޭގައި އޮތް އިތުބާރު މިވަނީ އިތުރަށް ވަރުގަދަ ވެގެން ގޮސްފައިކަމަށްވެސް އޭނާ ފާހަގަ ކުރިއެވެ.