ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ފަހު 16 ޓީމުގެ ބުރުގައި އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާގެ އަތުން މިޞްރު ބަލިވީ މެޗުގެ ރެފްރީންގެ ސަބަބުން ކަމަށް މިޞްރު ޓީމުގެ ކޯޗު ހޮސާމް ހަސަން ބުނެފިއެވެ.
އޭނާ މިހެން ބުނެފައިވަނީ އާޖެންޓީނާއި ބައްދަލުކޮށް 3 ލަނޑު 2 ލަނޑުން ބަލިވި މެޗަށްފަހު ނޫސްވެރިންނާއި ވާހަކަ ދައްކަމުންނެވެ. ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗު އާޖެންޓީނާއިން ކާމިޔާބު ކޮށްފައިވަނީ މިޞްރުން ދެ ލަނޑު ޖަހާ ލީޑު ނަގާފައިވަނިކޮށް ފަހަތުން އަރައެވެ. މިޞްރުގެ ކޯޗު ބުނިގޮތުގައި މިމެޗުން އެޓީމު ބަލިވެ މުބާރާތަށް އަލްވަދާއު ކިޔަން ޖެހުނީ ރެފްރީން ހެދި ގޯސް ތަކުގެ ސަބަބުން ކަމަށެވެ.
ހޮސާމް ބުނީ މިމެޗުން މިޞްރު މޮޅުވާން ހައްގު ކަމަށެވެ. އޭނާ ބުނީ މިމެޗުގައި ފީފާ އިން ބުނާ ފެއަރ ޕްލޭގެ ކުޑަވެސް މިންވަރެއް ނެތް ކަމަށެވެ. މިމެޗުގައި މިޞްރަށް އެއްވެސް އިހުތިރާމެއް އަދި ފެއަރ ޕްލޭއެއް ނެތް ކަމަށް އޭނާ ބުންޏެވެ.
މިމެޗުގައި މިޞްރަށް ޕެނަލްޓީއެއް ލިބެން ޖެހޭ ކަމަށާއި ނަމަވެސް ރެފްރީ އާއި ވީއޭއާރުން އެހާދިސާ ބަލާފައިވެސް ނުވާކަމަށް އޭނާ ބުންޏެވެ. އަދި އެޓީމުން ކާމިޔާބު ކުރި ދެވަނަ ލަނޑު ވީއޭއާރުން ބެލުމަށްފަހު ލަނޑެއް ނޫންކަމަށް ބެލިއިރު އެޓީމަށް ލިބެން ޖެހޭ ޕެނަލްޓީ ބަލާފައިނުވާކަމަށެވެ. އަދި މިއީ އާޖެންޓީނާއަށް ހައްގު މޮޅެއް ނޫންކަމަށްވެސް މިޞްރުގެ ކޯޗު ނުންޏެވެ.
ހޮސާމް ހަސަން ބުނީ އޭނާ އެނބުރި ޤައުމަށް ދިއުމަށްފަހު މިފަހަރުގެ ވޯލްޑް ކަޕްގެ ބާކީ އެއްވެސް މެޗެއް ނުބަލާނެ ކަމަށެވެ. އަދި މިއީ އެއްވެސް އިންސާފެއް އޮތް މުބާރާތެއް ނޫންކަމަށް އޭނާ ތުހުމަތު ކުރިއެވެ. އެހެން ކަމުން މިމުބާރާތުގެ ބާކީ އެއްވެސް މެޗެއް އޭނާ ނުބަލާނެ ކަމަށެވެ.
މިމެޗުގައި މިޞްރުގެ ދެވަނަ ލަނޑު ޖަހައިދިން މުސްތަފާ ޒީކޯ ބުނީ މިޞްރު ޓީމާއި ސަޕޯޓަރުންނާއި މެދު އޭނާ ފަހުރުވެރިވާކަމަށެވެ. އަދި މެޗުގެ ރެފްރީންގެ ނިންމުންތަކާމެދު އޭނާވެސް ސުވާލު އުފެއްދިއެވެ. މިމެޗުގައި ޒީކޯ ކާމިޔާބު ކޮށްދިން އެއް ލަނޑު ވަނީ ލަނޑު ޖެހުމުގެ ކުރިން މިޞްރުގެ ކުޅުންތެރިޔަކު ފައުލެއް ކޮށްފައިވުމުގެ ސަބަބުން އެލަނޑު ބަލައިނުގެންފައެވެ.
މިމެޗުގައި ލިއޮނެލް މެސީ ޖެހި ޕެނަލްޓީގެ އިތުރުން އާޖެންޓީނާގެ ނުރައްކާތެރި ދެތިން ހަމަލާ ދިފާއު ކުރި މިޞްރުގެ ކީޕަރ މުސްތަފާ ޝޯބިރު ބުނީ ކްއާޓަރ ފައިނަލުން ޖާގައެއް ހޯދުމަށް މުޅި ޓީމު ވަރަށް ބޮޑަށް މަސައްކަތް ކުރި ކަމަށެވެ. އަދި މިޞްރުގެ މިޓީމުގައި ހިމެނުމުގެ ފުރުސަތު ލިބުމުން އުފާކުރާ ހާލު ފަހުރުވެރިވެސް ވާކަމަށް އޭނާ ބުންޏެވެ.