ޚަބަރު

މުބާރާތް ކާމިޔާބު ނުވުމުން މަގާމުގައި ދެމިހުރުމުގެ މާނައެއް ނެތް: މާޓިނޭޒް


  • ސްޕެއިން މިމެޗު ކާމިޔާބު ކުރީ އެއް ލަނޑު ސުން ލަނޑުން

ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ކާމިޔާބު ނުވުމުން މަގާމުގައި ދެމިހުރުމުގެ މާނައެއް ނެތްކަމަށް މުބާރާތުގައި ޕޯޗުގަލް ޓީމުގެ ކޯޗުކަން ކުރި ރޮބާޓޯ މާޓިނޭޒް ބުނެފިއެވެ. މާޓިނޭޒް ބުނީ އޭނާ ޕޯޗުގަލް އާއި ގުޅުނީ ވޯލްޑް ކަޕް ކާމިޔާބު ކުރަން ކަމަށާއި އެކަން ހާސިލު ނުވުމުން ދެން މަގާމުގައި ހުރުމުގެ ބޭނުމެއް ނެތްކަމަަށެވެ.

މާޓިނޭޒް މިހެން ބުނެފައިވަނީ ސްޕެއިން އާއި ބައްދަލުކޮށް އެއް ލަނޑު ސުން ލަނޑުން ޕޯޗުގަލް ބަލިވެ ވޯލްޑް ކަޕަށް އަލްވަދާއު ކީ މެޗަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުންނެވެ. މާޓިނޭޒް ބުނީ މިއީ އޭނާ ޕޯޗުގަލްގެ ކޯޗުކަން ކުރި ފަހު މެޗުކަމަށެވެ. އަދި އޭނާވަނީ ޕޯޗުގަލްގެ ކޯޗުގެ ހައިސިއްޔަތުން ހޭދަކުރި ކުރުމަކީ އޭނާއަށް ލިބިގެންދިޔަ ވަރަށް ބޮޑު ޝަރަފެއްގެ ގޮތުގައި ސިފަކޮށް ޕޯޗުގަލްގެ ރައްޔިތުންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފައެވެ. އަދި މިއާއެކު ޕޯޗުގަލްގެ ފުޓްބޯޅަ އެސޯސިއޭޝަނަށް އާ ކޯޗެއް ހޯދުމުގެ ފުރުސަތު ލިބިގެންދާނެކަމަށްވެސް އޭނާ ހާމަކުރިއެވެ.

މާޓިނޭޒް ބުނިގޮތުގައި ޕޯޗުގަލް ފުޓްބޯޅަ އެސޯސިއޭޝަންގެ ރައީސް އޭނާގެ މަސައްކަތަށް ވަރަށް ބޮޑަށް ތާއީދު ކުރާ ކަމަށާއި ނަމަވެސް އޭނާގެ ކޮންޓްރެކްޓް މިއަދު ހަމަވާނެކަމަށެވެ.

މާޓިނޭޒް ބުނިގޮތުގައި ކްރިސްޓިއާނޯ ރޮނާލްޑޯ އަކީ އެހެން ކުޅުންތެރިންނަށް ރަނގަޅު މިސާލު ދައްކާ ކެޕްޓަނެއް ކަމަށެވެ. އަދި މިވޯލްޑް ކަޕްގައި ރޮނާލްޑޯ ދެއްކި ކުޅުމާއި ލީޑަރޝިޕަށް ޝުކުރު އަދާ ކުރާ ކަމަށެވެ. މާޓިނޭޒް ބުނިގޮތުގައި ރޮނާލްޑޯއަކީ ވޯލްޑް ކަޕް ކާމިޔާބު ކުރުމުގެ ހުވަފެން ދެކެމުން އައި ކުޅުން ތެރިއެއް ކަމަށާއި އެހެން ކަމުން ރޮނާލްޑޯވަނީ އޭނާއަށް ކުރެވޭނެ އެންމެ ބޮޑަށް މަސައްކަތް ކޮށްފަ ކަމަށެވެ. އަދި ސްޕެއިން އަތުން ބަލިވުމުން ދެރަވާ ކަމަށާއި އެއީ މިއީ ޕޯޗުގަލް އިން ބޭނުންވި ނަތީޖާ ނޫން ކަމަށެވެ.

ނަމަވެސް ވޯލްޑް ކަޕްގެ ފަހު 16 ޓީމުގެ ބުރުގައި ނަތީޖާ ނިކުންނާނީ ކުދިކުދި ކަންތައްތައް އެންމެ ފުރިހަމަ ކޮށްގެން ކަމަށާއި މިގޮތުން އެންމެ ފަހު ވަގުތު ސްޕެއިންއަށް ލިބިގެންދިޔަ ފުރުސަތުގެ ބޭނުން އެޓީމުން ހިފީ ކަމަށެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ސްޕެއިންގެ ކޯޗު ލުއިސް ޑެ ލަ ފުއެންޓޭ ބުނީ މިމެޗުގައި ލެމީން ޔަމާލްވަނީ އޭނާ ފަހަކަށް އައިސް ދެއްކި އެންމެ މޮޅު ކުޅުން ދައްކާފައެވެ. އަދި ނޫނޯ މެންޑޭޒްއަށް އަނިޔާވީ މިމެޗުގައި ޔަމާލް ދެއްކި މޮޅު ކުޅުން ހުއްޓުވަން ކުރި މަސައްކަތުގެ ތެރޭގައި ކަމަށެވެ.


ޑެ ލަ ފުއެންޓޭ ބުނީ މިފަދަ މުބާރާތެއްގައި އެންމެ ފަހު ވަގުތާއި ޖެހެންދެންވެސް ހިތްވަރު އެލުވާނުލާ ނަތީޖާއެއް ނެރުމަށް މަސައްކަތް ކުރާ ކުޅުންތެރިން ތަކެއް ތިބި ޓީމެއް ލިބުމަކީ އޭނާގެ ނަސީބު ރަނގަޅުވުން ކަމަށެވެ. އަދި މިމުބާރާތުގެ ކްއާޓަރ ފައިނަލްގައި ކޮންމެ ޓީމަކާއި ކުޅެން ޖެހުނަސް މައްސަލައެއް ނެތް ކަމަށާއި ސްޕެއިން އޮންނާނީ އެމެޗަށް ފުރިހަމައަށް ތައްޔާރަށް ކަމަށެވެ.