ތަޢުލީމީ ދާއިރާގައި މަސައްކަތްކުރާ ޓީޗަރުންނަށް މަސައްކަތުގެ މާޙައުލުގައި ދިމާވާ ދަތިތައް ދެނެގަނެ އެކަންކަމަށް ޙައްލުގެނައުމަށްޓަކައި މަޝްވަރާކުރަމުންދާކަމަށް ސިވިލް ސަރވިސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ. ސިވިލް ސަރވިސް މުވައްޒަފުންގެ ތެރޭގައި އެންމެ ގިނަ މުވައްޒަފުން އެއްދާއިރާއަކަށް ނިސްބަތްވާ ދާއިރާއަކީ ތަޢުލީމީ ދާއިރާއެވެ.
ރާއްޖޭގައި ތަޢުލީމު ފޯރުކޮށްދިނުމަށް މަސައްކަތް ކުރައްވާ ޓީޗަރުންނަކީ ގިނަ ވަގުތުތަކެއް މަސައްކަތުގައި ހޭދަކުރައްވަންޖެހޭ އަދި އެންމެ ބުރަ މަސައްކަތްކުރައްވާ އެއްދާއިރާއެވެ. ހަމައެއާއެކު މަސައްކަތުގެ މާޙައުލާއި ކަންކަން ބައްޓަންވެފައި ހުންނަ ގޮތުން އެންމެ ކަންބޮޑުވުން ގިނަވެސް އެއްދާއިރާއެވެ. ސިވިލް ސަރވިސްގެ އާބާދީގެ ނިސްބަތުން އެންމެ ގިނަ މުވައްޒަފުން އެއްދާއިރާއަށް ހިމެނޭ ދާއިރާއަށް ތަޢުލީމީ ދާއިރާވެފައިވާއިރު ސިވިލް ސަރވިސް ކޮމިޝަނުން ދަނީ ޓީޗަރުންގެ މަސައްކަތުގެ މާޙައުލުގައި ދިމާވަމުންދާ ދަތިތައް ދެނެގަތުމަށް މަސައްކަތް ފަށާފައެވެ.
ޕީއެސްއެމްނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ސިވިލް ސަރވިސް ކޮމިޝަންގެ ކައުންސިލް ޖެނެރަލް އަލްއުސްތާޛް އިބްރާހީމް ރަޝީދު ވިދާޅުވީ ޓިޗަރުންނަށް ދިމާވާ ދަތިތައް ދެނެގަތުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން މުވައްޒަފުންނާއެކު ބައްދަލުވުންތައްދަނީ ބާއްވަމުންނެވެ. އަދި މިހާރު މާލެ ސަރަޙައްދުގައި ގިނަ ސްކޫލްތަކަކާއި ބައްދަލުކުރެވިފައިވާކަން ފާހަގަކުރެއްވިއެވެ.
"ތަޢުލީމީ ދާއިރާގެ ބޭފުޅުންގެ ފަރާތުން އެންމެ ކަންބޮޑުވާކަމަކީ، ޕޭ ފްރޭމްވޯކަށް ބަދަލުވުމާއި ގުޅިގެން، މިހާރު ދައުލަތުގެ ހުރިހާ އިދާރާއެއްގެ މުސާރަ ކަނޑައެޅުމަށް އައު ޕޭފްރޭމްވޯކަށް ބަދަލުވަމުންދަނީ، އޭގައި ހުރި ބައެއް ދަތިތައް އެބޭފުޅުން ވަރަށް ފާހަގަކުރައްވާ. ރޭންކްތައް ބައެއް ފަހަރު ކަނޑައެޅިފައި ހުންނަ ގޮތާއި، ޕްރޮމޯޝަން ދިނުމުގައި އަމަލުކުރަމުންދާ އުސޫލުތަކާ ގުޅޭގޮތުން. އެކަންކަމާއި ބެހޭގޮތުން އަޅުގަނޑުމެން މިހާރުދަނީ ޕޭ ކޮމިޝަނާއެކު މަޝްވަރާކުރަމުން." އިބްރާހީމް ރަޝީދު ވިދާޅުވިއެވެ.
ޓީޗަރުންގެ އިތުރުގަޑީގެ އިނާޔަތްތަކާއި ގުޅޭގޮތުން އަދި ހަފުތާ ބަންދުގައި މަސައްކަތް ކުރުމާއި ގުޅޭގޮތުންވެސް ކަންބޮޑުވުންތައް ހުރުމާއެކު އެކަންކަން ހައްލުކުރުމަށްވެސް ތަޢުލީމީ ވުޒާރާއާއި ޕޭ ކޮމިޝަނާއެކު މަސައްކަތް ކުރަމުންދާކަމަށް ސިވިލް ސަރވިސް ކޮމިޝަނުން ވިދާޅުވެއެވެ.
ޓީޗަރުންގެ އިތުރުން ނަރުހުންނަކީވެސް ސިވިލް ސަރވިސްގެ ތެރެއިން ތަފާތު ގޮތަކަށް މަސައްކަތްކުރާ ބަޔަކަށްވުމުން، ދިމާވާ ދަތިތަކަށް ހައްލުތައް ގެންނަން ޖެހޭކަން އެ ކޮމިޝަނުން ފާހަގަކުރައްވައެވެ. އަދި މިކަންކަމަށް ވަރަށް އަވަހަށް ހައްލު އަންނާނެކަމަށްވެސް ސިވިލް ސަރވިސް ކޮމިޝަނުން ވިދާޅުވެއެވެ.