ޚަބަރު

ފީފާ ވޯލްޑްކަޕް 2026 ގަދަ 16: ސްޕެއިން - ޕޯޗުގަލް


ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ކުރިން މުބާރާތުގެ ހޮޓް ފެވަރިޓުން ކަމަށް ކިޔައި އުޅުނީ ސްޕޭނެވެ. އެކަމަކު ޔޫރަޕުގެ ޗެމްޕިއަނުންނަށް މިހާތަނަށް އެ ވަރުގެ ކުޅުމެއް ދެއްކިފައިނުވާ ކަމަށް ގަބޫލު ކުރާ މީހުން މަދެއްނޫނެވެ. މުޅިއަކު އެއީ ދޮގެއް ވެސް ނޫނެވެ. ހުދު ކުޅުންތެރިން ވެސް ގަބޫލު ކުރަނީ މީގެ ދެ އަހަރު ކުރިން ޔޫރޯ ހޯދިއިރު ދެއްކި ކުޅުމާ ގާތަށް ވެސް އެ މީހުންނަށް ނުކުޅެވޭނެ ކަމަށެވެ.

މިކަމުގެ ސަބަބުތަކެއް ވެސް އެބަހުރިއެވެ. ސްޕޭނު އެޓޭކް ބަރޯސާ ވެފައިވަނީ ދެ އަރިމައްޗަށެވެ. އެކަމަކު ނިކޯ ވިލިއަމްސް އާއި ލަމީން ޔަމީލްއަށް ވޯލްޑް ކަޕުގެ ކުރިން ލިބުނު އަނިޔާއިން އަރައިގަނެވި ކުރީގެ ފޯމަށް އައުމުގައި ލަސްތަކެއް އުޅެއެވެ. ސްޕޭނުގެ ދުވެލި ހަލުވި ނުގެވެގެން އުޅޭ މައިގަނޑު އެއް ސަބަބަކީ ވެސް މިއީއެވެ.

ސްޕޭން މިރޭ ޕޯޗުގަލްއާ ދެކޮޅަށް ނުކުންނައިރު ވަރަށް ގިނަ ބަޔަކު ދެކެ ގޮތުގައި މިއީ މި މުބާރާތުގައި އެ މީހުންކުރިމަތިވާނެ އެންމެ ވަރުގަދަ އިމްތިހާނެކެވެ. މި މެޗަށް ނުކުންއިރު ސްޕޭނުގެ ހިތުގައި ވަނީ ބަދަލު ހިފުމުގެ ވިސްނުމެވެ. ސަބަބަކީ ހުސްވި އަހަރުގެ ނޭޝަނަލް ލީގުގެ ތަށި ސްޕޭނަށް ގެއްލުނީ ޕޯޗުގަލް އަތުން ބަލިވެގެން ކަމަށްވުން. އެ މެޗުގައި ދެ ގައުމު އެއްވަރު ކޮށްދިން ލަނޑު ޖަހައި މެޗު ޕެނަލްޓީ އަށް ގެންގޮސްދިނީ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއެވެ.

މިރޭގެ މެޗުގެ ކުރިން މި ހަނދާންތައް އާކުރީ ސްޕޭނުގެ ގޯލްކީޕަރު އުނާއީ ސިމޮންއެވެ. އޭނާ ބުނީ ސައޫދީ އަރަބިއާގެ އައް ނަސްރަށް ކުޅޭ އުމުރުން 41 އަހަރުގެ ރޮނާލްޑޯ އިހުގައި ފެނުނު ފަދަ ތޫނުފިލި ކުޅުންތެރިއެއް ނޫނަސް އޭނާގެ ނުރައްކާ ބޮޑު ކަމަށެވެ. މިހެންވެ ސްޕޭނުން އެންމެ ބޮޑަށް ވިސްނާނީ ޕެނަލްޓީ އޭރިތާ ތެރޭގައި ރޮނާލްޑޯ އަށް ޖާގަ ނުދޭން ކަމަށެވެ.

ޕޯޗުގަލް ޓީމުގައި އެންމެ ބޮޑު ފާޑުކިއުމެއް އަމާޒުވާ ކުޅުންތެރިއަކީ ވެސް ރޮނާލްޑޯއެވެ. މުބާރާތުގައި މިހާތަނަށް ތިން ގޯލު ޖެހި ކުޅުންތެރިޔާ އަކީ ދުނިޔޭގެ ފުޓްބޯޅައިގެ އިހުގެ ބައެއް ތަރިންގެ ނަޒަރުގައި މިހާރު މާބޮޑު ކަމެއް ކުރެވޭނެ މީހެއް ނޫނެވެ. ތިއޭރޯ އޮންރީ އާއި ޒްލަޓާން އިބްރަހޮވިޗްގެ ނަޒަރުގައި ޕޯޗުގަލްގައި ހުނަރުވެރި ޓީމެއް އޮވެ ކާމިޔާބު ނުހޯދިގެން އުޅެނީ ވެސް މާބޮޑަށް ރޮނާލްޑޯ އަށް ބަރޯސާވާތީވެ. އެމީހުންގެ ނަޒަރުގައި ކޯޗު ރޮބާޓޯ މާޓިނޭޒް ވެސް ހުރީ ރޮނާލްޑޯގެ ކިބައިން ނެއްޓެން ނޭނގިފައެވެ.

އެކަމަކު މިއަށްވުރެ ބޮޑަށް މިރޭގެ މެޗަކީ ޔޫރަޕުގެ އެންމެ ވަރުގަދަ މިޑްފީލްޑަރުންގެ ވާދަވެރިކަމެވެ. ކުރިއާ ހިލާފަށް މާގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ތިބުމުގެ ބަދަލުގައި ސްޕޭނުން ބޯޅަ ދެ އަރިމައްޗަށް ނެރެގެން ހަމަލާ އުފައްދަން މަސައްކަތް ކުރާއިރު ޕޯޗުގަލް އަކީ ހުނަރުވެރި އެޓޭކިން މިޑްފީލްޑަރުންގެ އަރިމަތިތައް ބޭނުން ކުރުމަށްވުރެ ބޮޑަށް ވީހާ ބޮޑަށް ބޯޅަ ހިފަހައްޓައިގެން ކުޅެން އެމީހުން މަސައްކަތް ކުރަނީ މިހެންވެއެވެ.

ކޯޗު ރޮބާޓޯ މާޓިނޭޒްގެ ކޯޗުކަމުގައި ޕޯޗުގަލް ގިނަ ގޯލުތަކެއް ޖެހި ނަމަވެސް ކަންބޮޑުވާން ޖެހޭ ކަމަކީ ދިފާއީ ވިސްނުމުގައި ފަހަތުގައި ކޭމްޕް ކޮށްގެން ޓީމުތަކާ ދެކޮޅަށް ނަތީޖާ ނެރެން ޕޯޗުގަލް އަށް އުނދަގޫވުމެވެ.. ކޮންގޯ މެޗުގައި ފެނުނީ މިފަދަ މަންޒަރެެވެ. މިއީ ތައްޓާ އަށް ހަމައަށް ދިއުމަށާއި ގިނަ ގޯލު ޖަހަން ރޮނާލްޑޯ އަށް ވެސް ކުރިމަތިވާނެ ގޮންޖެހުމެކެވެ.