ޔޫ.އެސް ޑިޕާޓްމަންޓް އޮފް ސްޓޭޓް، ބިއުރޯ އޮފް އިންޓަނޭޝަނަލް ނާކޮޓިކްސް އެންޑް ލޯ އެންފޯސްމަންޓް އެފެއާޒުގެ ފަރާތުން ދިވެހި ފުލުހުންގެ ޚިދުމަތަށް ޑްރަގް ޓެސްޓް ކިޓްތަކެއް ހަދިޔާކޮށްފިއެވެ.
އިސްކަންދަރު ބިލްޑިންގގައި ބޭއްވި ޚާއްސަ ރަސްމިޔާތެއްގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން މި ތަކެއްޗާ ޙަވާލުވެލެއްވީ، ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދެވެ. ޔޫ.އެސް ޑިޕާޓްމަންޓް އޮފް ސްޓޭޓް، ބިއުރޯ އޮފް އިންޓަނޭޝަނަލް ނާކޮޓިކްސް އެންޑް ލޯ އެންފޯސްމަންޓް އެފެއާޒުގެ ފަރާތުން ދިވެހި ފުލުހުންގެ ޚިދުމަތަށް މި ތަކެތި ޙަވާލުކޮށްދެއްވީ، ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމްގެ ފަރާތުން އެންރިކޯ ބޮނިންގސެނާއާއި، މިހްޔަރ އަލް ނިފެއިޑީއެވެ.
މި ރަސްމިއްޔާތުގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ އެގެޒެކެޓިވް ބައެއް އޮފިސަރުންނާއި، ޔޫއެންއޯޑީސީގެ އިސްބޭފުޅުން ބައިވެރިވެލެއްވިއެވެ.
މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް ދެއްކެވި ވާހަކަފުޅުގައި، ޔޫ.އެސް ޑިޕާޓްމަންޓް އޮފް ސްޓޭޓް، ބިއުރޯ އޮފް އިންޓަނޭޝަނަލް ނާކޮޓިކްސް އެންޑް ލޯ އެންފޯސްމަންޓް އެފެއާރޒަށާއި ޔޫއެންއޯޑީސީއަށް ޝުކުރު އަދާކުރެއްވިއެވެ. އަދި މި ޙަވާލުކުރި ޑްރަގް ޓެސްޓް ކިޓުތަކާއެކު، މަސްތުވާތަކެތީގެ މައްސަލަތަކުގައި ފްރަންޓްލައިންގައި މަސައްކަތް ކުރާ ފުލުހުންގެ މަސައްކަތްތައް އަވަސްވެ، އިތުރު ލުއިފަސޭހަތަކެއް ލިބޭނެ ކަމަށް ވިދާޅުވިއެވެ. އަދި މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާވެ، ތަޙުޤީޤުތަކަށް އިތުރު ކުރިއެރުންތަކެއް ލިބޭނެ ކަމަށްވެސް ވިދާޅުވިއެވެ.
މި ޙަވާލުކުރި 150 ޑްރަގް ޓެސްޓް ކިޓަކީ، އަވަސް އަދި އިތުބާރު ހުރި ނަތީޖާ ލިބޭ ގޮތަށް ފަރުމާކޮށްފައިވާ ކިޓުތަކެކެވެ. މީގެ ސަބަބުން ގިނަ ބާވަތްތަކުގެ މަސްތުވާތަކެތި ފަސޭހައިން ދެނެގަނެވި، ފުލުހުންގެ އޮޕަރޭޝަންތަކަށާއި ތަޙުޤީޤުގެ މަރުހަލާތަކަށް އެހީއަކަށް ވެގެންދާނެއެވެ.