އައްޑޫ ސިޓީ ހުޅުމީދޫގެ ކުނިކޮށި އަޕްގްރޭޑް ކުރެއްވުމަށް 1.8 މިލިއަން ރުފިޔާއަށް އައިލެންޑް އެކްސްޕްރެސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރައްވައިފިއެވެ.
އުތުރުގެ ތިން އަތޮޅުގައި ކުނި ކޮށި ޤާއިމްކުރުމުގެ މަސައްކަތް މިހާރު ނުފެށިހުރި ރަށްތަކުގައި ކުނިކޮށި ޤާއިމްކުރެއްވުމުގެ މަސައްކަތްވެސް ވަރަށް އަވަހަށް ފަށްޓަވާނެ ކަމަށް އެންވަޔަރަމަންޓް މިނިސްޓަރ ތާރިޤް އިބްރާހިމް ހާމަކުރެއްވިއެވެ.
ރައްކާތެރި ގޮތުގައި ކުނި މެނޭޖް ކުރެއްވުމުގެ ބިޔަ މަޝްރޫއެއް އެންވަޔަރަމަންޓް މިނިސްޓްރީން ވަނީ ފަށްޓަވާފައެވެ. މި މަޝްރޫއުގެ ދަށުން ރާއްޖޭގެ ކޮންމެ ރަށެއްގައި އެރަށަކަށް ބޭނުންވާ ފެންވަރުގެ ކުނި ކޮށި ޤާއިމް ކުރެއްވުމަށްވަނީ ނިންމަވާފައެވެ. މި މަޝްރޫއުގެ ދަށުން މިއަދުވަނީ އައްޑޫސިޓީ ހުޅުމީދޫގެ ކުނިކޮށި އިތުރަށް ތަރައްޤީ ކުރެއްވުމަށް 1.8 މިލިއަން ރުފިޔާއަށް އައިލެންޑް އެކްސްޕްރެސް ޕްރައިވެޓް ލިމިޓެޑާ ޙަވާލު ކުރައްވާފައެވެ. 45 ދުވަހުގެ ތެރޭގައި ނިންމުމަށް ޙަވާލުކުރެއްވި މި މަސައްކަތުގެ ދަށުން، ކުނި ކޮށީގައި ކުނި ކޮމްޕްރެސް ކުރާނެ ކޮމްޕާރޓްމެންޓްތައް ހެދުމާއި، އެކަމަށް ބޭނުންވާ މެޝިނަރީ ގާއިމްކުރަންޖެހެއެވެ. މި އެއްބަސްވުމާބެހޭ ގޮތުން އެންވަޔަރަމަންޓް މިނިސްޓަރ ތާރިޤް އިބްރާހިމް ވިދާޅުވީ، މި ދެ ރަށުގެ ކުނި ކޮށި ތަރައްޤީ ކުރުމަށް ޑިޒައިން ކުރައްވާފައިވަނީ މިހާރު އެކުލަވާލައްވާފައިވާ ޕޮލިސީއާ އެއްގޮތަށް އެރަށަކަށް ބޭނުންވާ ކުނިކޮށީގެ ޑިޒައިނަށް ކަމަށެވެ.
ރައްކާތެރި ގޮތުގައި ކުނި މެނޭޖް ކުރުމަށް މިހާރު މިނިސްޓްރީން ކުރިއަށްގެންދަވާ މަޝްރޫއުތަކަށް އަލި އަޅުއްވާލައްވަމުން މިނިސްޓަރ ވިދާޅުވީ، މިހާރު އެންމެ އިސްކަމެއް ދެއްވައިގެން ކުރިއަށް ގެންދަވަނީ އުތުރުގެ 3 އަތޮޅުގެ ހުރިހާ ރަށެއްގެ ކުނި ކޮށި ޤާއިމްކުރެއްވުމުގެ މަސައްކަތް ކަމަށެވެ. ސަރުކާރުގެ ބަޖެޓުންނާއި އޮފިޑް ލޯން އެހީގެ ދަށުން ކުރިއަށްގެންދަވާ މި މަޝްރޫއުގެ މަސައްކަތް މިހާރު ފަށްޓަވާފައިވާއިރު، މިހާރު މަސައްކަތް ނުފެށި ހުރި ރަށްރަށުގެ މަސައްކަތް އެންމެ ލަސްވެގެން، އަންނަ ޖެނުއަރީގައި ފަށްޓަވާނެ ކަން ފާހަގަކުރެއްވިއެވެ.
މިނިސްޓަރ ވިދާޅުވީ، މާލޭގެ ކުނި މެނޭޖް ކުރުމަށް ބޭނުންވާ މެޝިނަރީ ޑިސެމްބަރު މަހުގެ ތެރޭގައި ވެމްކޯއަށް ލިބިގެންދާނެ ކަމަށާއި، ޑިސެމްބަރ މަހުގެ ތެރޭގައި މާލޭގެ ބައެއް ހިސާބުތަކުން ކުނި ކަލެކްޓް ކުރެއްވުމުގެ މަސައްކަތް ފަށްޓަވާނެ ކަމަށެވެ.
ރައްކާތެރިގޮތުގައި ކުނި މެނޭޖްކުރުމަށް ކުރިއަށްގެންދަވާ މަޝްރޫއުގެ ދަށުން ތިލަފުށީގެ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ ޕްރޮޕޯޒަލް މަސައްކަތާއި، އެ މަޝްރޫއަށް ފައިސާ ހަމަޖެއްސުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި މާލޭގެ ހުޅަނގު ފަރާތުގައި ހިއްކާފައިވާ ސަރަޙައްދުގައި ހައްދަވާ ވޭސްޓް ޔާރޑެއްގެ ޑިޒައިނިން މަސައްކަތް ކުރިއަށްދާ ކަމަށް އެންވަޔަރަމަންޓް މިނިސްޓަރ ތާރިޤް އިބްރާހިމް ވިދާޅުވިއެވެ. ރައްކާތެރި ގޮތުގައި ކުނި މެނޭޖް ކުރެއްވުމާއި، މި ރާއްޖެ ސާފު ރާއްޖެ އަކަށް ހެއްދެވުމަށް ހުރިހާ ފަރުދުންގެ އެއްބާރުލުން ބޭނުންވާކަން މިނިސްޓްރީން ފާހަގަކުރައްވައެވެ.