ޚަބަރު

ހިޔާ ޓަވަރުތަކުގައި ލިފްޓުތައް ހަރުކުރުމުގެ މަޝްރޫއު ނިންމާލައިފި


  • ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓު ހަރުކޮށްދިނުމަކީ ރައީސްގެ ވަޢުދެއް

  • އަމަލީ މަސައްކަތް ފައްޓާފައިވަނީ 2024ވަނަ އަހަރު

  • ކޮންމެ ޓަވަރެއްގައި 2 ލިފްޓު ވަނީ ހަރުކޮށްފައި

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓުތައް ހަރުކުރުމުގެ މަޝްރޫއު ނިންމައި އިފްތިތާހުކޮށްފިއެވެ.

މި މަޝްރުއަކީ ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް ލިފްޓުގެ ދަތިކަން ދިމާވާތީ އެކަމަށް ހައްލެއް ގެނައުމަށް ކުރިއަށްގެންދިޔަ މަޝްރޫޢުއެކެވެ. ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓު ހަރުކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދެކެވެ.

ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓުތައް ހަރުކުރުމުގެ މަޝްރޫއު އިފުތިތާހުކޮށްދެއްވީ ބިނާރާއި ގެދޮރުވެރިކަމާ އުމްރާނީ ތަރައްގީއާ ބެހޭ ވަޒީރު، ޑރ. އަބްދުﷲ މުއްޠަލިބްއެވެ.

މި މަޝްރޫޢުގެ ދަށުން، ހިޔާގެ 16 ޓަވަރުގެ ތެރެއިން ކޮންމެ ޓަވަރަކަށް 2 ލިފްޓު އިތުރުކޮށް، ޖުމްލަ 32 ލިފްޓު ވަނީ ހަރުކޮށްފައެވެ. މީގެ ތެރޭގައި ހިމެނެނީ ސްޓްރެޗަރ ނުވަތަ ބަލި މީހުން އުފުލޭނެ 21 މީހުންގެ ޖާގައިގެ ބޮޑު ލިފްޓަކާއި، 14 މީހުންގެ ޖާގައިގެ އިތުރު ލިފްޓެކެވެ. މި ލިފްޓުތަކަކީ ލޮލުގެ ފެނުމުން މަހުރޫމްވެފައިވާ މީހުންނަށް ފަސޭހައިން ބޭނުންކުރެވޭނެހެން ބްރެއިލް އަކުރުން ފްލޯ ނަންބަރުތައް ޖަހާފައިވާ ޒަމާނީ ލިފްޓުތަކެކެވެ.

25 ފަންގިފިލާގެ ހިޔާ މަޝްރޫޢުގައި 6720 ހައުސިން ޔުނިޓް ހިމެނެއެވެ. ހިޔާގެ ކޮންމެ ޓަވަރެއްގައި 400 އެއްހާ އެޕަރޓުމަންޓު ހިމެނެއެވެ. އަދި ކޮންމެ ޓަވަރެއްގެ އާބާދީ 2000އާއި ގާތްކުރެއެވެ.

ޓަވަރުތައް ފުރަތަމަ ތަރައްޤީކުރިއިރު، އެތަންތަނުގައި ހަރުކޮށްފައިވަނީ ބަލިމީހުން އުފުލާ ހެދޭހާ ތަނަވަސް ލިފްޓުތަކެއް ނޫނެވެ. މީގެ ކުރިން ކޮންމެ ޓަވަރެއްގައި ހުންނަނީ 3 ނުވަތަ 4 ލިފްޓެވެ. އަދި ޓަވަރުތަކުގައި ލިފްޓު މަދުވުމުގެ ސަބަބުން ފްލެޓުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް އަރައި ފޭބުމުގައި ބޮޑެތި ދަތިތަކަކާ ކުރިމަތިލާން ޖެހިފައިވާތީ، އެކަމުގެ ކަންބޮޑުވުން އާންމުން ވަނީ މީގެ ކުރިން ފާޅުކޮށްފައެވެ.

މި މައްސަލައަށް ހައްލެއް ގެނައުމަށްޓަކައި ހިޔާގެ 16 ޓަވަރުގައި ލިފްޓް އިތުރު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވިއެވެ. މި މަސައްކަތް ކުރުމަށް ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން އެޗްޑީސީއިން ހަވާލުކުރީ ޗައިނާގެ ޝެންޔަންގް ޔުއާން އިންޓެލެކްޗުއަލް ގްރޫޕަށެވެ. އަދި މަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓާފައިވަނީ 2024ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ.