ޚަބަރު

ޕީއެސްއެމްގެ ވޯލްޑް ކަޕް ހަވީރު: ފުޓުބޯޅައަށް އޮތް ފޯރި ފެނުނު


  • އެކި ގޭމުތައް ކުޅެ އިނާމު ހޯދުމުގެ ފުރުޞަތު ލިބޭ

  • ސަޕޯޓުކުރާ ޓީމުގެ ޖާޒީ އަގުހެޔޮކޮށް ގަތުމުގެ ފުރުޞަތު

  • ސްޓޭޖު ހަރަކާތްތައް ފެނިގެންދިޔަ

ފީފާ ވޯލްޑް ކަޕް 2026ގެ ފޯރި ދިވެހިންގެ މެދުގައި ގަދަކޮށް، ގިނަބަޔަކަށް ބައިވެރިވެވޭނެ ފަދަ ކުޅިވަރުގެ ބޮޑު އީދަކަށް މި މުބާރާތް ހެދުމަށް ޕަބްލިކް ސާވިސް މީޑިއާއިން ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން، މިދިޔަ ހަފްތާ ބަންދުގައި ވެސް ކުޑަކުދިންނަށް ޙާއްސަ ހަވީރު ބާއްވައިފިއެވެ.

ފާއިތުވީ ހަފްތާ ބަންދުތަކެކޭ ވެސް އެއްގޮތަށް، ކުޅިވަރު ހަރަކާތްތަކާއި މުނިފޫހިފިލުވުމުގެ އިތުރުން މި ކާނިވާގައި އެންމެ ޚާއްޞަ އެއްކަމެއްގެ ގޮތުން ވޯލްޑްކަޕުގައި ކުޅޭ ޓީމުތަކުގެ ޖަޒީތައް ހެޔޮ އަގުތަކެއްގައި ގަނެވޭނެ ފުރުޞަތު ވަނީ ފަހިކޮށްދީފައެވެ.

މީގެއިތުރުން މި ކާނިވާގެ ތެރެއިން ތަފާތު އެކި ސްޓޯލްތަކުން އެކި ބާވަތްތަކުގެ މީރު ކާތަކެތި ވެސް ލިބެން ހުރެއެވެ.

ކޮންމެ ހަފުތާ ބަންދެއްގައި ބާއްވާ މިކާނިވާ ވެފައިވަނީ ކުޑަކުދިން ގަޔާވާ، އެކުދިންގެ ތަރުޙީބު ވަރަށް ބޮޑަށް ލިބޭ ހަވީރަކަށެވެ.

މި ހަވީރުން އެންމެ ބޮޑަށް ފާހަގަވަނީ، ދިވެހިންގެ މެދުގައި ފުޓުބޯޅައަށް އޮތް ފޯރިއާއި، ވަކި އުމުރެއް ނެތި، ހުރިހާ އުމުރެއްގެ ދިވެހިންގެ ހިތުގައިވެސް މި ކުޅިވަރާ މެދު އޮތް ގާތްކަމެވެ.

އަދި އަމިއްލަ ފަސްގަނޑުގައި ވޯލްޑް ކަޕް ނުބޭއްވި ނަމަވެސް، ގޭގޭގެ ސިޓިންރޫމް ތަކާއި އެކިއެކި ޖަގަހަ ތަކާ ހަމައަށް، މުޅިން ހިިލޭ ދިވެހިންނަށް ވޯލްޑް ކަޕް ގެނެސްދިނުމަށް ޕީއެސްއެމް އިން ކުރި ކާމިޔާބު މަސައްކަތާމެދު ދިވެހިން ހިތްހަމަޖެހިފައި ހުރި މިންވަރާއި، ޝުކުރުވެރިވާ މިންވަރުވެސް، މި ހަވީރަށް އައި ގިނަބައެއްގެ ޝުއޫރުތަކުން ހާމަވެގެން ދިޔައެވެ.

ވޯލްޑް ކަޕް ފެށެން ގާތްވުމާއެކު، ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) އިން ދިޔައީ، ދިވެހިންގެ މެދުގައި އެކަމުގެ ފޯރި އިތުރު ކުރުމަށް އެކިކަހަލަ ހަރަކާތްތައް ހިންގަމުންނެވެ. އެގޮތުން އަޟްޙާ ޢީދުގެ މުނާސަބަތުގައި ސަރުކާރުގެ އެކި މުވައްސަސާތައް ގުޅިގެން ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށް ގެންދިޔަ ފެސްޓިވަލުގައި ވޯލްޑްކަޕާއި ގުޅޭ ސްޓޯލެއް ކުރިއަށް ގެންދިއުމާއި، ވޯލްޑް ކަޕް ފެށެން ހަފުތާއެއްހައި ދުވަހަށް ވެފައި ވަނިކޮށް ހުޅުމާލެ ދެވަނަ ފިޔަވަހީގައި ކުރިއަށް ގެންދިޔަ ޚާއްޞަ ވޯލްޑްކަޕް ހަވީރު ފާހަގަކޮށްލެވެއެވެ.