ޚަބަރު

ޚާއްސަ ހާލަތުގައި ގޭގައި ހުރެގެން މަސައްކަތްކުރެވޭނެ ގޮތުގެ ޤަވާއިދެއް


  • ޞިއްޙީ ޙާލަތާ ގުޅޭ ރަސްމީ ލިޔެކިޔުން ހުށައަޅަންވާނެ

  • މަސައްކަތްކުރެވޭނެ އެކަށީގެންވާ މާޙައުލެއް އޮންނަންވާނެ

  • ހުއްދަ ދޭނީ އެއްބަސްވުމެއްގެދަށުން

ކުއްލި ޙާލަތްތަކާއި ގުޅިގެން އޮފީހަށް ހާޒިރުނުވެ މަސައްކަތްކުރުމުގެ ޤަވާއިދު އާއްމުކޮށްފިއެވެ. މި ޤަވާއިދުގައި ބައެއް ދާއިރާތަކާއި ވަޒީފާތައް އިސްތިސްނާވެއެވެ.

"ދިވެހި ސިވިލް ސަރވިސް"ގެ ޤަވާއިދަށް ގެނައި 19ވަނަ އިސްލާހު ގެޒެޓުކޮށް ޢާއްމުކުރީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

މިޤަވާއިދުގައިވާގޮތުން ޞިއްޙީ ވުޒާރާގައި ރަޖިސްޓަރީކޮށްފައިވާ ޞިއްޙީ މަސައްކަތްތެރިއެއްގެ ލިޔުމެއް ނުވަތަ އެފަދަ ލިޔުމެއް ދޫކުރި ޤައުމެއްގައި ރަޖިސްޓަރީކޮށްފައިވާ ޞިއްޙީ މަރުކަޒަކުން ދޫކޮށްފައިވާ ލިޔުމަކަށް ރިޢާޔަތްކޮށް، މަސައްކަތްކުރާ އިދާރާގައި އެކަމަށް އެދި ހުށަހެޅުމުން އެ އިދާރާއެއްގެ ސިވިލް ސަރވިސްގެ އެންމެ އިސްވެރިޔާއަށް ފެންނަގޮތަކަށް އެ ހުއްދަ ދެވިދާނެއެވެ.

އޮފީހަށް ހާޒިރުނުވެ މަސައްކަތްކުރުމުގެ ހުއްދަ ދޭންވާނީ މުވައްޒަފާ ހަވާލުކޮށްފައިވާ މަސައްކަތްތަކަކީ އޮފީހަށް ހާޒިރުނުވެ، އެކަށީގެންވާ ގޮތެއްގައި ކުރެވޭނެ މަސައްކަތްތަކެއް ކަމުގައިވާނަމައެވެ. އޮފީހަށް ހާޒިރުނުވެ މަސައްކަތްކުރުމުގެ ހުއްދަ ދިނުމުގައި މުވައްޒަފާ ހަވާލުކުރެވޭ މަސައްކަތްތައް ނުވަތަ ޓާސްކުތައް އަދާކުރުމަށް ބޭނުންވާ ވަސީލަތްތަކާއި، މަސައްކަތްކުރުމަށް އެކަށޭނަ މާޙައުލެއް އޮތްކަން ކަށަވަރުކުރަންވާނެއެވެ.

އަދި އެ އިދާރާއިން ދޭ އެއްވެސް ޚިދުމަތަކަށް ހުރަސްނޭޅޭނެކަން ކަށަވަރުކުރުމާއެކު، މުވައްޒަފު އޮފީހަށް ހާޒިރުނުވެ ކުރާ މަސައްކަތްތައް ނުވަތަ ޓާސްކުތައް މުވައްޒަފަށް ހަވާލުކުރެވި، އެ މަސައްކަތްތައް ނިންމާ މިންވަރު ދުވަހުންދުވަހަށް ސުޕަވައިޒުކޮށް މޮނިޓަރކޮށް ބަލަހައްޓަންވާނެއެވެ.

އޮފީހަށް ހާޒިރުނުވެ މަސައްކަތްކުރުމުގެ ހުއްދަދެވޭ މުވައްޒަފަކު އޮފީހަށް ހާޒިރުވާންޖެހޭ ފަދަ ހާލަތެއް މެދުވެރިވެގެން މުވައްޒަފު މަސައްކަތްކުރާ އިދާރާއިން އަންގައިފި ނަމަ، އޮފީހަށް ހާޒިރުވާންވާނެއެވެ.
އަދި އޮފީހަށް ހާޒިރުނުވެ މަސައްކަތްކުރުމަށް ހުއްދަދެވޭ މުވައްޒަފުންގެ މަސައްކަތް ބަލާ، މުވައްޒަފަށް އެދެވޭ މިންވަރަށް މަސައްކަތް ނުކުރެވޭކަމަށް އިދާރާއަށް ފާހަގަކުރެވިއްޖެ ނަމަ، އޮފީހަށް ހާޒިރުނުވެ މަސައްކަތްކުރުމަށް ދީފައިވާ ހުއްދަ ނިމުމަކަށް ގެނެވިދާނެކަމަށްވެސް ޤަވާއިދުގައިވެއެވެ.

އޮފީހަށް ހާޒިރުނުވެ މަސައްކަތްކުރުމަށް އެދެވޭނީ، އެކަމަށްޓަކައި އިދާރާއިން ކަނޑައަޅާ އެއްބަސްވުމުގައި ސޮއިކުރުމަށްފަހުއެވެ. އެ އެއްބަސްވުމުގައި، މަސައްކަތުގެ މައުލޫމާތާއި ސިއްރު ހިފެހެއްޓުމަށް ވެސް އިޤުރާރުވާންވާނެއެވެ.

ނަމަވެސް ބައެއް ބާވަތުގެ ދާއިރާތަކުގައި މަސައްކަތްކުރާ މުވައްޒަފުން މިކަމުން އިސްތިސްނާވެއެވެ. އެއީ ކޮންމެހެން ހާޒިރުވެގެން މަސައްކަތްކުރެވޭ ދާއިރާތަކެވެ. މީގެތެރޭގައި ޓީޗަރުންނާއި ނަރުހުން ފަދަ ފަންނުތަކުގެ މުވައްޒަފުންނާއި ހިންގުމުގެ އިސްފަންތީގެ މުވައްޒަފުންވެސް ހިމެނެއެވެ.