މުނިފޫހިފިލުވުން

މޯލްޑިވިއަން އައިޑަލް ސީޒަން 2 - 4 ސްޕޮންސަރެއް ހަމަޖައްސައިފި


މޯލްޑިވިއަން އައިޑޮލް ސީޒަން 2 ގެ ހަތަރު ސްޕޮންސަރަކާއެކު ޕީއެސްއެމްއިން ސޮއިކޮށްފިއެވެ. 

ޕީއެސްއެމްގެ ރޭޑިއޯ ބިލްޑިންގގައި އޮތް މި ރަސްމިއްޔާތުގައި ސޮއިކޮށްފައިވަނީ މޯލްޑިވިއަން އައިޑަލްގެ ސީޒަން 2 ގެ، ކޭޓަރިންގ ޕާރޓްނަރ، އޮންލައިން މީޑިއާ ޕާޓްނަރ، އެކޮމޮޑޭޝަން ޕާރޓްނަރ އަދި އޮޑިޓް ފާރމް އާއެކުއެވެ. 

މޯލްޑިވިއަން އައިޑަލް ސީޒަން 2 ގެ ކޭޓަރިން ޕާރޓްނަރެއްގެ ގޮތުގައި ހަމަޖައްސަވާފައިވަނީ ސީޒަން އެކެއްގެވެސް ކޭޓަރިން ޕާރޓްނަރ ސީ ހައުސްއެވެ. އޮންލައިން މީޑިއާ ޕާރޓްނަރަކީ ސީޒަން އެކެއްގެވެސް އޮންލައިން މީޑިއާ ޕާރޓްނަރ އަވަސް އޮންލައިންއެވެ. އެކޮމޮޑޭޝަން ޕާރޓްނަރަކަށް ހަމަޖައްސަވާފައިވަނީ ޗަމްޕާ ސެންޓްރަލް ހޮޓެލެވެ. އޮޑިޓް ފާރމެއްގެ ގޮތުގައި ހަމަޖެއްސެވީ ކްރޯވެ ހޮވަތް އޮޑިޓް ފާރމެވެ.

img:http://s2.psmnews.mv/images/660x400/14767099774646.jpg|މޯލްޑިވިއަން އައިޑަލް ސީޒަން 2ގެ ސްޕޮންސަރުން ހަމަޖެއްސުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ޕީއެސްއެމް

ސްޕޮންސަރުންނާއެކު ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޕީއެސްއެމްގެ ފަރާތުން މި އެއްބަސްވުންތަކުގައި ސޮއިކުރެއްވީ ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އައިމިނަތު ޝާޔަން ޝާހިދުއެވެ. މީޑިއާއަށް މައުލޫމާތު ދެއްވަމުން ޝާޔަން ވިދާޅުވީ، މޯލްޑިވިއަން އައިޑަލް ސީޒަން 2 އަށް ގިނަ ފަރާތްތަކަކުން ސްޕޮންސަރ ހުށަހަޅަމުންދާކަމަށެވެ. އެހެންކަމުން ޕާރޓްނަރުން އިވެލުއޭޓްކުރުންވެސް ވެގެންދިޔައީ ވަރަށް ޗެލެންޖިންގ ކަމެއްކަމަށް އޭނާ ވިދާޅުވިއެވެ. ޝާޔަން ވިދާޅުވީ، ދެވަނަ ސީޒަނަށް އިންޓަރނޭޝަނަލް އޮޑިޓް ފާރމެއް ގުޅިގެންދިއުމަކީ އައިޑަލް ޝޯއަށް ބެލުންތެރިން އިތުބާރު ބޮޑުވެގެންދާނެ ކަމެއް ކަމަށް ޝާޔަން ވިދާޅުވިއެވެ.

މޯލްޑިވިއަން އައިޑަލް ސީޒަން ދޭއްގެ ޕާރޓްނަރުންގެ ގޮތުގައި މިއަދު ސޮއި ކުރި ފަރާތްތަކުން ބުނީ، މޯލްޑިވިއަން އައިޑަލް ކާމިޔާބު ޝޯވއަކަށް ހެދުމަށް އެ ފަރާތްތަކުން ފުރިހަމަ އެއްބާރުލުންދީ، ޝޯ ޕްރޮމޯޓް ކުރުމަށް ތަފާތު ކަންކަން ރާވާފައިވާކަމަށެވެ.

މޯލްޑިވިއަން އައިޑަލް ސީޒަން 2 ގެ އޮޑިޝަންތައް ރާއްޖޭގެ 6 ސަރަޙައްދެއްގައި ބޭއްވުމަށް ވަނީ ނިންމާފައެވެ. މިފަހަރުގެ އޮޑިޝަންތައް ބޭއްވުމަށް ނިންމާފައިވާ ސަރަޙައްދުތަކަކީ އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ، މާލެ ސިޓީ، ލ.ގަން އަދި ބ.އޭދަފުށީގެ އިތުރުން ހދ. ކުޅުދުއްފުށްޓެވެ.