ފީފާ ވަރލްލްޑްކަޕް ފުޓްބޯޅަ މުބާރާތް ބާއްވާ އެއް ގައުމު މެކްސިކޯ ގަދަ 16 ޓީމްގެ ތެރެއިން ޖާގަ ހޯދައިފިއެވެ.
މެކްސިކޯ ގަދަ 16 ޓީމްގެ ތެރެއިން ޖާގަ ހޯދީ މެކްސިކޯ ސިޓީ ސްޓޭޑިއަމްގައި އިކުއެޑޯ 2-0 ން ބަލިކޮށްގެންނެވެ. ގަދަ 32 ޓީމް ވާދަކުރާ ބުރުގައި ދެޓީމްގެ މެޗު ފެށީ ވިދާ ގުގުރާ މޫސުން ގޯސްވުމުގެ ސަބަބުން ކަނޑައެޅިފައި އޮތް ގަޑިއަށްވުރެ ގަޑިއިރެއް ފަހުންނެވެ. ގްރޫޕް ސްޓޭޖްގެ ތިން މެޗުވެސް ކާމިޔާބުކުރި މެކްސިކޯ އިން މެޗު ފަށައިގެން 22 ވަނަ މިނިޓްގައި ކުރި ހޯދިއެވެ. ކުރި ހޯދައިދިނީ ރޮބާޓޯ އަލްވަރާޑޯ ތަނަވަސްކޮށްދިން ފުރުޞަތަކުން ހޫލިއަން ކުއިނޯނޭސް ގޯލުގެ މަތީ ކަނަށް ބޯޅަ ފޮނުވާލައިގެންއެވެ. އޭގެ 8 މިނިޓްފަހުން ކުއިނޯނޭސް ތަނަވަސްކޮށްދިން ފުރުޞަތަކުން ރައުލް ހިމެނޭޒް މެކްސިކޯގެ ލީޑް ފުފާޅުކޮށްދިނީވެސް ގޯލްގެ މަތީކަނަށް ބޯޅަ އަމާޒުކޮށްލައިގެންނެވެ. އެނަތީޖާގެ ފުރަތަމަ ހާފް ނިމި، ދެވަނަ ހާފަށް މެކްސިކޯ ނިކުތީ މެޗުގެ ކޮންޓްރޯލާއެކު އިތުބާރުގެ މަތީގައެވެ. ފުރަތަމަ ހާފްގައި އިކުއެޑޯއިން ފޮނުވާލި އެންމެ ރަނގަޅު ހަމަލާއަކީ ޖޯން ޔެބޯއާ ފޮނުވާލި ދެ ބޯޅައެވެ. އެއްބޯޅަ ކީޕަރު މަތަކުރިއިރު، އަނެއް ބޯޅަ އަމާޒުވީ ދަނޑިއަށެވެ.
މިއީ 1986 ވަނަ އަހަރުގެ ފަހުން މެކްސިކޯއަށް ވަރލްޑްކަޕްގެ ނޮކްއައުޓް މެޗެއް ކާމިޔާބުކުރެވުނު ފުރަތަމަ ފަހަރެވެ. ގަދަ 16 ޓީމްގެ ބުރުގައި މެކްސިކޯ ވާދަކުރަން ޖެހޭނީ އިންގްލެންޑް ނުވަތަ ކޮންގޯއާއެވެ. އެމެޗުވެސް ކުޅޭނީ މެކްސިކޯގައެވެ.
މެޗުގެ ފުރަތަމަ ދިހަ މިނިޓްގެ ތެރޭގައި އޭރިޔާ ތެރެއިން މެކްސިކޯއިން 4 ފުރުޞަތު ހޯދިއެވެ. ނަތީޖާއެއްގެ ގޮތުން މެކްސިކޯގެ ފަރާތުން ލަނޑެއް ނުފެނި އެގައުމުގެ ސަޕޯޓަރުން ގިނަ އިރު މަޑުކުރަން ނުޖެހުނެވެ. މެޗު އިކުއެޑޯ އިން ނިންމާލަން ޖެހުނީ ކުޅުންތެރިއަކު މަދުކޮށެވެ. އެއީ މެޗުގެ އިތުރު ވަގުތުގައި ޑިފެންޑަރ ޕިއޭރޯ ހިންކަޕީއޭ އަށްށް ސީދާ ރަތްކާޑެއް ދެއްކުމުންނެވެ. އޭނާއަށް ރަތްކާޑް ދެއްކީ އިދިކޮޅު ޓީމްގެ ކުޅުންތެެރިއަކާ އަނގަމަތީ އަތް އަޅައިގެން ނުރުހުންތެރިކަމާއެކު ވާހަކަ ދެއްކުމުންނެވެ. މިއީ މިފަހަރު އަލަށް މުބާރާތުގައި އަމަލުކުރާ ގަވާއިދެކެވެ. މިއީ މިގޮތަށް އަމަލުކޮށްގެން މިފަހަރުގެ މުބާރާތުގައި ދެއްކި ދެވަނަ ރަތް ކާޑެވެ.