ކުޅިވަރު

ގްރޫޕް ސްޓޭޖުން ކެޓުމުން ކޮރެއާ ކެޕްޓަން ސޮން މަޢާފަށް އެދިއްޖެ


  • ކޮރެއާ ގްރޫޕް ސްޓޭޖުން ކެޓީ ޕޮއިންޓެއް މަދުވެގެން

ފީފާ ވަރލްޑްކަޕްގެ ގްރޫޕް ސްޓޭޖުން ކެޓުމުން ސައުތް ކޮރެއާގެ ކެޕްޓަން ސޮން ހިއުން މިން މަޢާފަށް އެދިއްޖެއެވެ.

ގަދަ 32 ޓީމްގެ ތެރެއަށް ދަތުރު ނުކުރެވުމުން ސޮން އޭނާގެ އިންސްޓަގްރާމްގައި ލިޔެފައިވަނީ ވާހަކަ ފަށާނެގޮތެއްވެސް ނޭންގޭ ކަމަށެވެ. އެނާކާމިޔާބީން ރެކެން ބޭނުން ނުވާކަމަށާއި، ކަމެއް ނުވާކަމަށް ދެއްކެންވެސް ނެތް ކަމަށް ޓޮޓްނަމްގެ ކުރީގެ ފޯވާޑް ލިޔެފައިވެއެވެ. 33 އަހަރުގެ ކުޅުންތެރިޔާ ބުނީ ފުރަތަމަ ކަމަކަށް ކޮރެއާގެ ހުރިހާ ރައްޔިތުންނާއި، އެގައުމަށް ސަޕޯޓް ކުރާ ފުޓްބޯޅަ ސަޕޯޓަރުންގެ ކިބައިން ކިބައިން މަޢާފަށް އެދޭކަމަށެވެ.

މިހާރު އެމެރިކާ ލީގުގައި ކުޅެމުން އަންނަ ސޮން ބުނީ ވަރލްޑްކަޕަކީ އެހެން އެއްވެސް މީހަކަށްވުރެ އޭނާގެ އަމިއްލަ ނަފްސަށް މުހިއްމު މުބާރާތެއް ކަމަށެވެ. އަދި އެއީ ކުޑައިރުންފެށިގެން ދުށް ހުވަފެނެއް ކަމަށް ނާކާމިޔާބީއާ ގުޅިގެން ލިޔެފައިވެއެވެ.

"
އަހަރެން ވަރަށް ބޮޑަށް ހިތުގައި ޖެހި ދެރަވެއްޖެ. އެކަން ބަޔާން ކުރެވޭ ވަރެއްނޫން. އަދިވެސް އެހަގީގަތް (ގްރޫޕް ސްޓޭޖުން ކެޓުން) ގަބޫލުކުރަން ދަތި
ސޮން/ ކޮރެއާ ކެޕްޓަން

ކޮރެއާ ރައްޔިތުންނާއި ސަޕޯޓަރުންގެ ހިތްތަކުން އަލުން ޖާގަ ހޯދަން ކުރެވެން ހުރި ހުރިހާކަމެއް ދެންވެސް ކުރާނެ ކަމަށް ކޮރެއާ ގައުމީ ޓީމަށް އެންމެ ގިނަ މެޗު ކުޅެދީފައިވާ ކުޅުންތެރިޔާ ބުންޏެވެ. އޭނާ ބުނީ އެގައުމުގެ ރައްޔިތުންނާއި ސަޕޯޓަރުންނަށް ފުޓްބޯޅައިން ހިތްހަމަޖެހުން ހޯދައިދޭން ކުރެވެން އޮތް ކޮންމެ ކަމެއް އަދިވެސް ކުރާނެ ކަމަށެވެ.

މެސެޖް ނިންމާލަމުންވެސް މަޢާފަށް އެދި ސޮން އެދުނީ އޭނާއަށާއި ޓީމަށް ސަޕޯޓް ކުރުންމަތީ އަދިވެސް ދެމި ތިބުމަށެވެ. ކުޅުންތެރިންނަށް ފާޑުކިޔާ ހިތްމަރާލުމުގެ ބަދަލުގައި ހިތްވަރާއި ސަޕޯޓް ދިނުމަށް އެދުނެވެ. ކޮރެއާ މުބާރާތުން ކެޓީ ފުރަތަމަ މެޗުގައި ޗެކިއާ އަތުން މޮޅުވިޔަސް ޖެހިގެން އައި ދެ މެޗުން ބަލިވެގެންނެވެ. އެއީ ސައުތް އެފްރިކާއާއި މެކްސިކޯ އަތުންނެވެ. ފަހު މެޗުން ޕޮއިންޓެއް ހޯދައިގެންވެސް ދެވަނަ ބުރަށް ދެވެން އޮތް ނަމަވެސް ފަސޭހަ ގްރޫޕަކުން ކެޓުމުން ކޮރެއާ ޓީމަށް އަންނަނީ ފާޑުކިއުން އަމާޒުވުމުންނެވެ.

ކޮރެއާގެ ދަށް ނަތީޖާތަކާއެކު ކޯޗު ހޮން މިއުންގ ވަނީ އިސްތިއުފާ ދީފައެވެ. އަދި މުބާރާތުގެ ގްރޫޕް ސްޓޭޖުން ކޮރެއާ ކެޓުމުން އެކަން ތަހުގީގުކުރަން އެގައުމުގެ ރައީސް ލީ ޖޭ މިޔޮން ވަނީ އަންގަވާފައެވެ.