ތިމާވެށި

ލާމު ކްލައިމެޓް ޗޭންޖް ފޯރަމްގެ 3 ވަނަ ފޯރަމް ލ.ގަމުގައި ފަށައިފި


ލާމު ކްލައިމެޓް ޗޭންޖް ފޯރަމްގެ 3 ވަނަ ފޯރަމް ހައްދުންމަތީ ގަމުގައި ފަށްޓަވައިފިއެވެ.

ތިން ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދަވާ މި ފޯރަމަކީ މޫސުމަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް ކުރެވިދާނެ ކަންތައްތަކާއި ގުޅޭގޮތުން މަޢުލޫމާތު ދެއްވުމަށް ކުރިއަށްގެންދަވާ ފޯރަމެކެވެ. މިއީ ރާއްޖޭގައި ޙަރަކާތްތެރިވާ އދ.ގެ 7 އޭޖެންސީއެއް ގުޅިގެން ހިންގާ "ލެކްރެޑް" ޕްރޮގްރާމްގެ ދަށުން ކުރިއަށްގެންދަވާ ފޯރަމެކެވެ.

ލާމު ކްލައިމެޓް ޗޭންޖް ފޯރަމަކީ އދ.އިން ހިންގާ "ލޯ އެމިޝަން ކްލައިމެޓް ރެޒިލިއަންޓް ޑިވެލޮޕްމަންޓް" ނުވަތަ "ލެކްރެޑް" ޕްރޮގްރާމްގެ ދަށުން ލާމު އަތޮޅުގައި ހިންގަވާ ޙަރަކާތްތަކުގެ ތެރެއިން އެންމެ ބޮޑު އަދި އެންމެ ފާހަގަކޮށްލެވޭ ޙަރަކާތެވެ. މިއީ ރާއްޖޭގައި ޙަރަކާތްތެރިވާ އދ.ގެ 7 އޭޖެންސީއަކާއި ދިވެހި ސަރުކާރު ގުޅިވަޑައިގެން ހިންގަވާ ޙަރަކާތެކެވެ. މި ފޯރަމަކީ، މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން ދިމާވާ އެކި މައްސަލަތަކާއި، އެކަންކަމަށް ރަށު ފެންވަރުގައި އަދި އަތޮޅު ފެންވަރުގައި ކުރެވިދާނެ ކަންތައްތަކާއި ގުޅޭގޮތުން މަޝްވަރާކޮށް، ޙައްލު ހޯދުމުގެގޮތުން 2014 ވަނަ އަހަރުން ފެށިގެން ސިލްސިލާގޮތެއްގައި ކުރިއަށްގެންދަވާ ފޯރަމެކެވެ. މިއީ އެގޮތުން ބޭއްވޭ 3 ވަނަ އަދި އެންމެ ފަހު ފޯރަމްވެސްމެއެވެ. img:http://s2.psmnews.mv/images/660x400/14767017519886.jpg|ލާމު ކްލައިމެޓް ޗޭންޖް ފޯރަމްގެ 3 ވަނަ ފޯރަމްގެ ތެރެއިން - ފޮޓޯ: ޕީއެސްއެމް

ލ. ގަމުގައި ހުންނަ އިހައްދޫ ސްކޫލުގައި ބޭއްވި ރަސްމިއްޔާތެއްގައި މިފޯރަމް ރަސްމީކޮށް ފަށްޓަވާދެއްވީ އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޢަބްދުﷲ ޒިޔާދާއި ހެލްތް މިނިސްޓަރ ޢަބްދުﷲ ނާޒިމް އިބްރާހީމެވެ. މި ރަސްމިއްޔާތުގައި ޢަބްދުﷲ ޒިޔާދު ދެއްކެވި ވާހަކަފުޅުގައި މިފޯރަމަކީ މޫސުމަށް އަންނަމުންދާ ނޭދެވޭ ބަދަލުތަކާމެދު އަތޮޅު ފެންވަރުގައި އާއްމުން ހޭލުންތެރި ކުރުވުމަށް ހިންގޭ އެންމެ ކާމިޔާބު އެއް ޕްރޮގްރާމްކަން ފާހަގަކުރައްވާ، މިފަދަ ފޯރަމެއްގެ ސަބަބުން ލާމު އަތޮޅަށް ލިބިގެންދިޔަ ބައެއް ކުރިއެރުންތަކަށް އަލިއަޅުއްވާލެއްވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ލ. އަތޮޅު ކައުންސިލްގެ ރައީސް ޔޫސުފް ޢާމިރު ވިދާޅުވީ، މިފަދަ ފޯރަމެއް ލާމު އަތޮޅަށް ޚާއްސަކޮށްގެން ބޭއްވޭތީ އެކަމާއި އުފާކުރައްވާ ކަމަށެވެ. އަދި މިއީ ނަތީޖާ ނެރެވިދާނެ ފޯރަމެއްކަން ފާއިތުވި ކުރު މުއްދަތުގެ ތެރޭގައި އެނގިގެން ހިނގައްޖެ ކަމަށް އޭނާ ވިދާޅުވިއެވެ.

އދ.ގެ ފަރާތުން ވާހަކަދައްކަވަމުން އެޖަމްޢިއްޔާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ރެޒިޑެންޓް ކޯރޑިނޭޓަރ ޝޯކޯ ނޯޑާ ވިދާޅުވީ، މޫސުމަށް އަންނަމުންދާ ނޭދެވޭ ބަދަލުތަކުގެ ސަބަބުން ތިމާވެއްޓަށް ލިބޭ ގެއްލުންތަކާމެދު އަޑު އުފުލާ، އެކަމަށް ވަކާލާތުކުރުމުގައި ދިވެހިރާއްޖެއަކީ ޤައުމީ ފެންވަރުގައިވެސް، އަދި ބައިނަލްއަޤްވާމީ ފެންވަރުގައިވެސް ފާހަގަކޮށްލެވޭ ޤައުމެއް ކަމަށެވެ. އަދި ކުރިން ބޭއްވުނު މިފަދަ ފޯރަމްތަކުގެ ކާމިޔާބީއާއި ބެހޭގޮތުން އޭނާ ވާހަކަދައްކަވާފައިވެއެވެ. img:http://s4.psmnews.mv/images/660x400/14767017690577.jpg|ލާމު ކްލައިމެޓް ޗޭންޖް ފޯރަމްގެ 3 ވަނަ ފޯރަމްގެ ތެރެއިން - ފޮޓޯ: ޕީއެސްއެމް

ތިން ދުވަހުގެ މުއްދަތަކަށް ލ. ގަމުގައި ކުރިއަށްގެންދާ މި ފޯރަމްގެ ޝިޢާރެއްގެ ގޮތުގައި މިފަހަރު ކަނޑައަޅާފައިވަނީ "ލަރނިންގ ފްރޮމް ދި ލާމު" ނުވަތަ "ލާމުން ދަސްކެރާން" މި ޝިޢާރެވެ. މި ރަސްމިއްޔާތުގައި ވަނީ ލެކްރެޑްގެ ރަސްމީ ޑޭޓާ ވެބް ޕޯޓަލްގެ އިތުރުން، "ލާމު އިންފޯ"ގެ ނަމުގައި ޚާއްޞަ ވެބްސައިޓެއް ރަސްމީކޮށް ލޯންޗްކޮށްފައިވެއެވެ. މީގެ އިތުރުން މަދިރި ކޮންޓްރޯލް ކުރުމަށް އެޅިދާނޭ ފިޔަވަޅުތަކާއި ގުޅޭގޮތުން އާއްމުން ހޭލުންތެރިކުރުމަށް ދުނިޔޭގެ ޞިއްހަތު ޖަމްޢިއްޔާ އަދި ހެލްތް ޕްރޮޓެކްޝަން އޭޖެންސީ ގުޅިވަޑައިގެން ތައްޔާރު ކުރައްވާފައިވާ ވީޑިއޯ ކްލިޕެއްވެސް އާއްމުކޮށްފައިވެއެވެ.