ކުޅިވަރު

އިތުރު ވަގުތުގައި އެއްވަރުކޮށް، ޕެނަލްޓީގައި ކުރި ހޯދައިގެން މޮރޮކޯ ގަދަ 16 އަށް!


  • ނެދަލެންޑްސް ދެވަނަ ބުރުން ކަޓައިފި

އިތުރު ވަގުތުގައި މެޗު އެއްވަރުކޮށް، ޕެނަލްޓީގައި ކުރި ހޯދައިގެން މޮރޮކޯ ފީފާ ވަރލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ގަދަ 16 އަށް ދަތުރުކޮށްފިއެވެ.

މޮރޮކޯ ގަދަ 16 އަށް ދަތުރުކުރީ ގަދަ 32 ޓީމް ވާދަކުރާ ބުރުގައި ނެދަލެންޑްސް ޕެނަލްޓީގައި ބަލިކޮށްގެންނެވެ. 1-0 ން ނެދަލެންޑްސް ކުރީގައި އޮވެ މެޗު ނިމެން ދަނިކޮށް، މޮރޮކޯއިން ނަތީޖާ ހަމަހަމަކުރީވެސް އިތުރު ވަގުތުގައެވެ. މެޗުގައި ނެދަލެންޑްސް އިން ލީޑް ނެގީ 72 ވަނަ މިނިޓްގައި ކޯޑީ ގަކްޕޯ ޖެހި ލަނޑުންނެވެ. އޭނާ ލަނޑު ޖެހީ ސަމަވިލް ތަނަވަސްކޮށްދިން ފުރުޞަތަކުންނެވެ.

މެޗުގެ ފުރިހަމަ ވަގުތުގައި ނެދަލެންޑްސް މޮޅުވެ، މޮރޮކޯ ކަޓާނެކަމަށް ބެލެވުނަސް އިތުރު ވަގުތުގެ ފުރަތަމަ މިނިޓްގައި ޓަލްބީ ތަނަަވަސްކޮށްދިން ފުރުޞަތުގައި އީސާ ދިއޮފް ލަނޑު ޖަހާ މެޗުގެ ނަތީޖާ ކަނޑައެޅުން އިތުރު ވަގުތުގެ ދެހާފަށް ދަންމާލިއެވެ. އެކަމަކު 15 މިނިޓްގެ ދެހާފުންވެސް ނަތީޖާއަށް އިތުރު ބަދަލެއް ނައުމުން ޕެނަލްޓީ ޖެހިއެވެ. ޕެނަލްޓީގައި މޮރޮކޯ ކުރި ހޯދީ 3-2 ނެވެ.

ޕެނަލްޓީގައިވެސް ނެދަލެންޑްސްގެ ފުރަތަމަ ޕެނަލްޓީ ކޫޕްމައިނާސް ކާމިޔާބުކުރި އިރު، މޮރޮކޯގެ ނެއިލް އަލް އައިނޫއީގެ ޕެނަލްޓީ ނާކާމިޔާބުވިއެވެ. އެޕެނަލްޓީ އަމާޒުވީ ދަނޑިއަށެވެ. އެކަމަކު ޕެނަލްޓީއަށް އެރި ޖަސްޓިން ކްލައިވެޓްގެ ޕެނަލްޓީ ދަނޑީގައި ޖެހި ނެދަލެންޑްސްއަށް ނާކާމިޔާބުވެ، ސޯފިއަން ރަހީމީގެ ޕެނަލްޓީއާއެކު މޮރޮކޯއިން އެއްވަރުކުރިއެވެ. ތިންވަނަ ޕެނަލްޓީ ދެޓީމުންވެސް ކާމިޔާބުކުރިއެވެ. އަދި މޮރޮކޯގެ ހަކީމީ ޖެހި ހަތަރުވަނަ ޕެނަލްޓީ އާއި ނެދަލެންޑްސްގެ ޓިމްބާ ޖެހި އެޓީމްގެ ހަތަރުވަނަ ޕެނަލްޓީވެސް ނާކާމިޔާބުވިއެވެ. ސަމަވިލް ޖެހި ނެދަލެންޑްސްގެ ފަސްވަނަ ޕެނަލްޓީ މޮރޮކޯ ކީޕަރު ޔާސީން ބޯނޯ މަތަކޮށް، މޮރޮކޯގެ އިސްމާއީލް ސައިބާރީގެ ޕެނަލްޓީ ކާމިޔާބުކޮށް މޮރޮކޯ ގަދަ 16 އަށް ދަތުރުކުރިއެވެ. ސައިބާރީ އަކީ މޮރޮކޯ ކުޅުނު ކޮންމެ މެޗެއްގައި ގޯލްޖެހި ކުޅުންތެރިއެކެވެ.

ގަދަ 16 ޓީމްގެ ބުރުގައި މޮރޮކޯ ވާދަކުރަން ޖެހޭނީ ކެނަޑާއާއެވެ.