ޚަބަރު

ފަތުރުވެރިކަމަށް ދޫކޮށްފައިވާ ތަންތަނަށް ކުލި ނުދައްކާ ފަރާތްތަކަށް ފިޔަވަޅު އަޅަނީ


  • ފިޔަވަޅު އަޅަނީ ޓޫރިޒަމާބެހޭ ޤާނޫނުގެ ދަށުން

  • ދައުލަތަށް ލިބެންޖެހޭ އާމްދަނީ ގަވާއިދުން ހޯދުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެ

ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަނުގެ ތެރެއިން ދައުލަތަށް ދައްކަންޖެހޭ ކުއްޔާއި ޖޫރިމަނާ ފައިސާ ނުދައްކާ ހުރި ފަރާތްތަކާމެދު ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ސަރުކާރުން ނިންމައިފިއެވެ.

މިކަމާ ގުޅިގެން ކަމާބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި، މި ފިޔަވަޅުތައް އެޅުމަށް ހަމަޖެހިފައިވަނީ ޤާނޫނު ނަންބަރު 2/99 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) އާއި އެ ޤާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. ނަމަވެސް، އަޅަނީ ސީދާ ކޮން ފިޔަވަޅެއް ކަމެއް އެ ވުޒާރާއިން ހާމަކޮށްފައެއް ނުވެއެވެ.

ފިޔަވަޅު އެޅުމަށް ނިންމާފައިވަނީ ފަތުރުވެރިކަމުގެ ބޭނުމަށް ދޫކޮށްފައިވާ ތަންތަނުގެ ތެރެއިން މިހާރު ހިންގަމުންދާ ތަންތަނާއި، ވުޒާރާގެ ހުއްދަނެތި އޮޕަރޭޝަންތައް މެދުކަނޑާލާފައިވާ ތަންތަނުގެ ތެރެއިން، އެ ފަރާތްތަކުގެ ކުލީގެ އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ ކުއްޔާއި ޖޫރިމަނާ ފައިސާ ދައްކާފައިނުވާ ފަރާތްތަކާމެދުގައެވެ. ދައުލަތަށް ލިބެންޖެހޭ އާމްދަނީ ގަވާއިދުން ހޯދުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ.

އެހެންކަމުން، ފަތުރުވެރިކަމުގެ ބޭނުމަށް ތަންތަން ކުއްޔަށް ހިފާފައިވާ އެންމެހައި ފަރާތްތަކުން، އެފަރާތްތަކުން ދަޢުލަތަށް ދައްކަންޖެހިފައިވާ ކުއްޔާއި ޖޫރިމަނާގެ ފައިސާ، ވެފައިވާ އެއްބަސްވުމުގައިވާ ގޮތުގެ މަތިން ވީ އެންމެ އަވަހަކަށް ދައްކައި ޚަލާޞްކުރުމަށް ސަރުކާރުން ވަނީ އިލްތިމާސްކުރައްވާފައެވެ.