ފީފާ ވަރލްޑްކަޕް ފުޓްބޯޅަ މުބާރާތުގައި ނޯވޭ ކޮޅަށް ޑެމްބެލޭ ހެދި ހެޓްރިކާއެކު، ފްރާންސުން ހޯދި ބޮޑު މޮޅާއެކު ގްރޫޕްގެ އެއްވަނަ ކަށަވަރުކޮށްފިއެވެ.
ގްރޫޕް އައިގަ ނޯވޭގެ މައްޗަށް ފްރާންސުން ކުރި ހޯދީ 4-1 ނެވެ. އެމްބާޕޭއާއި ހާލަންޑްގެ ކުރިމަތިލުމެއްގެ ގޮތުގައި ސިފަކުރެވުނު މެޗުގައި ހާލާންޑް ނުކުޅެއެވެ. މެޗުގެ ހަތްވަނަ މިނިޓްގައި ފްރާންސުން ވަނީ ގޯލްތައް ޖަހަން ފަށާފައެވެ. ފުރަތަމަ ގޯލާއި ދެވަނަ ގޯލް 7 ވަނަ މިނިޓާއި 16 ވަނަ މިނިޓްގައި ޑެމްބެލޭ ޖެހީ އެމްބާޕޭ ތަނަވަސްކޮށްދިން ފުރުޞަތުންނެވެ. ހެޓްރިކް ފުރިހަމަ ކުރީ 32 ވަނަ މިނިޓްގައި ޗުއަމެނީ ތަނަވަސްކޮށްދިން ފުރުޞަތުންނެވެ. މިއީ 1994 ވަނަ އަހަރުގެ ފަހުން މުބާރާތުގެ ފުރަތަމަ ހާފްގައި ހެދި ފުރަތަމަ ހެޓްރިކެވެ. އެއަހަރު ރަޝިޔާގެ ސަލެންކޯ ހެޓްރިކް ހެދީ މިރޭ އިރާގު އަތުން މޮޅުވީ ސެނަގާލް ކޮޅަށެވެ. ޑެމްބެލޭ ހެޓްރިކް ހެދުމުގެ ކުރިން 21 ވަނަ މިނިޓްގައި ނޯވޭގެ ހަމައެކަނި ލަނޑު ޖެހީ އާސްގާޑް އެވެ. ފްރާންސްގެ ފަހު ލަނޑު މެޗުގެ އިތުރު ވަގުތުގައި ޖެހީ ބާކޯލާ ހުރަސްކޮށްލި ބޯޅަ ބޮލުން ފޮނުވާލައިގެން ޑޫއޭ އެވެ.
ޑެމްބެލޭ ފުރަތަމަ ހާފްގައި ހެދި އަވަސް ހެޓްރިކަކީ މިފަހަރުގެ މުބާރާތުގެ ދެވަނަ ހެޓްރިކެވެ. ފުރަތަމަ ހެޓްރިކް ހެދީ އާޖެންޓީނާގެ ކެޕްޓަން މެސީއެވެ. މިނަތީޖާއާއެކު ތިން މެޗުންވެސް މޮޅުވެ، ގްރޫޕްގެ އެއްވަނަ ހޯދީ ފްރާންސެވެ. ދެ މެޗުން މޮޅުވެ 6 ޕޮއިންޓާއެކު ދެވަނަ ލިބެނީ ނޯވޭއަށެވެ.
ފަހު މެޗުގައި ސެނަގާލުން އިރާގުގެ މައްޗަށް 5-0 ގެ މޮޅެއް ހޯދުމުން އެޓީމަށް މުބާރާތުގެ ގްރޫޕް ސްޓޭޖް މޮޅަކުން ނިންމާލެވުނެވެ. އަދި އެންމެ ރަނގަޅު ނަތީޖާ ހޯދާ ތިންވަނަ ޓީމްތަކުގެ ތެރެއިން ގަދަ 32 ޓީމްގެ ތެރޭގައި ހިމެނުމަށް ސެނަގާލް އޮތީ އުއްމީދުކޮށްގެންނެވެ. އިރާގު މުބާރާތް ނިންމާލީ ތިން މެޗުންވެސް ބަލިވެގެންނެވެ. މެޗުގައި ސެނަގާލްގެ ލަނޑުތައް ޖެހީ ޑިއާރާ އާއި އިސްމާއީލް ސާ، ޕާޕޭ ގޭއި އަދި އެންޑިއާއެވެ. ޕާޕޭ ގޭއި ދެ ލަނޑު ޖެހިއެވެ. މެޗުގެ 13 ވަނަ މިނިޓްގައި ރެބިން ސުލަކާ މާނޭއަށް ކުރި ފައުލަކަށް ރަތްކާޑް ދެއްކުމުން އިރާގުން މެޗުގެ ބޮޑުބައި ކުޅުނީ 10 ކުޅުންތެރިންނާއެކުއެވެ.