ޚަބަރު

ދަރިވަރުންގެ ވިސާއަށް ފައިސާ ދެއްކުމަށް ބޭންކުން ކާޑަށް ލިމިޓް ދެނީ


  • މީގެ ކުރިންވެސް 'ކޭސްބައި ކޭސް' އަށް ބެލުމަށް ފަހު ކާޑަށް ލިމިޓުދިން

  • ބޭރު ފައިސާއިން މުއާމަލާތް ކުރުމަށް މަހެއްގެ މައްޗަށް 1،200 ޑޮލަރުގެ ލިމިޓެއް ދީފައިވޭ

ބޭރުގައި ކިޔަވާ ދަރިވަރުންނަށް ވިސާއަށް ފައިސާ ދެއްކުމަށް ކާޑަށް ލިމިޓް ދިނުމަށް ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްއިން ނިންމައިފިއެވެ.

ބީއެމްއެލްގެ ސްޕޯކްސްޕަރސަން މުހައްމަދު ސައީދު ވިދާޅުވީ ރާއްޖޭގެ ބޭރުގައި ކިޔަވާ ދަރިވަރުންނަށް ވިސާއަށް ފައިސާ ދެއްކުމަށް ދަރިވަރުންނަށް ބޭރު ފައިސާ ހަމަޖައްސައި ދިނުމަށް އެމްއެމްއޭގެ އެހީތެރިކަން އެ ބޭންކަށް ލިބޭނެ ކަމަށެވެ. އަދި މިއަދުން ފެށިގެން، ބޭންކުން އެކަމަށް އެދޭ ހުރިހާ ދަރިވަރުންނަށް، ވިސާ އަށް ފައިސާ ދެއްކުމަށް ކާޑަށް ލިމިޓް ދިނުމަށް ނިންމާފައިވާ ކަމަށް ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ މީގެ ކުރިންވެސް ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ވިސާ އަށް ފައިސާ ދެއްކުމަށް 'ކޭސްބައި ކޭސް' އަށް ބެލުމަށް ފަހު ބޭންކުން ކާޑަށް ލިމިޓުދީފައިވާކަމަށެވެ.

ބޭންކް އޮފް މޯލްޑިވްސް އިން ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ބޭނުންވާ ޓިއުޝަން ފީ، އާއި ދިރިއުޅުމުގެ ޚަރަދުތަކަށް ބޭނުންވާ ބޭރު ފައިސާ ފަސޭހަކަމާއެކު ހަމަޖެއްސޭނެ އިންތިޒާމުތަކެއް ދަނީ ހަމަޖައްސައިދެމުންނެވެ.

ބޭރު ފައިސާއިން މުއާމަލާތް ކުރުމަށް ރުފިޔާ ކާޑަށް ދަރިވަރުންނަށް މަހެއްގެ މައްޗަށް 1،200 ޑޮލަރުގެ ލިމިޓެއް ކަނޑައަޅާފައިވެއެވެ. އަދި ދަރިވަރުންގެ ނުވަތަ ބެލެނިވެރިޔާގެ ރުފިޔާ އެކައުންޓުން ޓިއުޝަން ފީ އާއި ތަޢުލީމާ ގުޅުންހުރި އެހެނިހެން ޚަރަދުތަކަށް ޓެލެގްރަފިކް ޓްރާންސްފަރ (ޓީޓީ) މެދުވެރިކޮށް ފައިސާ ފޮނުވޭނެއެވެ.

މީގެ އިތުރުން މިހާރު ހަޔަރ އެޑިއުކޭޝަން ޤާއިމުކުރެވިފައިވާ ސްޓައިޕެންޑާއި ދަރިވަރުންގެ އެހެން ބޭނުންތަކަށް އަދަދު ކަނޑައަޅާފައިވާ އުސޫލުގެ ދަށުން، ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ރުފިޔާ އެކައުންޓުން، ދަރިވަރުން ބޭރުގައި ބޭނުންކުރާ އެކައުންޓަށް ފައިސާ ލިބޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ. މީގެ ސަބަބުން ކިޔެވުމާއި ދިރިއުޅުމުގެ އެކި ކަންކަމަށް ބޭނުންވާ ފައިސާ މެދުނުކެނޑި ދަރިވަރުންނަށް ލިބޭނެއެވެ.

ބީއެމްއެލްއިން ވަނީ ރާއްޖެއިން ބޭރުގައި ތަޢުލީމު ހާސިލުކުރަމުންދާ ދަރިވަރުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ބީއެމްއެލް ދެމިއޮންނާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.