ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑް މުގުރާލަން ބޭނުންވަނީ އާޖެންޓީނާގެ ކެޕްޓަން ލަޔޮނަލް މެސީ ކަމަށް އެ ރެކޯޑް މިހާރު އޮތް ޖަރުމަނުގެ ކުރީގެ ފޯވަޑް މިރޮސްލާވް ކްލޯސާ ބުނެފި އެވެ.
2014 ވަނަ އަހަރު ކްލޯސާ މި ރެކޯޑް މުގުރާލީ 15 ގޯލާއެކު ބްރެޒިލްގެ ރޮނާލްޑޯ އަތުގައި ރެކޯޑް އޮއްވަ އެވެ. އެއީ ޖުމުލަ 16 ގޯލު ޖަހައިގެންނެވެ. މި އަދަދަށް މެސީ ގޯލު ޖެހީ އެމެރިކާ އާއި މެކްސިކޯ އާއި ކެނެޑާގައި މިހާރު ކުރިއަށްދާ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި އަލްޖީރިއާ ކޮޅަށް ހެޓްރިކް ހަދައިގެންނެވެ.
"އަހަރެން އެދެނީ މެސީ އަހަރެންގެ ރެކޯޑް މުގުރާލަން. މި ވޯލްޑް ކަޕުގައި މި ރެކޯޑް މުގުރާލާނެ ކަމަށް އަހަރެން ކުރިން ވެސް އުއްމީދު ކުރިން. އެއީ (ފްރާންސްގެ ކެޕްޓަން) އެމްބާޕޭ އާއި މެސީ ވަރަށް ގާތުން ވާދަ ކުރާތީވެ. ދެން މެސީ މެސީ ރެކޯޑް މުގުރާލަން އަހަރެން ބޭނުންވަނީ އޭނާ އަކީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ އަށް ވުމުން. އޭނާ މި ރެކޯޑް މުގުރާލުމަކީ ޝަރަފެއް،" ކްލޯސާ ބުންޏެވެ.
ވޯލްޑް ކަޕުގައި މިރޭ އާޖެންޓީނާ ނުކުންނާނީ ސްވިޒަލޭންޑާ ދެކޮޅަށެވެ. މި މެޗަށް ނުކުންނައިރު މެސީ ލައްވައި މި ރެކޯޑް މުގުރާލަން މަސައްކަތް ކުރާނެތޯ އާޖެންޓީނާގެ އެސިސްޓެންޓް ކޯޗު ޕަބްލޯ އައިމާ ގާތު އެހުމުން އޭނާ ބުނީ މެޗަށް ޓީމު ނުކުންނާނީ ޓީމެއްގެ ގޮތުގައި ކުޅެ މޮޅުވާން ކަމަށެވެ. ނަމަވެސް ވަކި ކުޅުންތެރިއަކަށް ހާއްސަކޮށް މެސީ ފަދަ ކުޅުންތެރިއަކަށް ލިބެންއޮތް ހާއްސަ ކާމިޔާބީއެއް އޮތްނަމަ މުޅި ޓީމު އެކަމަށް މަސައްކަތް ކުރާނެ ކަމަށެވެ.
ރެކޯޑް އަދަދެއް ކަމަށްވާ އަށް ފަހަރު ބަލަންޑޯ އެވޯޑް ހާސިލްކޮށްފައިވާ މެސީ އަކީ އާޖެންޓީނާގެ ގައުމީ ޓީމާއި ބާސެލޯނާ އަށް ވެސް އެންމެ ގިނަ ގޯލު ޖަހައިދީފައިވާ ކުޅުންތެރިޔާ އެވެ.