ޚަބަރު

ޕީއެސްއެމްއިން މައިކިއު ސްޓަޑީ އެކްސްޕޯއާއެކު އެއްބަސްވުމެއް


  • މި އެއްބަސްވުމުގެ ދަށުން ފަންނީ މައުލޫމާތާއި ތަމްރީނުތައް ދޭނެ

  • ފުރަތަމަ ތަމްރީނު ޕްރޮގްރާމް އަންނަ މަހު ފެށުމަށް ވަނީ ނިންމާފައި

  • ޕީއެސްއެމްގެ މުވައްޒަފުންނަށް ތަމްރީނުތައް ހިންގާނެ

ތަފާތު އެކި ދާއިރާތަކުން ފަންނީ މަޢުލޫމާތާއި ތަމްރީނު ދިނުމަށް ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމްއާއި މައިކިއު ސްޓަޑީ އެކްސްޕޯއާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

މިކަމަށްޓަކައި ޕީއެސްއެމްގެ ޓީވީ ބިލްޑިންގުގައި ބޭއްވި ރަސްމިއްޔާތެއްގައި ޕީއެސްއެމްގެ ފަރާތުން ސޮއިކުރެއްވީ، މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަކީބެވެ. މައިކިއު ސްޓަޑީ އެކްސްޕޯގެ ފަރާތުން ސޮއިކުރެއްވީ، އެ ކުންފުނީގެ ސީއީއޯ ވިޖާޔާސެގަރަން އަރުމުގޮމްއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަކީބު ވިދާޅުވީ، މައިކިއު ސްޓަޑީޒްއަކީ މަތީ ތަޢުލީމަށް ދަރިވަރުން ފޮނުވުމާއި، ޔުނިވަރސިޓީތަކުން ފުރުޞަތުތައް ހޯދައިދިނުމުގައި ރާއްޖޭގައި ފުޅާދާއިރާއެއްގައި މަސައްކަތްކުރާ އިތުބާރު ހުރި ފަރާތެއް ކަމަށެވެ.

ޕީއެސްއެމްގެ މުވައްޒަފުންގެ ހުނަރާއި، ފަންނީ ޤާބިލުކަން އިތުރުކުރުމަށް ތަފާތު ދާއިރާތަކުން ތަމްރީނު ދިނުމުގެ މުހިންމުކަން އެމްޑީ ފާހަގަކުރެއްވިއެވެ. އަދި ޓެކްނިކަލް ދާއިރާގެ އިތުރުން އިތުރު ދާއިރާތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ބޭނުންވާ ފަންނީ ތަމްރީނުތައް ދިނުމާ ގުޅޭގޮތުން ދެފަރާތުގެ މެދުގައި މަޝްވަރާކޮށްފައިވާ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓް މެދުވެރިކޮށް ކުރިއަށްގެންދާ މި ތަމްރީނުތަކަކީ، އެއްވެސް ފީއަކާ ނުލައި ހިލޭ ދޭނެ ޚިދުމަތްތަކެއްކަން މައިކިއު ސްޓަޑީގެ ފަރާތުން ހާމަކޮށްފައިވާކަމަށްވެސް އެމްޑީ ވިދާޅުވިއެވެ.

"ޕީއެސްއެމްއާއި އެބޭފުޅުން އެންމެ ފުރަތަމަ އެޕްރޯޗު ކުރެއްވީ އެބޭފުޅުންގެ މަސައްކަތް މިކޮޅުގައި ކުރިއަށްދާއިރު އަޅުގަނޑުމެން ނިއުސް ކަވަރރޭޖު ދިނުމާއި، އެބޭފުޅުންގެ މައުލޫމާތު އާންމުންނަށް ހާމަކޮށްދިނުމުގައި އެހީތެރިކަމަށް. އެކަންކުރުމުގެ ތެރެއިން އަޅުގަނޑުމެންނަށް އުފަންވެގެން އައި ޚިޔާލެއްމީ. ޕީއެސްއެމްގެ މުވައްޒަފުންނަށްވެސް އެހީތެރިކަން ބޭނުންވާ ވަރަށް މުހިންމު ދާއިރާއެއްމީ ތަމްރީނު ފޯރުކޮށްދިނުމަކީ. ދެން އަޅުގަނޑުމެންގެ ޓެކްނިކަލް އަދި ޕްރޮފެޝަނަލް އެކި ކަހަލަ ޒާތުގެ މީހުން އަޅުގަނޑުމެންގެ ތެރޭގައި ތިކަން. އެކަން ފާހަގަކުރީމައި އެމީހުން އެކަން ކޮށްދެއްވާނެކަމަށް ވަނީ ފާހަގަކޮށްފައި." އެމްޑީ ޝަކީބު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، މައިކިއު ސްޓަޑީ އެކްސްޕޯގެ ސީއީއޯ ވިޖާޔާސެގަރަން އަރުމުގޮމް ވިދާޅުވީ، މި އެއްބަސްވުމުގެ މައިގަނޑު މަޤްޞަދަކީ މުވައްޒަފުންގެ ފަންނީ ޤާބިލުކަން އިތުރުކުރުމަށް ޚާއްޞަ ތަމްރީނުތަކެއް ދިނުން ކަމަށެވެ. އަދި މި އެއްބަސްވުމުގެ ދަށުން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ ފުރަތަމަ ތަމްރީނު ޕްރޮގްރާމް އަންނަ މަހު ފެށުމަށް ނިންމަވާފައިވާކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

" ޖުލައިގައި ފުރަތަމަ ޓްރެއިނިންގ ކުރިއަށް ގެންދަން ވަނީ ހަމަޖެހިފައި. މީގެ ތެރޭގައި ބްރޮޑްކާސްޓިން، ޖާރނަލިޒަމް، ކޮމިއުނިކޭޝަން، ޓީމް ބިލްޑިން އަދި ޕަބްލިކް ސްޕީކިންގެ ހަރަކާތްތައް ކުރިއަށް ގެންދިޔުމަށް ވަނީ ނިންމާފައި." ވިޖާޔާސެގަރަން އަރުމުގޮމް ވިދާޅުވިއެވެ.

މައި ކިއު ސްޓަޑީޒްއިން އަންނަނީ، 2019ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ރާއްޖޭގައި ހަރަކާތްތައް ހިންގަމުންނެވެ. މި ހަރަކާތްތަކުގެ ތެރެއިން ރާއްޖެއިން ބޭރަށް ކިޔަވަންދާން ބޭނުންވާ ދިވެހި ދަރިވަރުންނަށް އެކި ޤައުމުތަކުގެ ޔުނިވަރސިޓީތަކުގައި ހުރި ކޯސްތަކުގެ މަޢުލޫމާތުތައްވެސް ދަނީ ދެމުންނެވެ.