ރިޕޯޓް

ރާއްޖޭގެ ދާޚިލީ ކަންކަމަށް ބޭރުގެ ނުފޫޒެއް އޮވެގެންނުވާނެ


ސަރުކާރުގެ ޚާރިޖީ ސިޔާސަތުގެ ތެރެއިން އެންމެ ބޮޑު އިސްކަމެއް ދެއްވާ އެއްކަމަކީ ދިވެހިރާއްޖޭގެ ދާޚިލީ ކަންތައްތަކުގެ ތެރެއަށް ބޭރުގެ އެއްވެސް ފަރާތަކުން ބާރު ފޯރުވުމުގެ ފުރުޞަތު ނުދެއްވުމެވެ. މިއީ ދިވެހިރާއްޖޭގެ މިނިވަންކަމާއި ޞިޔާދަތު ދެމެހެއްޓުމަށްޓަކައި ކޮންމެހެން ބޭނުންތެރި ކަމެކެވެ. ދިވެހިރާއްޖެ ކޮމަލްވެލްތުން ވަކިވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމަކީވެސް ދިވެހި ދައުލަތާއި ރައްޔިތުންގެ މިނިވަންކަން ރައްކާތެރި ކުރެއްވުމަށްޓަކައި ނިންމެވި މުހިންމު ނިންމެވުމެކެވެ.

ދިވެހިރާއްޖެ ކޮމަންވެލްތްގެ މެންބަރު ޤައުމެއްގެ ގޮތުގައި ކަނޑައަޅުއްވާފައިވަނީ 1982 ވަނަ އަހަރުއެވެ. އޭރުންސުރެ ވޭތުވެދިޔަ 34 އަހަރު ރާއްޖެއޮތީ ކޮމަންވެލްތުގެ ހުރިހާ ގުނަވަންތަކަށް އެއްބާރުލުންދީ، އެޖަމިއްޔާގެ ނިންމުންތައް ބަލައިގަންނަ ޤައުމެއްގެ ގޮތުގައެވެ.

މިނިވަން ޤައުމެއްގެ ގޮތުގައި 51 އަހަރު ވޭތުކުރިއިރު އެކި ފަހަރުމަތިން ބޭރުގެ އެކި ޤައުމުތަކާއި ޖަމާއަތްތަކުގެ އެކިކަހަލަ ޕްރެޝަރާ ރާއްޖެއިން ކުރިމަތިލާން ޖެހިފައިވެއެވެ. 2012 ވަނަ އަހަރުގެ ފެބުރުއަރީ މަހު ދިވެހިރާއްޖޭގެ ސިޔާސީ މަސްރަޙަށް އައި ކުއްލި އިންޤިލާބީ ބަދަލާ ގުޅިގެން އެފަރާތްތަކުގެ ޕްރެޝަރު ކުރިއަށްވުރެ ބޮޑަށް އިތުރުވެގެންދިޔައެވެ. އެގޮތުން ރާއްޖޭގެ ދާޚިލީ އެކި ޞިޔާސަތުކަކަށް ފާޑުކިއުމާއި، ރާއްޖޭގެ ޝަރުޢީ ދާއިރާއިން ނިންމަވާ ނިންމެވުންތަކަށް ފާޑުކިޔައި، މިނިވަން މުއައްސަސާތަކުގެ މުސްތަޤިއްލު ކަމަށް އުނިކަން އަންނަ ވަރަށް އެފަރާތްތަކުން ބަސްކިޔައި، ބާރުފޯރުވަމުންދިޔައެވެ. އެގޮތުން ރާއްޖޭގެ މަސްރަޙާ ގުޅޭގޮތުން އެންމެ ގާތުން ބަސްބުނެ ދާޚިލީ ކަންކަމަށް ބާރުފޯރުވުމަށް އެންމެބޮޑަށް މަސައްކަތްކުރި ބައިނަލްއަޤްވާމީ އެއް ޖަމިއްޔާއަކީ ކޮމަންވެލްތެވެ.

ބޭރުގެ ފަރާތްތަކަށް ރާޢްޖޭގެ ދާޚިލީ ކަންކަމުގެ ތެރެޔަށް މިފަދައިން ނުފޫޒު ފޯރުވުމުގެ ފުރުޞަތު ދިނުމަކީ ދިވެހިރާއްޖޭގެ ޤާނޫނާއި، ޤައުމިއްޔަތުގެ އެންމެހައި އުސޫލުތަކާ ކަނޑައެޅިގެން ޚިލާފު ކަމެކެވެ. ރާއްޖޭގެ ދާޚިލީ ކަންކަމުގައި ބޭރުގެ ފަރާތްތަކުން ބަސްބުނުމުގެ ފުރުޞަތު ނުދިނުމުގެ ޞިޔާސަތަކީ ދިވެހިރާއްޖޭގެ ދުސްތޫރީ ޤާނޫނުގެ ޞިޔާދަތާއި، ޒަމާނުންސުރެ ދިވެހިން ޤަބޫލުކުރާ އިޖްތިމާޢީ އުސޫލުތަކާ ގުޅިފައިވާ ކަމެކެވެ.

ދިވެހިރާއްޖެ ކޮމަންވެލްތުން ވަކިވުމަށް ސަރުކާރުން ނިންމެވި ނިންމެވުމަކީ ކޮމަންވެލްތްގެ އެކި ގުނަވަންތަކުން ތަކުރާރުކޮށް ދިވެހިރާއްޖެއާމެދު ނާއިންސާފުން ޢަމަލުކޮށް، ދިވެހިރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާ ކުރައްވައި، ދުސްތޫރީ އަދި ޤާނޫނީ ނިޒާމު ހަރުދަނާ ކުރެއްވުމަށް ސަރުކާރުން ކުރައްވަމުންދާ މަސައްކަތްތައް ބަލައިގަތުމަށް ކޮމަންވެލްތުން ކަނޑައެޅިގެން ދެކޮޅު ހަދަމުން ދިއުމުގެ ސަބަބުން ނިންމެވި ނިންމެވުމެއް ކަމަށް ސަރުކާރުން ވިދާޅުވެއެވެ. ދިވެހިރާއްޖޭގެ ދާޚިލީ ކަންތައްތަކުގެ ތެރެއަށް ބާރުފޯރުވައި، ދިވެހިރާއްޖޭގެ މަސްރަޙާ ބެހޭގޮތުން ސައްޙަ މައުލޫމާތު ހޯދުމަކާނުލައި ބައިނަލްއަޤްވާމީ މުޖުތަމަޢުގައި ދިވެހިރާއްޖެ ބަދުނާމުވާގޮތަށް އެކި ފަހަރުމަތިން އެކިއެކި ނިންމުންތައް ނިންމަވައި، ބަޔާންތައް ނެރެމުން ދިއުމަކީ ކަމަންވެލްތުން ދިވެހިރާއްޖެއާމެދު އިޚްލާސްތެރިކަމެއް ނެތްކަން ހާމަވާ ކަމެކެވެ. ވަކިފަރާތަކަށް ބުރަވާގޮތުން ނިންމުންތައް ނިންމައި ދިވެހި ދައުލަތާއި ރައްޔިތުން ގުޅިގެން ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމު ހަރުދަނާ ކުރެއްވުމަށް ކުރަމުންދިޔަ މަސައްކަތްތައް ބަލައިގަތުމަށް ދެކޮޅު ހެދުމަކީ ދިވެހި ސަރުކާރާއި ރައްޔިތުންނަށް ބަލައިގަނެވޭނެ ކަމެއް ނޫނެވެ. ދިވެހިރާއްޖެއަކީ ކިތަންމެ ކުޑަ ދައުލަތެއް ކަމުގައިވިޔަސް، ކޮމަންވެލްތުން ބޮޑެތި ދައުލަތްތަކާމެދު ޢަމަލުކުރާ ގޮތާ ކަނޑައެޅިގެން ތަފާތުކޮށް ރާއްޖެއާމެދު ނާއިންސާފުން ޢަމަލުކުރަމުން ދިއުމަކީ ވެސް ބަލައިގަނެވޭނެ ކަންކަމެއް ނޫނެވެ.

އެހެންކަމުން ދިވެހިރާއްޖެ ކޮމަންވެލްތުން ވަކިވުމަށް ނިންމި ނިންމުމަކީ ސަރުކާރާއި ދައުލަތުގެ ބާރުތަކުން ދިވެހިދައުލަތުގެ އަމިއްލަވަންތަކަމާއި، ދިވެހިރާއްޖޭގެ މިނިވަންކަމާ ސިޔާދަތު ދެމެހެއްޓެވުމަށް ނިންމެވި ނިންމެވުމެކެވެ.

މި ނިންމެވުމަކީ ބައިނަލްއަޤަވާމީ މުޖުތަމައާ ގުޅިގެން މަސައްކަތް ކުރުމަށް ދެކޮޅު ހެއްދެވުމަށް ނިންމެވި ނިންމެވުމެއް ނޫނެވެ. ސަރުކާރުގެ ސިޔާސަތަކީ ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމު ހަރުދަނާކުރައްވައި ޑިމޮކްރަސީ ވަރުގަދަ ކުރެއްވުމަށް ބައިނަލްއަޤްވާމީ މުޖުމަތަމައުގެ ބިނާކުރަނިވި މަޝްވަރާއާއި ތަޖުރިބާ ހޯއްދެވުމެވެ. އެހެންނަމަވެސް ކޮމަންވެލްތް ފަދަ ރާއްޖެއާމެދު އިޚްލާސްތެރިކަމެއްނެތް ޖަމާއަތްތަކާ އެކުގައި މަސައްކަތް ކޮށްގެން ދިވެހި ދައުލަތާއި ރައްޔިތުންނަށް ލިބޭނެ ފައިދާއެއް ނެތެވެ.

1965 ވަނަ އަހަރު ދިވެހިރާއްޖެ މިނިވަން ދައުލަތެއްގެ ގޮތުގައި ކަނޑައެޅުނު ހިސާބުން ރާއްޖޭގައި ވެރިކަން ކުރެއްވި ކޮންމެ ވެރިޔަކުވެސް ދިވެހިރާއްޖޭގެ ދާޚިލީ މިނިވަންކަމާއި ސިޔާދަތު ކަށަވަރު ކޮށްދެއްވިއެވެ. އަދި ބޭރުގެ އެކި ނުފޫޒުތަކުން ރާއްޖެ ސަލާމަތްކޮށްދެއްވިއެވެ. ދިވެހިރާއްޖެ ކޮމަންވެލްތުން ވަކިވުމަށް ނިންމެވި ނިންމެވުމަކީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ދިވެހި ޤައުމުގެ މިނިވަންކަމާ ސިޔާދަތު ކަށަވަރު ކުރައްވުމަށް ނިންމެވި ވަރުގަދަ ނިންމެވުމެކެވެ. މިއީ ބައިނަލްއަޤްވާމީ އެހެނިހެން ޖަމާއަތްތަކަށް ދެވޭ ވަރުގަދަ މެސެޖެކެވެ. އެއީ ދިވެހިންގެ ދާޚިލީ ކަންކަން ނިންމާނީ ދިވެހިންކަމެވެ. ދާޚިލީ މައްސަލަތަކުގައި ބަސްބުނުމުގެ ފުރުޞަތެއް ބޭރުގެ އެއްވެސް ފަރާތަކަށް ނޯންނާނެކަމެވެ. އަދި ދިވެހިންގެ މައްސަލަތަކަށް ހޯދާނީ ދިވެހި ހައްލެއްކަމެވެ.