ފީފާ ވޯލްޑްކަޕްގެ ގްރޫޕް ޑީ ގައި މިރޭ މުބާރާތް ބާއްވާ އެއް ގައުމު ކަމުގައިވާ އެމެރިކާ އާއި އޮސްޓްރޭލިއާ ބައްދަލުކުރާއިރު، މި ދެ ޓީމުވެސް ކުޅުނު ފުރަތަމަ މެޗުންވަނީ މޮޅުވެފަ އެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި އެމެރިކާ އިން 4-1 ގެ ނަތީޖާއަކުން ޕެރަގުއޭ ބަލިކޮށްފައިވާއިރު އޮސްޓްރޭލިއާ އިން ވަނީ 2-0 ގެ ނަތީޖާއަކުން ތުރުކީ ބަލިކޮށްފަ އެވެ. އެހެންކަމުން މި މެޗުން ކޮންމެ ޓީމެއް މޮޅުވި ނަމަވެސް އެ ޓީމަކަށް މުބާރަތުގެ ދެވަނަ ބުރުގެ ޖާގައެއް ލިބިގެންދާނެ އެވެ.
އެމެރިކާގެ ސިއޭޓަލް ސްޓޭޑިއަމްގައި ކުޅޭ މި މެޗަށް މި ދެ ޓީމު ނިކުންނައިރު މީގެ ކުރިން މި ދެ ޓީމު ވަނީ އެއް ފަހަރު ބައްދަލުކޮށްފަ އެވެ. އެކުވެރިކަމުގެ ފުޓްބޯޅަ މެޗެއްގައި މިދިޔަ އަހަރުގެ އޮކްޓޯބަރ މަހު މި ދެ ޓީމު ކުޅުނު މެޗު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައިވަނީ އެމެރިކާ އިންނެވެ. އެ މެޗުގެ ވަރަށް ކުރީކޮޅު އޮސްޓްރޭލިއާ އިން ލަނޑެއް ޖަހާ ކުރި ހޯދާފައިވަނިކޮށް އެމެރިކާ އިން ވަނީ ފަހަތުން އަރާ ދެ ލަނޑު ޖަހައިގެން އެ މެޗު ކާމިޔާބުކޮށްފަ އެވެ.
މި މެޗަށް ނިކުންނައިރު އޮސްޓްރޭލިއާގެ ކޯޗު ޓޯނީ ޕޮޕޮވިޗް ބުނެފައިވަނީ އެމެރިކާ އާއި ދެކޮޅަށް ނިކުންނައިރު މިއީ ފުރަތަމަ މެޗާއި އަޅާ ބަލާއިރު ހުރިހާ ގޮތަކުންވެސް ތަފާތު މެޗެއް ކަމަށެވެ. އެގޮތުން އެމެރިކާ އަކީ ވަރަށް ބެލެންސް, ފިޒިކަލް އަދި ޓެކްނިކަލް ގޭމެއް ކުޅޭ ޓީމެއް ކަމަށާއި އެހެންކަމުން މި މެޗަށް ނިކުންނާނީ އެކަމަށް ވަރަށް ބޮޑަށް ވިސްނައިގެން ކަމަށެވެ.
އަދި އެމެރިކާގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ އަކީ ތަޖުރިބާކާރު މޮޅު ކޯޗެއް ކަމަށާއި އެހެންކަމުން އޭނާގެ ޓީމަކާއި ދެކޮޅަށް ނިކުންނައިރު ވިސްނަން ޖެހޭ ގިނަ ކަންތައްތަކެއް ހުންނާނެކަމަށްވެސް ޕޮޕޮވިޗް ވަނީ ބުނެފަ އެވެ.
އޮސްޓްރޭލިއާ އާއި އެމެރިކާ ފީފާ ވޯލްޑްކަޕްގައި ފުރަތަމަ ފަހަރަށް ބައްދަލުކުރާއިރު, އޮސްޓްރޭލިއާ އަކީ ޑިފެންސަށް ވަރަށް ބޮޑަށް އިސްކަން ދީގެން ކުޅޭ ޓީމެއް ކަމަށާއި އެހެންކަމުން އެކަމާއިމެދު ވިސްނަން ޖެހޭނެ ކަމަށް އެމެރިކާގެ ޑިފެންޑަރ ސާރޖީނޯ ޑެސްޓް ވަނީ ބުނެފަ އެވެ.