ރިޕޯޓް

އައިއެމްއެފް ރިޕޯޓް: ފިޔަވަޅުތަކާއެކު އިޤްތިޞާދީ މިސްރާބުގެ ފާލު ރަނގަޅު


  • އަންނަ އަހަރު އިޤްތިޞާދު އަލުން އިއާދަވާން ފަށާނެ

  • އަޅަމުންދާ ފިޔަވަޅުތައް ކުރިއަށް ގެންދިއުމަށް އިރުޝާދު ދީފައިވޭ

ޤައުމެއްގެ އިޤްތިޞާދީ ދުޅަހެޔޮކަން މިނަމުގައި، އިންޓަނޭޝަނަލް މަނިޓަރީ ފަންޑު، އައިއެމްއެފްގެ ވިޔަކުރުންތަކަކީ އަބަދުވެސް ޤައުމުތަކުން ސަމާލުކަން ދޭ ކަމެކެވެ. އެއީ މާލީ ހިރާސްތަކާއި، އިޤްތިޞާދަށް އަންނަ ކުރިއެރުންތައް މިނެކިރާލުމަށް ލިބޭ ރަނގަޅު ފުރުސަތެކެވެ.

ރާއްޖޭގެ އިގްތިސާދީ ހާލަތު މުރާޖައާކުރުމަށް މި މަހުގެ ހަތަރަކުން 14އަށް ކުރި ދަތުރަށް ފަހު އައިއެމްއެފް އިން މިމަހުގެ 17 ވަނަ ދުވަހު ވަނީ ރިޕޯޓު ނެރެފައެވެ. އާއްމު އުސޫލުން ބަލާނަމަ، ރާއްޖެ އަކީ ހަލުވިކަމާއެކު ކުރިއަރަމުން އަންނަ އިޤްތިޞާދެއްގެ މާޒީއެއް އޮތް ޤައުމެކެވެ. ނަމަވެސް، މިހާރުގެ ހާލަތަށް ބަލާއިރު، ދުނިޔޭގެ އެހެން ޤައުމުތަކެކޭ އެއްފަދައިން ރާއްޖެ އަށް ވެސް މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ އަސަރުތައް އިންތިހާއަށް ވަނީ ކޮށްފައެވެ.

އައިއެމްއެފް އިން ބުނާގޮތުން، މިވަގުތަށް ބަލާނަމަ ރާއްޖެ އަށް ކުރިމަތިވާ އެންމެ ބޮޑު ހީނަރުކަމަކީ ހަނގުރާމައިގެ ހާލަތުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ކުރިއެރުމަށް މަޑުޖެހުމެއް އައުމެވެ. ހަމައެހެންމެ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމުން ޖީޑީޕީ އަށް އޭގެ ނޭދެވޭ އަސަރުތަކާއި ކުރިމަތިލާންޖެހުމެވެ. ކުރިމަތިވި މާލީ އުނދަގޫ ހާލަތުން އަރައިގަތުމަށް ސަރުކާރަށް އުނދަނގޫ ނިންމުންތަކެއް ނިންމަންޖެހުނެވެ. އަދި އިޤްތިޞާދީ މުސްތަޤްބަލް ރަނގަޅުކުރުމަށް މުހިންމު، އަވަސް ފިޔަވަޅުތަކެއް ސަރުކާރުން ވަނީ އަޅާފައެވެ.

މެދުއިރުމަތީ ހަނގުރާމައިގެ އަސަރު ރާއްޖޭގެ އިގްތިސާދަށް ފޯރާފައި ވީނަމަވެސް، ރާއްޖޭގެ އިޤްތިޞާދީ ޙާލަތާއި މެދު މާޔޫސް ނުވާ ކަމަށް އައިއެމްއެފް އިން ބުނުމަކީ، ރާއްޖޭގެ އިޤްތިޞާދީ މިސްރާބުގެ ފާލު ރަނގަޅުކަން ހާމަކޮށްދިން ކަމެކެވެ. ކުރިމަތިވި މާލީ ތަކުލީފުތަކަށް ފަހުގައި ވެސް، ރާއްޖޭގެ އިޤްތިޞާދުގެ ވިލުންތެރިކަން ދެމިއޮތްކަން ހާމަވުމަކީ، އިޤްތިޞާދީ މުސްތަޤްބަލާ މެދު އުއްމީދު އާވާ އެއް ސަބަބެވެ.

އައިއެމްއެފްގެ ރިޕޯޓުން ލިބޭ އުފާވެރި ޚަބަރަކީ، ހަރުދަނާ ފިޔަވަޅުތަކެއްގެ މަތީގައި ދެމިތިބެއްޖެ ނަމަ، އަންނަ އަހަރުތެރޭ އަލުން އިޤްތިޞާދީ ދުވެލި ކުރިއަރަން ފަށާނެކަމެވެ. އައިއެމްއެފްގެ އަންދާޒާ އަކީ ރަނގަޅު ފިޔަވަޅުތަކެއް އަޅައިފި ނަމަ، ރާއްޖޭގެ މެދުރާސްތާގެ އިޤްޞާދީ ކުރިއެރުން އަނެއްކާ ވެސް %4ގައި ހިފެހެއްޓޭނެކެމެވެ.

ދަރަނީގެ އަންދާޒާތަކަށް ބަލާ ނަމަ ސަރުކާރުން ވަނީ ރާއްޖެ އިން އަދާކުރަން ޖެހޭ ދަރަނި ދެއްކޭނެކަމުގެ ޔަޤީންކަން ބައިނަލްއަގުވާމީ މާލީ އިދާރާތަކަށް ފޯރުކޮށްދީފައެވެ. އެކަމަށް ބާރުދޭކަމަކީ، ބައިނަލްއަގުވާމީ މާލީ ބާޒާރަށް ރާއްޖެ އިން ވިއްކާފައިވާ ސުކޫކް ބޮންޑާއި އެހެނިހެން ލޯނުތައް ގަވާއިދުން ދައްކަމުން ދިއުމެވެ. މިއީ އައިއެމްއެފްގެ ނަޒަރުގައި ރަނގަޅު ފާލެކެވެ.

ދާދި ފަހުން ދ.މީދޫ އަށް ކުރެއްވި ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވަނީ ދަރަނި ދެއްކުމުގައި މި ސަރުކާރުން ދައްކާފައިވާ ނަމޫނާ ފާހަގަކުރައްވާފަ އެވެ. އެގޮތުން ބަލާ ނަމަ، ފާއިތުވި 2 ސަރުކާރުގެ 5 އަހަރުގެ ދައުރުގެ ތެރޭގައި ނުދައްކާ މިންވަރަށް މި ސަރުކާރުގެ ދެ އަހަރާއި ބައިގެ ތެރޭގައި ދަރަނި ދައްކާފައިވާކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

"މިއީ ރައްޔިތުންގެ ބޮލުގައި އެޅުވިފައިހުރި މީގެ ކުރީގެ ރައީސުން ނަންގަވާފައިވާ ދަރަނިތައް. އަޅުގަނޑުމެން އިހައް ދުވަހު 1.29 ބިލިޔަން ޑޮލަރު ދެއްކީމަވެސް އަދިވެސް ދައްކަން ހުރިވަރު. އަދަނވަޅުފެ ފުންމިން. މި އަނދަވަޅުން ނަގަން މަސައްކަތް މިކުރަނީ. ޤައުމު އިސްކޮށްގެން ޤައުމުދެކެ ލޯބިވެ ޤައުމައްޓަކައި ރައްޔިތުންނައްޓަކައި" ރައީސް ވިދާޅުވިއެވެ.

ތަފާސްހިސާބުތަކުން އެނގޭ ގޮތުން ފާއިތުވި އެމްޑީޕީގެ ސަރުކާރުގެ 5 އަހަރުގެ ތެރޭގައި ދައްކާފައި ވަނީ 953 މިލިޔަން ޑޮލަރެވެ. އަދި މި ސަރުކާރުން 2 އަހަރާއި ބައިގެ ތެރޭގައި 1.29 ބިލިޔަން ޑޮލަރު ދައްކަވާފައިވެއެވެ.

އޭގެ ކުރިއަށް ބަލާ ނަމަ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގެ 5 އަހަރުގެ ތެރޭގައި ދައްކަވާފައިވަނީ 418.18 މިލިޔަން ޑޮލަރެވެ. އެހެންކަމުން އެ ދެ ސަރުކާރުން އެކުގައި ދައްކާފައިވާ ދަރަންޏަށް ވުރެ މި ސަރުކާރުގެ 2 އަހަރާއި ބައިގެ ތެރޭގައި ދައްކާފައިވާ ދަރަނި އިތުރުކަން ފާހަގަކުރެވެއެވެ.

ޖީޑީޕީގެ ނިސްބަތުން ބަލާ ނަމަ ބޭރު ދަރަނި 2023ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ނިޔަލަށް 51.3 އަށް ވަނީ އަރާފައެވެ. އަދި މިއަހަރުގެ މެއި މަހުގެ ނިޔަލަށް މި އަދަދު 44.5 އިންސައްތައަށް ދަށްކުރެވިފައި ވާއިރު، މިއީ 6.89 އިންސައްތަ ކުރިއެރުމެކެވެ.

ޖީޑީޕީގެ ނިސްބަތުން ސަރުކާރުގެ ސީދާ ދަރަނި 2023 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ނިޔަލަށް ހުރީ 108.8 އިންސަތައިގައެވެ. އެހެންނަމަވެސް މިއަހަރުގެ މެއި މަހުގެ ނިޔަލަށް އެ އަދަދު ވަނީ 104.8 އިންސައްތަ ދަށްކުރެވިފައެވެ. މިއީ 4 އިންސައްތައިގެ ކުރިއެރުމެކެވެ.

އައިއެމްފްގެ ރިޕޯޓުގައި ބުނެފައިވަނީ ފާއިތުވި އަހަރު އަޅާފައިވާ ޚަރަދުކުޑަކުރުމުގެ ފިޔަވަޅުތަކުން ރަނގަޅު ނަތީޖާ އެއް ހާސިލްވެފައިވުމަކީ އިޤްތިޞާދީގޮތުން ހިންދެމިލުމަށް ރާއްޖެ އަށް ލިބުނު ފުރުސަތައް ކަމަށެވެ. ހާއްސަކޮށް، ބޭރު ފައިސާ މާރުކުރުމުގެ އާ ގާނޫނު ވެގެން ދިޔައީ، ރާއްޖޭގެ ރިޒާވް ރަނގަޅުކުރުމަށް މަގުފަހިކޮށްދިން ކަމަކަށެވެ. މިމަގުން ރާއްޖެއިން އަޅަން ޖެހޭ މުހިންމު އަނެއް ފިޔަވަޅަކީ، ދިވެހި ރުފިޔާގެ އަގު ހިފެހެއްޓުމުގެ ގޮތުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއިން އަލުން އޯޕަން މާކެޓް އޮޕަރޭޝަންސް (އޯމޯ) ފެށުމެވެ.

މީގެ އިތުރުން ވެސް އައިއެފް އިން ރަނގަޅު ކަންކަމުގެ ގޮތުގައި ފާހަގަކުރި ބައެއް ކަންކަން އެބަހުއްޓެވެ. އޭގެ ތެރޭގައި މުއްސަނދިންނާއި ފަގީރުންނަށް އެއް ހަމައެއްގައި ލިބެމުން އައި ސަބްސިޑީތަކުގެ އުސޫލު ބަދަލުކޮށް، ސަބްސިޑީގެ ބޭނުންތެރިކަން ޖެހިފައިވާ މީހުންނަށް އަމާޒުކޮށްގެން ސަބްސިޑީ ދޭން ފެށުން ހިމެނެއެވެ. އަދި ސަރުކާރު ޙިއްސާވާ ކުންފުނިތައް ހިންގުމުގައި ދައުލަތަށް ބުރަ ބޮޑުވާގޮތަށް ހިނގަމުން އައި ކަންކަން ދެނެގަނެ އެކަންކަން އިސްލާހުކުރުމާއި، ތެލުގެ ބާޒާރަށް ކުރާ ހަކަތައިގެ ނޭދެވޭ އަސަރު ކުޑަކުރުމަށް، އިއާދަކުރަނިވި ހަކަތައަށް އިންވެސްޓްކުރުމަކީ، އެކަމުގެ މަންފާ ލިބޭނެ ރަނގަޅު ފިޔަވަޅުތަކެއްގެ ގޮތުގައި އައިއެމްއެފް އިން ފާހަގަކުރެއެވެ.

"ފާއިތުވި އަހަރުގެ ތެރޭގައި، މައިކްރޯ އިކޮނޮމިކް އަދި މާލީ ގޮތުން ގޮންޖެހުންތައް ކުރިމަތިވި ނަމަވެސް، ދިވެހިރާއްޖޭގެ އިގްތިސާދުން ސާބިތުވޭ." އައިއެމްއެފް ރިޕޯޓުގައިވެއެވެ.

ކުރިއަށް އޮތްތަނުގައި މި ލިބުނު އުއްމީދު ދެމި އޮންނަކަން ޔަޤީންކުރުމަށް އަދިވެސް ސަރުކާރުން އަޅަން ޖެހޭ ފިޔަވަޅުތައް ގިނަގުނައެވެ. ހަނގުރާމައިގެ އަސަރު އަދިވެސް ދެމި އޮތުމާއި އެކު، ރަނގަޅު ސިޔާސަތުތަކެއް މަތީގައި ޤާއިމްވެ ތިބެގެން ނޫނީ އިގްތިސާދު ހަމަ މަގަަށް އެޅުމުގެ ފުރުސަތު އަނެއްކާވެސް ކުޑައެވެ. އަދި އައިއެމްއެފްގެ ލަފާއަކީ، ސިޔާސީ ޕްރެޝަރ އަށް ދީލާލުމުގެ ބަދަލުގައި، އުނދަގޫ ވި ނަމަވެސް ޤައުމަށް އެންމެ ފައިދާ ހުރި އިޤްތިސާދީ ނިންމުންތައް ނިންމުމެވެ.