ސިޔާސީ

ޕީ.ޕީ.އެމްގެ ގުނަންތައް ޙަރަކާތްތެރި ކުރުވުމަށް މެމްބަރުން ކޯޓަށް


ޕީ.ޕީ.އެމްގެ ގުނަންތައް ޙަރަކާތްތެރި ކުރުވުމަށް ކޯޓުން ކުރި ޙުކުމް ތަންފީޒް ކުރަމުން ނުދާތީ އެ ޙުކުމް ތަންފީޒު ކޮށްދެއްވުމަށް އެދި ޕީ.ޕީ.އެމްގެ މެމްބަރުންތަކެއް އަނެއްކާވެސް ކޯޓަށް ހުށަހަޅައިފިއެވެ.

ޕީ.ޕީ.އެމްގެ އެތެރޭގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތަކުގެ ސަބަބުން ޕާޓީގެ ކައުންސިލް ޖަލްސާތައް ނުބޭއްވި ގިނަ ދުވަސް ވަމުންދާތީއާއި، ޕާޓީގެ ސެކްޓްރީ ޖެނެރަލެއް އައްޔަންކުރެވިފައި ނުވުމުގެ ސަބަބުން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް ޕީ.ޕީ.އެމުން ވާންޖެހޭ ތައްޔާރީތަކަށް ހުރަސްއެޅިފައިވާ ކަމަށް ވިދާޅުވެ އެ ޕާޓީގެ ކައުންސިލްގައި ހިމެނިވަޑައިގަންނަވާ ބައެއް މެމްބަރުން ގެންދަވަނީ ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ.

ޕީ.ޕީ.އެމްގެ ކައުންސިލުގައި ހިމެނިވަޑައިގަންނަވާ ބައެއް މެންބަރުން ދަރުބާރުގޭގައި މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ނިލަންދޫ ދާއިރާގެ މެންބަރު ޑރ. ޢަބްދުﷲ ޚަލީލު ވިދާޅުވީ ޕާޓީތެރޭގައި ހުރި މައްސަލަތައް ޙައްލުކުރުމަށް މީގެ ކުރީންވެސް ގިނަ މަސައްކަތްތަކެއް ކުރެވުނު ކަމަށާއި، އަދި ޕާޓީގެ ގުނަންތައް ޙަރަކާތްތެރި ކުރުވުމަށް ކުރަންޖެހޭ މަސައްކަތް އެކި ސިފައިގައި ކުރަމުންދާ ކަމަށެވެ. img:http://s4.psmnews.mv/images/660x400/14764599159702.jpg|ޕީޕީއެމުން ބޭއްވި ޕްރެސް ކޮންފަރެންސްގެ ތެރެއިން - ފޮޓޯ: ޕީއެސްއެމް

މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވީ މިއަހަރު ބޭއްވުނު ޕީ.ޕީ.އެމްގެ ކައުންސިލްގެ 3 ވަނަ ބައްދަލުވުމުގައި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ކަންކަން ބެލެހެއްޓުމަށް ޙަވާލުކޮށްފައިވާ ކޮމެޓީގެ މުގައްރިރަކީ، ޕީ.ޕީ.އެމްގެ ނައިބުރައީސް ޢަބްދުރަޙީމް ޢަބްދު ﷲ ކަމަށާއި، އަބްދުއްރަޙީމް އާއި ގުޅިގެން ކެނޑިޑޭޓުން މަސައްކަތް ކުރުމަށް ޒަމީރު އެދިވަޑައިގެންނެވިއެވެ.

ޕީ.ޕީ.އެމްގެ އެތެރޭގައި ޚިޔާލުތަފާތުވުންތައް އުފެދިފައިވާއިރު، އެންމެ ފަހުން ބޭއްވި ކައުންސިލް ބައްދަލުވުމުގައި ބައިވެރިވި ބައެއް މެންބަރުން ޕާޓީގެ ރައީސް މައުމޫނުގެ އަރިހުން މާޢާފަށް އެދެމުން ނޫނީ ދެން ކައުންސިލް ބައްދަލުވުމެއް ނުބާއްވަވާނެ ކަމަށް ރައީސް މައުމޫނު ވަނީ ވިދާޅުވެފައެވެ. ނަމަވެސް އެ މެންބަރުން ވިދާޅުވަނީ މާޢާފަށް އެދެންޖެހޭވަރުގެ ކަމެއް ކުރައްވާފައިނުވާނެ ކަމަށެވެ.

ޕީ.ޕީ.އެމްގެ ގުނަންތަކުގެ މަސައްކަތް ހުއްޓުވާފައި އޮތުމާއި ގުޅިގެން ބައެއް މެންބަރުން އެކަން އިލެކްޝަންސް ކޮމިޝަނަށް ހުށައެޅުއްވުމާއި ގުޅިގެން އެ ކޮމިޝަނުންވެސް ވަނީ ޕާޓީގެ ގުނަންތައް ހަރަކާތްތެރިކޮށް ޕާޓީގެ ޙަރަކާތްތައް ކުރިއަށްގެންދެވުމަށް ޕާޓީގެ ރައީސަށް އަންގަވާފައެވެ.