ތަރައްްޤީ

ބައިނަލްއަޤްވާމީ ކުޅިވަރު ސްޓޭޑިއަމެއް ހުޅުމާލޭގައި ބިނާކުރަނީ


ހުޅުމާލޭގައި ބައިނަލް އަގްވާމީ ފެންވަރުގެ ސްޓޭޑިއަމެއް އަޅައިދޭނެކަމުގެ ޔަގީންކަން ގަތަރު ސަރުކާރުން ދެއްވައިފިއެވެ.

ދުނިޔޭގެ އެކި ގައުމުތަކުގައި ޓެލެކޮމް ހިދުމަތް ދެމުން ގެންދާ އުރީދޫ ގްރޫޕުން ރާއްޖޭގައި ހިންގާ އުރީދޫ މޯލްޑިވްސް ރާއްޖޭގެ ހިއްސާގެ ބާޒާރުގައި ރަޖިސްޓްރީކުރުމާ ގުޅިގެން ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތެއްގައި އުރީދޫ ގްރޫޕުގެ ޗެއާމަން ޝައިހު އަބްދު ﷲ ބިން މުޙައްމަދު ބިން ސައުދު އަލްޘާނީ ވިދާޅުވީ ރާއްޖޭގެ އެންމެ ފެންވަރު ރަނގަޅު ސްޓޭޑިއަމްއެއް އަޅައިދޭން ގަތަރު ސަރުކާރުން ނިންމަވާ ދިވެހި ސަރުކާރާ އެކަން ހިއްސާ ކުރައްވާފައިވާ ކަމަށެވެ.

އުރީދޫ މޯލްޑިވްސް ރާއްޖޭގެ ހިއްސާގެ ބާޒާރުގައި ލިސްޓްކުރުމާއި ގުޅިގެން ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އުރީދޫ ގްރޫޕުގެ ޗެއާމަން ޝައިހު އަބްދު ﷲ ބިން މުހައްމަދު ބިން ސަޢުދު އަލްޘާނީ ވިދާޅުވީ ޤަތަރުގެ އަމީރުގެ ހުއްދައާއެކު ރާއްޖޭގައި ބައިނަލްއަޤްވާމީ އަދި ޒަމާނީ، "ސްޓޭޓް އޮފް ދި އާޓް" ސްޓޭޑިއަމެއް ޤަތަރުން އަޅައިދޭނެ ކަމުގެ ޔަގީންކަން ދެއްވާފައިވާ ކަމަށެވެ. އަދި މިކަން ރާއްޖޭގެ ނާއިބު ރައީސް އަބްދު ﷲ ޖިހާދާއި ބައްދަލުކުރައްވާ ނާއިބު ރައީސްއާ ހިއްސާކޮށްފައިވާ ކަމަށް އުރީދޫ ގްރޫޕުގެ ޗެއަރމަން ވިދާޅުވިއެވެ. ހުޅުމާލޭގައި ގަތަރު ސަރުކާރުގެ ފަރާތުން އަޅާ ސްޓޭޑިއަމަކީ ޒުވާނުންނާއި ކުޅިވަރު ކުރިއެރުވުމަށް ރައީސް ޔާމީން ގެންގުޅުއްވާ ސިޔާސަތަށް އެއްބާރުލުން ދެއްވުމަށް ގަތަރު ސަރުކާރުން އަޅާ ސްޓޭޑިއަމެކެވެ.

އުރީދޫ މޯލްޑިވްސް ގެ ސީއީއޯ ވިކްރަމް ސިންހަ ވިދާޅުވީ، ރާއްޖޭގައި ގަތަރު ސަރުކާރުގެ ފަރާތުން އަޅާ ސްޓޭޑިއަމްގެ ކަންކަން ހަމަޖެއްސުމުގައި، ރާއްޖެއިން ފުރިހަމަކުރަންޖެހޭ އިންތިޒާމުތައް ހަމަޖެއްސުމަށް އެހީތެރިކަމަށް އޭނާގެ އަރިހުން އުރީދޫ ގްރޫޕުން އަބަދާއި އަބަދު އެދިވަޑައިގަންނަވަމުން ގެންދެވި ކަމަށެވެ. އުރީދޫ ގްރޫޕްގެ ފަރާތުން ވަނީ ރާއްޖެއަށް ގިނަ އެހީތަކެއްވެސް ދެއްވާފައެވެ. ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި އުރީދޫ ގްރޫޕުން ހަދިޔާކުރި އެހީތަކުގެ ތެރޭގައި ތިން އެމްބިއުލާންސާއި، އުރީދޫ މޮބައިލް ހެލްތް ކްލިނިކްތަކެއްގެ އިތުރުން ރާއްޖޭގެ 3 ސަރަޙައްދުގައި ގާއިމް ކުރާ އައިޓީ އިންކިއުބޭޓާތައް ހިމެނެއެވެ. އުރީދޫ ގްރޫޕުގެ އިޖުތިމާއީ ޒިންމާގެ ދަށުން ރާއްޖެއަށް ދިން މި އެހީތައް ރާއްޖެއާ ޙަވާލުކޮށްދެއްވީ އުރީދޫ ގްރޫޕުގެ ޗެއާމަން ޝައިހު އަބްދު ﷲ ބިން މުހައްމަދު ބިން ސައުދު އަލްޘާނީއެވެ. އަދި މި އެހީތަކާ ޙަވާލުވެވަޑައިގަތީ ހެލްތް މިނިސްޓަރު އަބްދު ﷲ ނާޒިމް އިބްރާހިމް އާއި ޔޫތު މިނިސްޓަރު އިރުތިޝާމް އާދަމެވެ.