ކުޅިވަރު

ޕެނަމާގައި ހުނަރު ހުއްޓަސް އަހަރުމެން މާމޮޅު: ގާނާގެ ކޯޗު


ޕެނަމާގައި ހުނަރުވެރި ކުޅުންތެރިން ތިއްބަސް އެ މީހުން ބަލިކޮށްލެވޭނެ ހުރިހާ ކަމެއް ގާނާ ޓީމުގައި އެބަހުރި ކަމަށް ކޯޗު ކާލޮސް ކީރޯޒް ބުނެފި އެވެ.

ތަޖުރިބާކާރު ކޯޗު މިހެން ބުނީ ވޯލްޑް ކަޕުގައި މިރޭ މި ދެ ޓީމު ކުޅޭ މެޗުގެ ކުރިން ވާހަކަ ދައްކަމުންނެވެ.
ނަމަވެސް އޭނާ ވަނީ ގާނާގެ މިޑްފީލްޑަރު ތޯމަސް ޕާޓޭ އަށް މެޗު ކުޅެން ކެނެޑާ އަށް އެތެރެވުމުގައި ދިމާވެފައިވާ މައްސަލަތަކާ މެދު އަމާޒުވި ސުވާލުތަކަށް ޖަވާބު ދޭން އިންކާރު ކޮށްފަ އެވެ. ބުނީ "ތި ވާހަކަ ނުދައްކަން ނިންމައިފިން،" ކަމަށެވެ.

މި މައްސަލަ ގާނާއިން މިހާރު ވަނީ ކެނެޑާގެ ކޯޓަށް ވެސް ހުށަހަޅާފަ އެވެ. އިއްޔެ އަޑުއެހުން ވެސް އޮތެވެ. އެކަމަކު ޕާޓޭ އަށް މި މެޗުގައި ނުކުޅެވޭނެ އެވެ.

"ޕެނަމާގައި ބަލި ފައިތައް ވެސް އެބަހުރި. އަހަރުމެން ޓީމެއްގެ ގޮތުގައި ކުޅެފިނަމަ އުނދަގޫ ކަމެއް ނެތި މޮޅުވާނެ. އަހަރުމެންގެ ތަޖުރިބާ މާބޮޑު. އަހަރުމެން އެ މީހުންނަށް ވުރެ ހުރިހާ ގޮތަކުން ވެސް ތިބީ ކުރީގައި. ހުނަރުވެރި ކުޅުންތެރިން ވެސް މާގިނަ. އަހަރެންނަށް ހީވަނީ ވަން އޮން ވަންގައި އަހަރުމެންނަށް ވަރަށް ރަނގަޅަށް އެކަން ދެއްކިދާނެހެން،" ވޯލްޑް ކަޕަށް މަހަކަށް ވެފައިވަނިކޮށް ގާނާއާ ހަވާލުވި ކޯޗު ބުންޏެވެ.

ޕޯޗުގަލް އާއި އިރާނަށް ވެސް ކޯޗުކޮށްދިން ރެއާލް މެޑްރިޑްގެ ކުރީގެ ކޯޗު ބުނީ މުބާރާތުގެ ގަވާއިދަށް ފީފާއިން ގެނެސްފައިވާ ބައެއް ގަވާއިދުތަކާ މެދު ވާހަކަ ދައްކާނީ ވޯލްޑް ކަޕް ނިމުމުން ކަމަށެވެ.

"މި ވަގުތަކީ އެކަމަށް ކޮމެންޓް ކުރަން ރަނގަޚު ވަގުތެއް ނޫން،" ކީރޯޒް ބުންޏެވެ.