ޚަބަރު

ފުރަތަމަ މެޗަށްފަހު ޓިއުނީޝިޔާގެ ކޯޗު މަގާމުން ވަކިކޮށްފި: ރިޕޯޓްތައް


ފީފާ ވޯލްޑްކަޕްގައި ޓިއުނީޝިޔާ ކުޅުނު ފުރަތަމަ މެޗަށްފަހު އެ ޓީމުގެ ކޯޗު ސަބްރީ ލަމޫޗީ މަގާމުން ވަކިކޮށްފި އެވެ.

ފީފާ ވޯލްޑްކަޕްގެ ގްރޫފް އެފް ގެ ފުރަތަމަ މެޗުގައި ސްވިޑަން އަތުން 5-1 ގެ ނަތީޖާއަކުން ހޯމަ ދުވަހު ޓިއުނީޝިޔާ ބަލިވެފައިވާއިރު, ލަމޫޗީ މަގާމުން ވަކިކޮށްފައިވަނީ މި މެޗު ނިމުނުތާ ގިނައިރުތަކެއް ނުވަނީސް ކަމަށް މީޑިޔާ ރިޕޯޓްތައް ވަނީ ބުނެފަ އެވެ.

ޓިއުނީޝިޔާގެ ކޯޗު ކަމާއި ލަމޫޗީ ހަވާލުވެފައިވަނީ 2025 ވަނަ އަހަރުގެ އެފްރިކަން ކަޕް އޮފް ނޭޝަންސްއިން އެ ގައުމު ކެޓުމާއިއެކު އޭރު ޓިއުނީޝިޔާގެ ކޯޗެއްގެ ގޮތުގައި ހުރި ސާމީ ޓްރަބެލްސީ މަގާމުން ވަކިކުރުމަށްފަހުގަ އެވެ.

މިދިޔަ ޖެނުއަރީ މަހު ލަމޫޗީ މަގާމާއި ހަވާލުވެފައިވާއިރު, އޭނާ އާއި ޓިއުނީޝިޔާގެ ފުޓްބޯޅަ ފެޑަރޭޝަނާއި މައްސަލަ ޖެހިފައިވަނީ ލަމޫޗީގެ ދަރިފުޅު ޓީމުގެ ޓްރެއިނިން ކޭމްޕް ތެރެއަށް ގެނައުމާއި ގުޅިގެންނެވެ. އަދި އެކަމާއި ގުޅޭ ގޮތުން ޓިއުނީޝިޔާގެ އެފްއޭ އިން ވަނީ ލަމޫޗީ އާއި ވާހަކަ ދައްކާފަ އެވެ.

ލަމޫޗީގެ ދަރިފުޅު ޓީމުގެ ޓްރެއިނިން ކޭމްޕް ތެރެއާ ގެނެސްފައިވަނިކޮށް ތަފާތުބޮޑު ނަތީޖާއަކުން ސްވިޑަން އަތުން ބަލިވުމާއިއެކު އޭނާ އާއިމެދު އޮތް ހިތްހަމަނުޖެހުން ވަނީ އިތުރަށް ބޮޑުވެފަ އެވެ.

ގްރޫޕް ސްޓޭޖުގައި ޓިއުނީޝިޔާއަށް ކުރިއަށް އޮތީ ޖަޕާން މެޗަށްވާއިރު, ޖަޕާން އިން ވަނީ ނެދަލޭންޑްސް އާއި އެއްވަރުކޮށްފަ އެވެ. އެހެންކަމުން ޖަޕާން އަތުން ބަލިވެއްޖެނަމަ ޓިއުނީޝިޔާއަށް މުބާރާތުގެ ފްރޫޕް ސްޓޭޖް ފަހަނައަޅާ ދިއުމުގެ ފުރުސަތު ހަނިވާނެ އެވެ.

ލަމޫޗީގެ އިރުޝާދުގެ ދަށުން ޓިއުނީޝިޔާ މިހާތަނަށް ކުޅެފައިވާ ފަސް މެޗުގެ ތެރެއިން އެ ޓީމު މޮޅުވެފައިވަނީ 1-0 ގެ ނަތީޖާއަކުން ހެއިޓީ އަތުން އެކަނި އެވެ.