ޚަބަރު

ހުމާރޯގާ އަދި ޑެންގީގެ ކޭސްތައް އިތުރު، ރައްކާތެރިކަމަށް ސަމާލުވޭ!


  • ބަލިތަކުން ރައްކާތެރިވުމަށް އާންމު ސާފުތާހިރުކަމަށް ސަމާލުވާންޖެހޭ

  • ހުމާއި ރޯގާގެ އަލާމާތްތައް ހުރިނަމަ މާސްކު ބޭނުންކުރަންޖެހޭ

ރާއްޖޭގެ އެކި ހިސާބުތަކުގައިވެސް ގައިންގަޔަށް އަރާ ބަލިތައް މިދިޔަ މަހު އިތުރުވެފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ، އެޗްޕީއޭއިން ވިދާޅުވެއްޖެއެވެ. އެގޮތުން މަދިރީގެ ޒަރިއްޔާއިންޖެހޭ ޑެންގީހުމާއި އަރިދަފުސް ރޯގާވެސް ގިނަ އަތޮޅުތަކުގައި އިތުރުވެފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

ރާއްޖޭގައި އެކި ދުވަސްވަރު މޫސުމީ ވިއްސާރައާއި ދިމާކޮށް މަދިރީގެ ޒަރިއްޔާއިންޖެހޭ ބަލިތައް އިތުރުވެއެވެ. އެހެންކަމުން މަދިރިއާލާވާ ތަންތަން ނައްތާލުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އެޗްޕީއޭއިން އިލްތިމާސްކުރައްވައެވެ. އެޗްޕީއޭއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މެއި މަހު ޑެންގީ ހުމާގުޅޭ 778 ކޭސްވަނީ ރިޕޯޓުކޮށްފައެވެ. އަރިދަފުސް ރޯގާޖެހިގެން 40،457 ކޭސް ރިޕޯޓުކޮށްފައިވާއިރު މިއީ އޭގެ ކުރީ މަހާ އަޅާ ބަލާއިރު ދެގުނަ އިތުރު ޢަދަދެކެވެ. މިއަހަރުގެ މިހާތަނަށް 1000 އަށްވުރެ ގިނަ މީހުން ޓެސްޓުކޮށްފައިވާއިރު އޭގެތެރެއިން 680 މީހަކުވަނީ އިންފްލުއެންޒާއަށް ޕޮޒިޓިވްވެފައެވެ. ހަމައެއާއެކު ބޭރަށްހިނގުން އިތުރުވެފައިވާތީ އާންމު ސާފުތާހިރުކަމަށް ސަމާލުވުމަށްވެސް އެޗްޕީއޭއިން އިލްތިމާސްކުރައްވައެވެ.

ޕީއެސްއެމްނިއުސްއަށް މަޢުލޫމާތު ދެއްވަމުން އައިޖީއެމްއެޗްގެ ޑޮކްޓަރ، ޑރ.ޢަބްދުލް އަޒީޒް ޙަމީދުވެސްވަނީ މިދުވަސްވަރު ގައިންގަޔަށް އަރާ ބަލިތަކާއި މަދިރީގެ ޒަރިއްޔާއިން ޖެހޭ ބަލިތައް އިތުރުވެފައިވާކަމުގެ ކަންބޮޑުވުންފާޅުކުރައްވާފައެވެ.

"ބަލިތަކުން ރައްކާތރިވުމަށް އާންމު ސާފުތާހިރުކަމަށް ސަމާލުވާންޖެހޭ. ގިނަގިނައިން އަތްދޮވުމާއި، މާސްކު ބޭނުންކުރަންޖެހޭ ބަލި ޖެހިފައިވާ ފަރާތްތަކުން." ޑރ. އަޒީޒް ވިދާޅުވިއެވެ.

އެޗްޕީއޭއިން ވިދާޅުވީ މިދުވަސްވަރު، ހުމާއި ރޯގާ އިތުރުވެފައިވާތީ، ކެއްސާ ކިނބިހި އަޅާއިރު އަނގަމަތި ނިވާކުރުމަކީ ބަލި ފެތުރުން ކޮންޓްރޯލްކުރުމަށް މުހިއްމުކަމެއްކަމަށެވެ. ހަމައެއާއެކު ބަލީގެ ޢަލާމާތްތައް ހުންނަ ފަރާތްތައް މީހުން އެއްވެ އުޅޭ ތަންތަން ނުދިޔުމަށާއި، ބޭރަށް ދާއިރު މާސްކު ބޭނުންކުރުމަށްވަނީ އިލްތިމާސްކުރައްވާފައެވެ. ހުމާ ރޯގާ އަދި ޑެންގީ ބައްޔަށް ޕޮޒިޓިވްވެފައިވާ ފަރާތްތަކުން އަރާމުކުރުމަށާއި ގިނައިން ދިޔާތަކެތި ބޭނުންކުރުމަށްވަނީ އިރުޝާދުދެއްވާފައެވެ.

ބޭރަށް ހިނގުމާއި ހޮޑުލެވޭނަމަ، ލޮނުޕެކެޓް ބޭނުންކުރުމަކީ މުހިއްމުކަމެކެވެ. ހުމާއި ރޯގާގެ ޢަލާމާތްތައް ހުރެ 3 ދުވަހަށްވުރެ އިތުރުވާނަމަ ޑޮކްޓަރަށް ދައްކަންޖެހެއެވެ. އެހެންކަމުން މިދުވަސްވަރު ފެތުރެމުންދާ ހުމާއި ރޯގާއިން ރައްކާތެރިވުމަށް ފަރުދީގޮތުން ކުރެވެން ކުރި ކަންކަމާއި، މަދިރި ނައްތާލުމަށް ރަށުފެންވަރުގައި ކައުންސިލްތަކާއި ގުޅިގެން މަސައްކަތް ކުރަންޖެހެއެވެ.