ކުޅިވަރު

ޔަމާލާއި ނިކޯ ފެނުން ގާތީ ވަގުތު ކޮޅަކަށް: ކޯޗު


ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މިރޭ ކާބޯ ވޭޑޭއާ ދެކޮޅަށް ނުކުންނައިރު ސްޕޭނުގެ މުހިންމު ދެ ކުޅުންތެރިން ކަމަށްވާ ނިކޯ ވިލިއަމްސް އާއި ލަމީން ޔަމާލް ފެނުން ގާތީ ކުޑަވަގުކޮޅަކަށް ކަމަށް ސްޕޭނުގެ ކޯޗު ލުއިސް ޑެލަފުއެންޓާ ބުނެފި އެވެ.

މެޗުގެ ކުރިން ވާހަކަ ދައްކަމުން ކޯޗު ބުނީ އަނިޔާއިން އަރައިގަނެ ފުލް ފިޓްނަސް އައުމަށް މަސައްކަތް ކުރާ ދެ ކުޅުންތެރިން މިރޭގެ މެޗުގައި ފުލްކޮށް ކުޅުވަން ނުވިސްނާ ކަމަށެވެ.

"ދެ ކުޅުންތެރިން ވެސް ވަރަށް ކުޑަކޮށް ފެނިދާނެ. އެ މީހުން މިހާރު ރަނގަޅު. އެކަމަކު އެ މީހުންގެ ބޭނުން ހިފާނީ އަދިވެސް ރަނގަޅަށް ބަލާގަފއި. ރިސްކު ނަގާކަށް ބޭނުމެއް ނޫން،" ކޯޗު ބުންޏެވެ.

މިޑްފީލްޑަރު މިކޭލް މެރިކޯ ބުނީ ކާބޯ ވޭޑޭ އަކީ ބޮޑެތި ޓީމުތަކާ ދެކޮޅަށް ރަނގަޅު ނަތީތާތަކެއް ނެރޭ ޓީމެއް ކަމަށެވެ.

"އަހަރެންގެ މައުލޫމާތު ގޯސް ނޫންނަމަ އެ މީހުން ބޮޑެތި ޓީމުތަކާ ދެކޮޅަށް ނަތީޖާ ނެރޭ. އަދި އެ މީހުންނަކީ ވަރަށް ހިތްވަރު ކުރާ ވަރަށް ފިޓް ޓީމެއް. އަހަރުމެންނަށް އެންމެ މުހިންމު ކަމަކީ މި މުބާރާތް ރަނގަޅަށް ފެށުން،" މެރިނޯ ބުންޏެވެ.

މި މެޗު ފަށާނީ މާލޭ ގަޑިން ނުވައެއް ޖަހާއިރު އެވެ.