މިދިޔަ މަހު ސީ-ޓު-އެއަރ ކާގޯ ޚިދުމަތް މެދުވެރިކޮށް 162 ޓަނުގެ މުދާ ރާއްޖެއިން ބޭރަށް ފޮނުވާފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ސީ-ޓު-އެއަރ ކާގޯގެ ޚިދުމަތަކީ، ކަނޑުމަގުން އަންނަ މުދާ، ޓްރާންސިޓުކޮށް ވައިގެ މަގުން ދުނިޔޭގެ އެހެން ޤައުމުތަކަށް ފޮނުވުމެވެ. މި ޚިދުމަތް ފަށާފައިވަނީ، 15 މެއި 2024 ގައެވެ.
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލްއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ މޭ މަހު ރާއްޖެއިން 5 އެއާލައިނެއް މެދުވެރިކޮށް ދުނިޔޭގެ 7 ޤައުމަކަށް ވަނީ، މުދާ ފޮނުވާފައެވެ. އެއީ، މުޅި ޖުމްލަ 162 ޓަނުގެ މުދަލެވެ. މިއީ، ކޮންޓެއިނަރުގެ އަދަދަށް ބަލާނަމަ 29 ޓީއީޔޫސްއެވެ.
📊 Monthly Statistics for Sea-to-Air Cargo Transshipment - May 2026#MaldivesPortsLimited #MPL #PortMV #SeaToAirCargo pic.twitter.com/974I5sz4E4
— Maldives Ports Limited (@Portmv) June 9, 2026
• ޤަޠަރު އެއާވޭސް
• އިއްތިހާދު އެއާވޭސް
• ސައުދިއާ
• ސްވިޒް އެއާ
• ޓާކިޝް އެއާލައިން
ސީ-ޓު-އެއަރ ކާގޯގެ މި ޚިދުމަތް ފޯރުކޮށްދެމުން އަންނަނީ އެމްއޭސީއެލްއާއި، އެމްޕީއެލް ގުޅިގެންނެވެ.
ސީ-ޓު-އެއަރ ކާގޯ ޚިދުމަތަކީ، ދުނިޔޭގެ ވަރަށް ގިނަ ޤައުމުތަކުން ކުރަމުން އަންނަ އަދި މި މަސައްކަތުން އެޤައުމުތަކުގެ އިޤްތިޞާދަށް ބޮޑެތި މަންފާތަކެއް ލިބޭ މަސައްކަތެކެވެ. މީގެ އިތުރުން، ރާއްޖެއަކީ ބައިނަލްއަޤްވާމީ ގިނަ އެއާލައިންތަކަކުން ދަތުރު ކުރާ ޤައުމަކަށްވާއިރު، މި ޚިދުމަތް ފުޅާކުރުމުގައި ރާއްޖެއަށް ފުރުޞަތުތައް ގިނަކަމަށް ސަރުކާރުން ވިދާޅުވެއެވެ.