ކުންފުންޏަށް ބޭނުންވާ ސާމާނު ހޯދުމުގައި މީގެ ކުރިން ހަދާފައިވާ ގޯސްތައް ތަކުރާރުވިޔަނުދީ، ހަރުދަނާ އުސޫލުތަކެއްގެ ތެރެއިން އެކަންކަން ކުރިއަށްގެންދާ ކަމަށް ފެނަކަ ކޯޕަރޭޝަނުން ވިދާޅުވެއްޖެއެވެ.
ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އަފީފު ހުސައިން ވަނީ ކުރީގެ މެނޭޖްމެންޓުތަކުން ކުންފުންޏަށް ތަކެތި ހޯދުމުގައި އެކަށީގެންވާ މިންވަރަށް ބަލާފައި ނުވާކަން ފާހަގަވެފައިވާކަމަށް ވިދާޅުވެފައެވެ..
ފެނަކަ ކުންފުންޏަކީ މަދު ރަށެއް ފިޔަވައި ރާއްޖޭގެ އުތުރާއި ދެކުނަށް ފެނާއި ކަރަންޓާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދޭ ކުންފުޏެކެވެ. އެކުންފުނީގެ މަސައްކަތްތަކަކީ ފަންނީ މަސައްކަތްތަކެއް ކަމުން އަބަަދުވެސް ކުންފުނީގެ އެކި ވަސީލަތްތައް ބެލެހެއްޓުމަށާއި އެކި ކަންކަން ކުރުމަށް، އެކި ސާމާނު ހޯދާކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އަފީފު ހުސައިން ވިދާޅުވިއެވެ. އެހެންނަމަވެސް މިމަސައްކަތް މިވީ މުއްދަތުގައި ރަނގަޅަށް ކުރެވިފައި ނުވާކަމަށް އަފީފު ވިދާޅުވިއެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރ އަފީފު ވަނީ ފެންވަރު ރަނގަޅު ސާމާނު ހޯދަން އެންމެ އެކަށީގެންވާ ފަރާތްތަކާއި ހަވާލުކުރެވޭކަން ޔަޤީންކުރަން ޖެހޭ ކަމަށެވެ. މާޒީގައި މިގޮތަށް މަސައްކަތް ކުރުމުން ކުންފުންޏަށް ފައިދާވާން އޮވެމެ ގެއްލުންވާ ގޮތަށް ކަންކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިކަން ކުންފުނީގެ އޮޑިޓްތަކުން ފެންނަން އޮތް ކަމަށް ވިދާޅުވިއެވެ.
"މިސާލަކަށް މެނުފެކްޗަރަރ އަތުން ތަކެތި ހޯދުން އެއީ އެންމެ ރަނގަޅު ގޮތަކީ. މެނުފެކްޗަރަރ އަތުން ތަކެތި، ސީދާ ނުހޯދޭނަމަ ރަނގަޅު ކުންފުންޏެއް އަތުން ހޯދަން ޖެހެނީ. މި ދެންނެވީ ޓެކްނިކަލް ނޯހައު ދަންނަ ފަންނީ ތަޖުރިބާ ހުންނަ ބައެއްގެ އަތުން މިތަކެތި ހޯދާ ކަމަށްވަންޏާ، ރަނގަޅު ތަކެތި ހޯދޭނެ. އަޅުގަނޑު ފާހަގަކުރަން އޮތީ، އަޅުގަނޑުމެންނަށް ގިނަ ފަހަރަށް ތަކެތި ހޯދިފައި ހުރީ އެންމެ ރަނގަޅު ތަންތަނަކުން ނޫން." ފެނަކަ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަފީފު ފާހަގަކުރެއްވިއެވެ.
މީގެ ކުރިން އެކުންފުނީގެ ޕްރޮކިއުމެންޓުގެ ތެރެއިން ކުންފުންނެއްގެ ޝަރުތުތައްްވެސް ހަމަނުވާ ތަންތަނުން ޚިދުމަތް ހޯދާފައި ހުރިކަން ފާހަގަވާކަމަށާއި، ބައެއް ފަހަރު އެތަކެތި ފޯރުކޮށްދެވޭކަން ވެސް ކަށަވަރު ނުވާއިރު، އެތަކަތީގެ ކޮލިޓީ ކަށަވަރުކުރުމުގައިވެސް ގޮންޖެހުންތައް ހުންނަ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އެހެންވުމުން ޚިދުމަތް ފޯރުކޯށްދިނުމުގައި މިސް މެނޭޖް ކުރެވި ކުންފުންޏަށް އެކަމުގެ ގެއްލުންވެފައި ހުރި ކަމަށް އޭނާ ވިދާޅުވިއެވެ.
މިމައްސަލަ ހައްލުކުރަން ކުންފުނީގައި ހެދިފައި ހުރި އުސޫލްތަކަށް ހަރުދަނާ ބަދަލުތަކެއް ގެންނަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
"ޕްރޮކިއުމެންޓް ޕޮލިސީއަށް ބަދަލު ގެންނަންޖެހޭ. ކުންފުނީގެ ތެރޭގައި ކުރެވޭ މުޢާމަލާތްތަކަކީ މާލިއްޔަތު ޤަވާއިދާ އެއްގޮތަށް ކުރެވޭ މުޢާމަލާތްކަން ކަށަވަރުކުރަންޖެހޭ. ދައުލަތުގެ ކުންފުނިތަކުން މާލިއްޔަތު ޤާނޫނާއި އެއްގޮތަށް ޢަމަލުކުރުން ލާޒިމް ނުކުރޭ، އެހެންނަމަވެސް އެކުންފުނީގެ ޕްރޮކިއުމެންޓް ޕޮލިސީއަކީ ހަރުދަނާ ޕޮލިސީއަކަށްވާންޖެހޭ. އަޅުގަނޑުމެން މަސައްކަތް ކުރަނީ ޒިންމާދާރުކަން ކުރެވިފައި ހުރި އިތުރަށް ތަކުރާރުވިޔަ ނުދީ ރަނގަޅު ކުރެވޭތޯ މަސައްކަތް ކުރުން، އިރާދަކުރެއްވިއްޔާ އެކަން ކުރާނަން." އަފީފު ވިދާޅުވިއެވެ.
ފެނަކައިގެ އެމްޑީ ވިދާޅުވީ ކުރިމަގުގައި ކުންފުނީގެ ޕްރޮކިއުމެންޓް މައްސަލަ ހައްލުކޮށް އެކުންފުންޏަށް ބޭނުންވާ ސްޕެއަރ ދުރާލާ ގެނެސް ރައްކާކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާކަމަށެވެ. އަދި އެކަމަށް ކުންފުނީގެ އައު އިމާރާތް އައުމުން ތަނގަޅު ހައްލެއް ލިބިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.