އިންގްލިޝް ޕްރިމިއަރ ލީގުގެ މެންޗެސްޓަރ ސިޓީގެ އާ ކޯޗަކަށް އެންޒޯ މަރެސްކާ ހަމަޖެއްސުމަށް ކުރެވެމުންދާ މަސައްކަތުގެ ދަށުން ސިޓީ އާއި އޭނާ ކުރިން ކޯޗުކޮށްދިން ޗެލްސީގެ މެދުގައި ކުރެވެމުންދާ މަޝްވަރާތައް ހަލުވިކަމާއި އެކު ކުރިއަށް އެބަދެއެވެ.
ސިޓީއިން އެޓީމުގެ ކޯޗު ކަމަށް މަރެސްކާ ގެންދިއުމުގެ މަސައްކަތް ފަށާފައިވަނީ އެމަގާމް ވޭތުވެދިޔަ 10 ސީޒަންގައި އަދާކުރި ތަޖްރިބާކާރު ކޯޗު ޕެޕް ގާޑިއޯލާ މަގާމުން ދުރައްދިއުމާއި ގުޅިގެންނެވެ. ޕެޕް ވަނީ އޭނާ ސިޓީގެ ކޯޗު ކަމާއި ދުރައްދާކަން މެއި މަހުގެ 22 ވަނަ ދުވަހު ހާމަކޮށްފައެވެ. އަދި މިއާއެކު ސިޓީގެ މެނޭޖްމަންޓުން ކުރި މަސައްކަތުން އެމަގާމަށް އެންމެ އެކަށޭނަ ކޯޗެއްގެގޮތުގައި ފާހަގަ ކޮށްފައިވަނީ މަރެސްކާއެވެ.
މަޢުލޫމާތުލިބޭގޮތުގައި މަރެސްކާގެ ކަންތަކުގައި ސިޓީ އާއި ޗެލްސީގެ އިސް ފަރާތްތަކުގެ މެދުގައި ކުރިއަށްދާ މަޝްވަރާތައް މިހާރުވަނީ ވަރަށް ބޮޑަށް ހަލުވި ވެފައެވެ.
ޗެލްސީއިން ގަބޫލްކުރާގޮތުގައި އެޓީމުގެ ކޯޗުކަމުގެ މަގާމުން މަރެސްކާ ވަކިވެގެންދިޔަ ގޮތަށް ބަލާއިރު އޭނާ އެހެން ޓީމަކަށް ގުޅޭނަމަ އެކަމުގެ ބަދަލު ޗެލްސީއަށް ލިބެންޖެހޭނެއެވެ. ޗެލްސީގެ ކޯޗުކަމުން މަރެސްކާ ދުރައް ގޮސްފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ. އަދި އޭނާ ޗެލްސީ އާއެކު ހަދާފައިވާ އެބަސްވުން ހަމަވާނީ 2029 ވަނަ އަހަރުގެ ނިޔަލަށެވެ.
ޗެލްސީއަށް ފީފާ ކްލަބް ވާރލްޑް ކަޕްގެ އިތުރުން ކޮންފަރެންސް ލީގު ކާމިޔާބު ކޮށްދީފައިވާ މަރެސްކާ އެކްލަބް ދޫކޮށް ދިޔަފަހުން ޗެލްސީގެ ކުޅުން ވަރަށް ބޮޑަށް ދައްވެ އަދި މިއަންނަ ސީޒަންގައި ޔޫރަޕްގައި ކުޅުމުގެ ފުރުސަތުވެސް ވަނީ ލިބޭގޮތް ނުވެފައެވެ.
މަރެސްކާ ޗެލްސީގައި ހޭދަކުރި ފަހު ހަ މަހެއްހާ ދުވަހު އޭނާ އާއި ކްލަބްގެ ވެރިންނާއި ދެމެދު އޮތް ގުޅުން ވަރަށް ބޮޑަށް ހީނަރުވެގެންދިޔަތަން ފެނިގެންދިޔައެވެ.
މަރެސްކާވަނީ ޗެލްސީއިން ގެންގުޅޭ ޓްރާންސްފަރ ސިޔާސަތަށް ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ. ނަމަވެސް އޭނާ ކްލަބް ދޫކޮށް ދާން ޖެހުނީ އެކަމުގެ ސަބަބުންކަމެއް ސާފުވެފައެއްނުވެއެވެ. އަދި އެޓީމުގެ މެޑިކަލް ސްޓާފުންނާއި ޓީމު ނެގުމުގެ ކަންތަކުގައިވެސް ދެބަސްވުންތަކެއް ހިނގާފައިވާކަމަށް ވެއެވެ. މިހުރިހާ ކަމަކާއެކުވެސް މަރެކްސާ އެޓީމަށް ހޯދާދީފައިވާ ކާމިޔާބީ އަށް އެކްލަބްގެ އިސްވެރިން އިހްތިރާމް ކުރެއެވެ. އަދި ޓީމުގެ ގިނަ ކުޅުންތެރިންގެ މެދުގައި އޭނާ އަދިވެސް ވަރަށް މަޤްބޫލެވެ.
ސިޓީއިން މަރެސްކާ އެޓީމަށް ގެންދިއުމަށް މަސައްކަތް ކުރާކަން ޗެލްސީއަށް އެނގުމާއެކު އެޓީމުންވަނީ އެކަމުގެ ބަދަލު ހޯދުމުގެ މަސައްކަތް ފަށައިފައެވެ. ޗެލްސީއިން ހާމަކުރިގޮތުގައި އެޓީމުން އަންނަނީ މިކަމުގެ ބަދަލު ހޯދުމަށްޓަކައި ގާނޫނީ ގޮތުން އޮތް ފުރުސަތުތައް ބަލަމުންނެވެ. ނަމަވެސް މިކަމާއި ގުޅިގެން ދެކްލަބްގެ މެދުގައި ކުރެވެމުންދާ މަޝްވަރާތަކުން އެއްބަސްވެވޭނީ ކިހާވަރެއްގެ ބަދަލަކަށް ކަމެއް ނޭނގެއެވެ.
މަރެސްކާވަނީ ސިޓީއިން ޔުއޭފާ ޗެމްޕިއަންސް ލީގާއި އެކު ތިން ތަށި ކާމިޔާބުކުރި 2022 – 2023 ވަނަ ސީޒަންގައި ޕެޕްގެ އެސިސްޓަންޓެއްގެ ގޮތުގައި ސިޓީގައި ހަރަކާތްތެރިވެފައެވެ. އަދި ސީނިއަރ ޓީމާއި ގުޅުމުގެ ކުރިން އެކްލަބްގެ އެކަޑަމީގައިވެސް މުހިންދު ދައުރެއް އަދާކޮށްފައެވެ. އޭނާ ސިޓީ ދޫކޮށް ދިޔައީ 2023 ވަނަ އަހަރު ލެސްޓަރ ސިޓީގެ ކޯޗުކަމާއި ހަވާލުވުމަށެވެ.