ޚަބަރު

ހުޅުމާލޭ ޢިމާރާތްތަކާއި އިންވެގެން އޮންނަ ޢާއްމު ސަރަޙައްދު


ހުޅުމާލޭގައި ޢިމާރާތްކޮށްފައިވާ އެއްމެދު ޢިމާރާތުގެ ތިރީގައި ހިމެނޭ އާއްމު ސަރަޙައްދު ޤަވާޢިދާއި ޚިލާފަށް ބޭނުންކުރާ ފަރާތްތަކުން، އެފަދަ ސަރަޙައްދުތައް ކުރިއަށް އޮތް 2 މަސްދުވަހުގެ ތެރޭގައި ސާފުކުރުމަށް އެޗްޑީސީން އަންގައިފިއެވެ.

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން ބުނީ އެއްމެދު ޢިމާރާތާ އިންވެގެން އޮންނަ ޢާއްމު ސަރަޙައްދުގައި ޤަވާޢިދާއި ޚިލާފަށް ތަންތަން ހަދާފައިވާ ފަރާތްތަކުންނާއި، ޢިމާރާތަށް ގެއްލުން ލިބޭގޮތަށް ގަސް އިންދާފައިވާ ފަރާތްތަކަށް އެފަދަ ތަންތަން ސާފުކުރުމަށް އިއްޔެއިން ފެށިގެން 2 މަސްދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ.

އެއްމެދު ޢިމާރާތުގައި ހިމެނޭ އާއްމު ބައިތަކާއި ވަސީލަތްތަކަކީ އެ ޢިމާރާތެއްގައި ދިރިއުޅޭ ހުރިހާ ފަރާތްތަކުގެ މަސްލަޙަތު ހިމެނޭ ތަންތަނުގެ ގޮތުގައިވަނީ ބިމާއިބެހޭ ޤާނޫނުގައި ބަޔާންކޮށްފައެވެ. އެއްމެދު އިމާރާތްތައް ބޭނުންކުރަންޖެހޭނީ މިއުސޫލުގެ ދަށުން ނަމަވެސް ހުޅުމާލޭގައި ޢިމާރާތްކޮށްފައިވާ އެއްމެދު ޢިމާރާތާއި އިންވެގެން އޮންނަ ޢާންމު ސަރަޙައްދު އެކި ފަރާތްތަކުން ޤަވާޢިދާއި ޚިލާފަށް ބޭނުންކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް އެޗްޑީސީން ހާމަކުރެއެވެ. މިގޮތުން އެއްމެދު ޢިމާރާތުގެ އެންމެ ތިރީގައި ހުންނަ ޢާންމު ބައިތަކުގައި ޢިމާރާތާ އިންވެގެން ޤަވާޢިދާއި ޚިލާފަށް ތަންތަން ރާނާ، ހިޔާކޮށް އިތުރު ބައިތަކެއް ބައެއް ފަރާތްތަކުން ވަނީ ހަދާފައެވެ. އަދި ޢިމާރާތަށް ގެއްލުންވެދާނެ ފަަދަ ގޮތަށް ގަސްތައް ހައްދަމުންދާކަން ފާހަގަކުރެވިފައިވާކަމަށްވެސް އެޗްޑީސީއިން ހާމަކުރެއެވެ.

މިއީ ޢިމާރާތުގައި ދިރިއުޅޭ އެހެން މީހުންނާއި، އާއްމު ރައްޔިތުން ޝަކުވާ ކުރަމުންދާ ކަމަކަށްވެފައި، މިކަމުގެ ސަބަބުން އެތަންތަނުގެ މެއިންޓަނަންސް މަސައްކަތް ކުރުމަށް ދަތިތަކާ ކުރިމަތިވުމާއި، އެތަންތަނުގައި އިންދާފައި ހުންނަ ބޮޑެތި ގަސްގަހުގެ މުލުގެ ސަބަބުން ޢިމާރާތުގެ އޮނިގަނޑަށް ގެއްލުންވުމުގެ ފުރުސަތު އޮތްކަމެއްކަން އެޗްޑީސީން ފާހަގަކުރެއެވެ. އަދި މިފަދަ ތަންތަން ހަދާފަ ހުރުމުގެ ސަބަބުން ޢިމާރާތުގައި ނުރައްކާތެރި ޙާދިސާއެއް ކުރިމަތިވާ ޙާލަތެއްގައި މީހުން ސަލަމާތް ކުރުމުގައިވެސް ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމެއް ކަމަށްވާތީ މިގޮތަށް ހަދާފައިހުރި ތަންތަން ނަގާ ސާފުކުރުމަށް އެޗްޑީސީއިން އެފަދަ ފަރާތްތަކަށް ވަނީ އަންގާފައެވެ. އެހެންނަމަވެސް ބައެއް ފަރާތްތަކުން އެކަންކަން އިސްލާޙުކޮށްފައިނުވާ ކަމަށާއި، އެހެން ކަމުން މިފަދަ ތަންތަން ކުރިއަށްއޮތް 2 މަސްދުވަހުގެ ތެރޭގައި ސާފުކުރުމަށް އަންގާފައިވާނެކަަމަށް އެޗްޑީސީއިން ވިދާޅުވެއެވެ.

އެޗްޑީސީއިން ބުނީ މި މުއްދަތުގައި އެފަދަ ތަންތަން ސާފު ނުކުރާނަމަ، އެކޯޕަރޭޝަންގެ ފަރާތުން އެތަންތަން ނަގައި ސާފުކުރާނެ ކަމަށާއި، މިކަމުގެ ސަބަބުން އެއްވެސް ފަރާތަކަށް ލިބޭ ގެއްލުމަކަށް އެޗްޑީސީން ޒިންމާނުވާނެ ކަމަށެވެ. މިކަމަކީ އެއްމެދު ޢިމާރާތުގައި ދިރިއުޅޭ އެންމެންގެ މަންފާއަށްޓަކައި ކުރެވޭ ކަމަކަށް ވާތީ، ހުރިހާ ފަރާތްތަކުން އެއްބާރުލުން ދިނުމަށް އެޗްޑީސީން އެދެއެވެ.